Advertisement

ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ޖެނުއަރީގައި ބާއްވަން ނިންމައިފި

26 ފެބުރުވަރީ 2025 - 07:51 0

ސައުތު އޭޝިއަން ގޭމްސްގެ ރޭހެއްގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް،އެމްވީ


ސައުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ޖެނުއަރީގައި ބާއްވަން ނިންމައިފި

26 ފެބުރުވަރީ 2025 - 07:51 0

ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ބޭއްވޭ އެންމެ ބޮޑު ކުޅިވަރު ހަރަކާތް ސައުުތު އޭޝިއަން ގޭމްސް އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވަން ސައުތު އޭޝިއާ އޮލިމްޕިކް ކައުންސިލް (އެސްއޭއޯސީ) އިން ނިންމައިފި އެވެ.

މި ގޮތަށް ނިންމާފައިވަނީ، ޕާކިސްތާނުގައި އިއްޔެ ކުރިއަށްދިޔަ އެސްއޭއޯސީގެ ބައްދަލުވުމުގަ އެެވެ.

މިއީ، 2023 ވަނަ އަހަރު ބާއްވަން އެންމެ ފުރަތަމަ ނިންމި ގޭމްސްއެއް ނަމަވެސް އެކި ސަބަބުތަކާ ހުރެ ހަތަރު ފަހަރެއްގެ މަތިން ފަސްކުރުމަށް ފަހު، މިހާރު ނިންމާފައި އޮތީ އަންނަ އަހަރުގެ ޖެނުއަރީ 23 އިން 31 އަށް ޕާކިސްތާންގެ ލާހޯރު، ފައިސަލްއާބާދު އަދި އިސްލާމްއާބާދުގައި ކުރިއަށްގެންދާ ގޮތަށެވެ.

މީގެ ކުރިން، ޕާކިސްތާނުގައި ސައުތު އޭޝިއަން ގޭމްސް ބޭއްވީ 1989 ވަނަ އަހަރާއި 2004 ވަނަ އަހަރު އެވެ. އެންމެ ފަހުން ސައުތު އޭޝިއަން ގޭމްސް ބޭއްވީ 2019 ވަނަ އަހަރު ޑިސެމްބަރު މަހު ނޭޕާލުގެ ކަތުމަންޑޫ އާއި ޕޮކާރާގަ އެވެ. އޭގެ ކުރިން ބޭއްވީ 2016 ވަނަ އަހަރު، ފެބްރުއަރީ މަހު، އިންޑިއާގެ ޝިލޯން އާއި ގުވަހާޓީގަ އެވެ. އެ ދެ ފަަހަރު ވެސް ގޭމްސް ބޭއްވުނީ އެކި ފަހަރު މަތިން ޝެޑިއުލްކޮށްގެންނެވެ. އެންމެ ފަހުން ދެ ފަހަރު ވެސް ސައުތު އޭޝިއަން ގޭމްސް ބޭއްވުނީ ކަނޑައެޅި މުއްދަތަށް ވުރެ ފަހުންނެވެ.

އަންނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ކުރިއަށްގެންދަން، ޖުމްލަ އެކު، 27 ކުޅިވަރު ހަރަކާތެއް ވަނީ އެސްއޭއޯސީން މި ވަގުތަށް ފާސްކޮށްފަ އެވެ. މި ކުޅިވަރުތަކާ ބެހޭ ހުރިހާ ކަމެއް އެޕްރޫވްކުުރުމަށް މި އަހަރުގެ މާޗް މަހުގެ ނިޔަލަށް ވަނީ މުއްދަތެއް ކަނޑައަޅައިފަ އެވެ.

އެސްއޭއޯސީން ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ބަައިވެރިވެފައިވަނީ، އޮލިމްޕިކް ކޮމިޓީގެ ނައިބު ރައީސް، އަހުމަދު މުންތަގިމް އާއި ސެކްރެޓަރީ ޖެނެރަލް، ތަމޫހު އަހުމަދު ސައީދު (ތަމޫ) އެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ބުނީ، ސައުތު އޭޝިއަން ގޭމްސް އަކީ ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމުގަައި މުހިންމު ގޭމްސް އަކަށް ވީ ހިނދު، މި ގޭމްސްގައި ބައިވެރިވާނެ ކުޅިވަރުތައް ފައިނަލް ކުރުމުގައި ހުރިހާ މެމްބަރު އެސޯސިއޭޝަންތަކާ މަޝްވަރާ ކުރެވިގެންދާނެ އެވެ.

އޮލިމްޕިކް ކޮމިޓީން މި އަހަރަށް ފާސްކުރި ބަޖެޓުގައި އެންމެ ބޮޑު ބައެއް ހިމަނާފައިވަނީ، ސައުތު އޭޝިއަން ގޭމްސް އަށް ހިނގާނެ ހަރަދެއްގެ ގޮތުގައި އެވެ.