ޑޯނިއާ ރާއްޖޭގެ އުތުރުގައި އުދުހެނީ، މިނިސްޓްރީ އަދި އެމްއެންޑީއެފް ބުނީ ދަތުރުގެ މައުލޫމާތެއް ނޭނގޭ ކަމަށް

24 ފެބުރުވަރީ 2025 - 09:15 0

އަހުމަދު އާއިދު

އ

ރާއްޖޭގައި އުދުއްސާ ޑޯނިއާ މަތިންދާ ބޯޓު -- ފޮޓޯ: އެމްއެންޑީއެފް


ޑޯނިއާ ރާއްޖޭގެ އުތުރުގައި އުދުހެނީ، މިނިސްޓްރީ އަދި އެމްއެންޑީއެފް ބުނީ ދަތުރުގެ މައުލޫމާތެއް ނޭނގޭ ކަމަށް

24 ފެބުރުވަރީ 2025 - 09:15 0

ހދ. ހަނިމާދޫގައި އޮންނަ އިންޑިއާގެ އަސްކަރީ އުޅަނދު، ޑޯނިއާއިން ރާއްޖޭގެ އުތުރު ބޯޑަރު ކައިރީގައި މިއަދު އުދުހެފި އެވެ. އެ ދަތުރާ ބެހޭ މައުލޫމާތެއް ނޭނގޭ ކަމަށް ސަރުކާރުން ބުނެ އެވެ.

ވައިގެމަގުން ދަތުރުކުރާ އުޅަނދުތައް ޓްރެކްކުރާ ސައިޓުތަކުން ދައްކާ ގޮތުގައި ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން ޑޯނިއާ ފުރީ މީގެ ގަޑިއިރެއްހާއިރު ކުރިންނެވެ. މި ދަތުރުގައި އެ އުޅަނދު ވަނީ ހއ. ކެލާ އިން ފެށިގެން 60 އަށްވުރެ ގިނަ ކިލޯމީޓަރު އުތުރަށް ދުއްވައިފަ އެވެ. އެ ހިސާބުން އަނބުރާލުމަށްފަހު ދުއްވީ ދެކުނަށެވެ.

މި ނޫހުން އެއްކުރި މައުލޫމާތުން އެނގޭ ގޮތުގައި މި ދަތުރުގައި ޑޯނިއާ އުދުހިފައިވަނީ 8،000 ފޫޓާއި 10،000 ފޫޓާ ދެމެދުގެ އުސްމިނެއްގަ އެވެ.

ޑޯނިއާ ދަތުރު ކުރި ގޮތް


ޑޯނިއާ ދުއްވަން ތިބި އިންޑިއާ ސިފައިން މި ސަރުކާރުން ފޮނުވާލައި، މިހާރު އެ އުޅަނދު ދުއްވަނީ އިންޑިއާގެ ސަރުކާރުން ހިންގާ ޑިފެންސް ކުންފުންޏެއްގެ މަދަނީންނެވެ.

އެ ދަތުރާ ބެހޭ މައުލޫމާތު ހޯދަން މި ނޫހުން ގުޅުމުން އެމްއެންޑީއެފް އަދި ޑިފެންސް މިނިސްޓްރީއިން ވެސް ބުނީ އެ ދަތުރުގެ މައުލޫމާތެއް ނޭނގޭ ކަމަށެވެ.

ޑޯނިއާ ދުއްވާ އިންޑިއާގެ މަދަނީން އަމަލުކުރަނީ ކުރިން ތިބި އިންޑިއާގެ ސިފައިން ވެސް އަމަލުކުރި އެއްބަސްވުމަށެވެ. އެ އެއްބަސްވުމުގައި ބުނާ ގޮތުން އިންޑިއާގެ އަސްކަރީ އުޅަނދުތައް ދުއްވޭނީ ދިވެހި ސަރުކާރާއި ދިވެހި ސިފައިންގެ ބެލުމުގެ ދަށުން އެ ފަރާތްތަކުގެ ހުއްދައާއެކު އެވެ.

ހަނިމާދޫއިން ޑޯނިއާ ނައްޓާލާ މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަނީ ދަތުރު ފެށުމަށް ރަންވޭއަށް ޓެކްސީ ކުރާ މަންޒަރެވެ.