23 ފެބުރުވަރީ 2025 - 22:44 3
އަހުމަދު އާއިދު
ރައީސް ޑރ. މުހައްމަދު މުއިއްޒު : ސަރުކާރުން ކޯޓުތަކުގެ ގާނޫނަށް ބަދަލު ގެންނަން ވަނީ ހުށަހަޅާފަ --- ފޮޓޯ: ރައީސް އޮފީސް
23 ފެބުރުވަރީ 2025 - 22:44 3
ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ފާސް ކުރި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުން ބަލަނިކޮށް އެ ކޯޓުގެ ދެ ފަނޑިޔާރުން ވަކިކޮށް ފަނޑިޔާރުންގެ އަދަދު ފަހަކަށް ބަދަލު ކުރަން، ބިލެއް ހުށަހަޅައިފި އެވެ.
ކޯޓުތަކުގެ ގާނޫނަށް ބަދަލު ގެނެސް ފަނޑިޔާރުންގެ އަދަދު މަދު ކުރަން ހުށަހަޅައި ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހޮޅުދޫ ދާއިރާގެ މެންބަރު އަބްދުއްސައްތާރު މުހައްމަދު އެވެ.
އެ ބިލުގައި ބުނެފއި ވަނީ ފަނޑިޔާރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކޯޓުން ވަކި ކުރާނެ ދެ ފަނޑިޔާރުން ކަނޑައަޅަންޖެހޭނީ ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަމަށެވެ. ގާނޫނަށް އަމަލު ކުރަންފަށާތާ ފަސް ދުވަހުގެ ތެރޭގައި ވަކި ކުރާނެ ފަނޑިޔާރުންގެ ނަންތައް ޖޭއެސްސީން މަޖިލީހަށް ފޮނުވަންޖެހެ އެވެ.
ވަކި ކުރާ ފަނޑިޔާރުންގެ ނަންތައް ފޮނުވާތާ ހަތް ދުވަހުގެ ތެރޭގައި އެ ފަނޑިޔާރުން ވަކި ކުރުމާމެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމަންޖެހެ އެވެ. ފަނޑިޔާރުން ވަކި ކުރެވޭނީ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުންނެވެ.
އެ ބިލުގައިވާ ގޮތުން، ސުޕްރީމް ކޯޓުން ވަކި ކުރާ ދެ ފަނޑިޔާރުން ކަނޑައެޅުމަށްޓަކައި، އެހެނިހެން ގާނޫނުތަކާއި ގަވާއިދުތަކުން އެފަދަ މަސައްކަތް ކުރަން ދީފައިވާ މުއްދަތުތަކަށް ޖޭއެސްސީން ބަލާކަށް ނުޖެހެނޭ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދު ކުރަން ބިލެއް ހުށަހެޅިއިރު، ޖުޑީޝަލް ސާވިސް ކޮމިޝަނަށް ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން އައްޔަންކޮށްފައިވާ މެންބަރު ވަނީ މިއަދު ބަދަލުކޮށްފަ އެވެ. އެ މަގާމުގައި ހުންނެވި ގާނޫނީ ވަކީލު މުހައްމަދު ސަމީރު ވަކިކޮށް އެ މަގާމަށް އައްޔަން ކުރީ ޔަޒްމީދު މުހައްމަދެވެ.
ނޮވެމްބަރު 20، 2024، ގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ ސަބަބުން، މެންބަރުންގެ ގޮނޑި ގެއްލުވާލުމުގެ ފުރިހަމަ ބާރު ސިޔާސީ ޕާޓީތަކަށް ލިބެ އެވެ. ސިޔާސީ ޕާޓީއަކުން މެންބަރަކު ވަކިކޮށްފި ނަމަ ގޮނޑި ގެއްލޭނެ އެވެ. އަދި އެހެން ޕާޓީއަކަށް ބަދަލުވި ނަމަވެސް ގޮނޑި ގެއްލޭނެ އެވެ.
އެ އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސެއިންނެވެ. އެ މައްސަލަ ބަލައިގަނެ ކޯޓުގައި ކުރިއަށް ގެންދަން ސުޕްރީމް ކޯޓުން ވަނީ މިދިޔަ އަންގާރަ ދުވަހު ނިންމައިފަ އެވެ.
އެ މައްސަލަ ހުށަހަޅުއްވަމުން އަލީ ހުސެއިންގެ ވަކީލު މަހްފޫޒް ސައީދު ވިދާޅުވީ ގޮނޑި ގެއްލުވައިލުމުގެ ބާރު ޕާޓީތަކަށް ލިބޭ ގޮތަށް ގެނައި އިސްލާޙު އަސާސީއާ ހިލާފުވުމުގެ އިތުރުން އެއީ ރިޔާސީ ނިޒާމުގެ ސިފައެއް ވެސް ނޫން ކަމަށެވެ.
"ގާނޫނުއަސާސީގައި އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދީފައިވަނީ ރައްޔިތުންގެ އަސާސީ ހައްގުތަކަށާއި ރައްޔިތުންގެ ކިބައިން ފެށިގެން އަދި ދެމިގެންދާ އެއްޗެއްގެ ގޮތުގައި ދައުލަތުގެ އެންމެހައި ބާރުތައް އޮތުމުގެ މައްޗަށް. ރައްޔިތުން މި ބާރު ތަމްސީލުކުރާނީ އެ މީހުން އިންތިހާބުކުރާ މެންބަރުން މެދުވެރިކޮށް،" މަހްފޫޒް ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment