Advertisement

ގުޅީފަޅުގެ ނުހިއްކާ ބަޔަށް ސަރުކާރުން ބަދަލުކުރި ގޯތިތައް ހިއްކާފައިވާ ބިމަށް ބަދަލުކުރަނީ

25 ފެބުރުވަރީ 2025 - 20:53 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް ޑރ. މުހައްމަދު މުއިއްޒު: އެމަނިކުފާނު ވިދާޅުވީ ގުޅީފަޅުން ދިން ހުރިހާ ގޯއްޗެއް ދެތިން މަސްތެރޭ ހަވާލުކުރާނެ ކަމަށް --- ފޮޓޯ: ރައީސް އޮފީސް


ގުޅީފަޅުގެ ނުހިއްކާ ބަޔަށް ސަރުކާރުން ބަދަލުކުރި ގޯތިތައް ހިއްކާފައިވާ ބިމަށް ބަދަލުކުރަނީ

25 ފެބުރުވަރީ 2025 - 20:53 0

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތިތަކުގެ ތެރެއިން 1،300 ގޯތި ގުޅީފަޅުގެ ނުހިއްކާ ސަރަހައްދަށް ބަދަލުކުރުމަށްފަހު އަނެއްކާ ވެސް އެ ގޯތިތައް ހިއްކި ސަރަހައްދަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

ދ. އަތޮޅަށް ކުރެއްވި ދަތުރުގެ ތެރެއިން އެ އަތޮޅު މީދޫގައި ހުންނަވާ ވާހަކަދައްކަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، ތިންވަނަ ފަހަރަށް ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ސަރުކާރުން ބަދަލު ގެނެސްފައިވާ ކަމަށެވެ. އެ ޕްލޭން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

"ނުހިއްކާ އޮތް ތަނުން ގޯތި ލިބުނު ހުރިހާ އެންމެނަށް މިހާރު ހިކިފަ އޮތް ބިމުން ގޯތި ހަމަޖެހިގެންދާނެ. އެހެންވީމަ ކުރިއަށް އޮތް ދުވަސްތަކުގައި އަޅުގަނޑުމެން ވަރަށް އަވަހަށް ހިއްކާފައި އޮތް ސަރަހައްދުން [ގޯތިތައް ދޭނަން]،" ރައީސް ވިދާޅުވި އެވެ.

ގުޅީފަޅުގެ ފުން ސަރަހައްދުން ގޯތި ތަކެއް ދީފައި ހުރި ކަމަށް ރޭ ރައީސް ވިދާޅުވިއިރު، އެ ގޯތިތައް އެ ސަރަހައްދަށް ބަދަލުކުރީ މި ސަރުކާރުންނެވެ.

މި ސަރުކާރުން ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ލިބުނު ބައެއް ގޯތި ގުޅީފަޅަށް ބަދަލުކޮށް އެ ދެ ތަނުގެ ލޭންޑް ޔޫސް ޕްލޭން ބަދަލުކޮށް ގުރުނެގީ އޮކްޓޯބަރު 29، 2024 ގަ އެވެ. އޭރު އާންމުކުރި ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭނާއި ގޯތިތަކުގެ ޕްލޮޓު ނަމްބަރަށް ބަލާއިރު، ގުޅީފަޅުގެ ނުހިއްކާ އޮތް ސަރަހައްދުން 1،339 ގޯއްޗެއް ދޭން އޮތީ ހިމަނާފަ އެވެ.

މީދޫގައި ހުންނަވާ ރައީސް ވިދާޅުވީ، އަލަށް އެކުލަވާލީ ލޭންޑް ޔޫސް ޕެލޭނުގެ ދަށުން ގުޅީފަޅުގެ ހިއްކި ސަރަހައްދުގައި އަސާސީ ހުރިހާ ހިދުމަތްތަކެއް ގާއިމުކުރާނެ ކަމަށެވެ. އަދި ބަދަލުކުރާ ގޯތިތައް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭ ހަވާލުކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ކުރިއަށް މިއޮތް ދެ ތިން މަސް ތެރޭގަ ހުރިހާ ރައްޔިތުންނަށް. ގުޅީފަޅުން ގޯތި ލިބުނު ހުރިހާ ރައްޔިތުންނަށް ރަޖިސްޓްރީ ހަވާލުކޮށް އަޅުގަނޑުމެން ނިންމާނަން. އަމަލީ ގޮތުން ކަޑަޖަހާ އިން ވަކިކޮށް ގޯތިވެސް އަޅުގަނޑުމެން ހަވާލުކުރާނަން" ރައީސް ވިދާޅުވި އެވެ.

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން ތިންވަނަ ފަހަރަށް ސަރުކާރުން ބަދަލުކުރީ ގުޅީފަޅުގެ މަގުތަކާއި އެ ރަށުގެ ހިދުމަތްތައް ދިނުމަށް ބޭނުންވާ މުނިސިޕަލް އިމާރާތްތައް އަޅަން ޗައިނާގެ ޗައިނާ މެޝީނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށްފައި ވަނިކޮށެވެ.

ގުޅީފަޅުގެ މަގުތައް ހެދުމާއި މުނިސިޕަލް ހިދުމަތްތައް ދޭން ބޭނުން ކުރާނެ އިމާރާތްތައް އަޅަން ސީއެމްއީސީ އާ ހަވާލު ކުރީ ރައީސް އޮފީހުގައި ޖެނުއަރީ 6، ގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.