Advertisement

ކެންޑިޑޭޓުންގެ ކެމްޕެއިން ބަޖެޓުގެ 90 ޕަސެންޓު ހަރަދުކުރަނީ ވޯޓު ގަންނަން: ދިރާސާ

25 ފެބުރުވަރީ 2025 - 10:38 0

އަމަން ހަލީމް

އަމަން ހަލީމް

އެންމެ ފަހުން ބޭއްވި މަޖިލިސް އިންތިހާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރަނީ: އާންމު އިންތިހާބުތަކުގައި ބައެއް ދާއިރާތަކަށް 15 މިލިއަން ރުފިޔާ ކެމްޕެއިނަށް ހަރަދުކުރާ ކަމަށް ދިރާސާއިން ދައްކާ -- ފޮޓޯ: މިރާން ނާޝިމް/އަދަދު


ކެންޑިޑޭޓުންގެ ކެމްޕެއިން ބަޖެޓުގެ 90 ޕަސެންޓު ހަރަދުކުރަނީ ވޯޓު ގަންނަން: ދިރާސާ

25 ފެބުރުވަރީ 2025 - 10:38 0

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުންގެ ކެމްޕެއިން ބަޖެޓުގެ 75 ޕަސެންޓާއި 90 ޕަސެންޓު ފައިސާ ހަރަދުކުރަނީ އާންމުންގެ ވޯޓު ގަންނަން ކަމަށް ދިރާސާ ރިޕޯޓަކުން ދައްކައިފި އެވެ.

އަމިއްލަ ޖަމިއްޔާއެއް ކަމުގައިވާ, ވެސްޓްމިނިސްޓާ ފައުންޑޭޝަން ފޯ ޑިމޮކްރެސީ (ޑަބްލިޔުއެފްޑީ) އިން ހެދި "ކޮސްޓް އޮފް ޕޮލިޓިކްސް" ދިރާސާގައިވާ ގޮތުގައި ހުރިހާ އިންތިހާބެއްގައިހެން ވޯޓު ގަތުމުގެ ކަންކަން ވަރަށް ފުޅާކޮށް ހިނގަ އެވެ.

އެ ގޮތުން އިންތިހާބުތަކުގައި ވާދަކުރާ ކެނޑިޑޭޓުން, ޕާޓީތަކުގެ ޓިކެޓު ހޯދަން ބާއްވާ ޕްރައިމަރީތަކުގައި ދެ ލައްކަ ރުފިޔާ އާއި ފަސް ލައްކަ ރުފިޔާއާ ދެމެދުގެ އަދަދެއް ހަރަދުކުރެ އެވެ. އަދި އާންމު އިންތިހާބުތަކުގައި ދެ މިލިއަނާއި ފަސް މިލިއަނާ ދޭތެރޭގެ އަދަދެއް ހަރަދުކުރެ އެވެ. ބައެއް ދާއިރާތަކުގެ އިންތިހާބުގައި 15 މިލިއަން ރުފިޔާއާ ހަމައަށް ހަރަދުކުރާ ކަމަށް ވެސް އެ ރިޕޯޓުގައި ވެ އެވެ.

ކެމްޕެއިން ބަޖެޓުގެ ތެރެއިން ބޮޑު ބަޔެއް ވޯޓު ގަންނަން ހަރަދުކުރާއިރު, ކޮންމެ ވޯޓެއްގެ "މާކެޓު ރޭޓް" އަކީ 5,000ރ. ކަމަށް ދިރާސާގައި ވެ އެވެ. މިހެން ހަރަދުކުރާއިރު ސީދާ ނަގުދު ފައިސާ ދިނުމާއި ބިލުތައް ދައްކައި ދިނުމާއި ދަތުރުކުރަން ހަރަދުކުރުމާއި ގޭތެރޭގައި ގެންގުޅޭ އެޕްލަޔަންސްތައް ވެސް ހިމެނެ އެވެ.

ކެމްޕެއިނުތަކުގައި ހަރަދުކުރާ ފައިސާގެ ތެރޭގައި އަމިއްލަ ފައިސާ އާއި ވިޔަފާރިތަކުން ދޭ ޑޮނޭޝަންތައް ހިމެނެ އެވެ. އޭގެ އިތުރުން ކުށްކުރާ މީހުންގެ ތެރެއިންނާއި ބޭރުގެ ފަރާތްތަކުން ވެސް ކެމްޕެއިންތަކަށް ހަރަދުކުރާ ކަމަށް ތުހުމަތުކުރެވޭ ކަމަށް އެ ދިރާސާއިން ދައްކަ އެވެ.

މިހެން ހޯދާ ފައިސާގެ ތެރޭގައި ނުރަސްމީ ލޯނުތައް އާންމު ކަމަށާއި, މިހެން ނަގާ ލޯނުތައް ނަގަނީ އޭގެ މުގާބިލުގައި ސަރުކާރުގެ ކޮންޓްރެކްޓުތަކާއި އެހެން ބައެއް ކަންކަން ކޮށްދޭން އެއްބަސްވެގެން ކަމަށް ވެސް އެ ރިޕޯޓުގައި ބަޔާންކޮށްފައި ވެ އެވެ.

މަޖިލިސް އިންތިހާބުގެ ކެންޑިޑެސީ ހޯދަން ބާއްވާ ޕްރައިމަރީތަކުގައި ޕާޓީތަކުގެ ވެރިންގެ ނުފޫޒު ވަރަށް ބޮޑު ކަމަށް ވެސް ޑަބްލިޔުއެފްޑީން ބުނެފައިވެ އެވެ. އަދި ސަރުކާރު ހިންގާ ޕާޓީން މަޖިލިސް އިންތިހާބު ކާމިޔާބުކުރާއިރު, މި އިންތިހާބުތަކުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުން ވެސް އާންމު ކަމަށް ހޯދުންތަކުން ދައްކަ އެވެ.

ޑަބްލިޔުއެފްޑީގެ މި ދިރާސާއަކީ ރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނުގެ އިންޓަގްރޭޓަޑް ސެކިއުރިޓީ ފަންޑުން ފަންޑުކޮށްގެން ހަދާފައިވާ ދިރާސާއެެކެވެ.