Advertisement

ފަސް މަސް ފަހުން ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރުސީއެމް އިން ބަލަން ފަށައިފި

23 ފެބުރުވަރީ 2025 - 10:11 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ޒަހަމްތަކަކާ އެކު މަރުވެފައި އޮއްވައި ފެނުނު ޒަކިއްޔާ: އޭނާގެ މަރުގެ ތަހުގީގު ފުރިހަމަނުކުރާ ކަމަށް ބުނެ ހޮޅުދޫ ރައްޔިތުންގެ ގިނަ ކަންބޮޑުވުން އެބަހުރި ---


ފަސް މަސް ފަހުން ޒަކިއްޔާގެ މަރުގެ މައްސަލަ އެޗްއާރުސީއެމް އިން ބަލަން ފަށައިފި

23 ފެބުރުވަރީ 2025 - 10:11 0

ނ. ހޮޅުދޫ ގެއެއްގެ ތެރޭގައި މިދިޔަ ސެޕްޓެމްބަރު 10، ގައި މަރުވެފައި އޮތް ނިއުލައިފް، ޒަކިއްޔާ މޫސާ، 50، ގެ މަރަށް ފަސް މަސް ވި ފަހުން އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ތަހުގީގުކުރަން ފަށައިފި އެވެ.

އެޗްއާރުސީއެމް ގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓުން އިއްޔެ ކުރި ޕޯސްޓެއްގައި ބުނީ، އެ މައްސަލަ ބަލަން ފެށީ މިހާތަނަށް ތަހުގީގީ އިދާރާތަކުން މި މައްސަލަ ތަހުގީގުކުރަމުންދާ ގޮތާ މެދު ހުރި ކަންބޮޑުވުންތަކެއް ޒަކިއްޔާގެ ގާތްތިމާގެ މީހުން ޝަކުވާތަކެއް ހުށަހަޅާފައިވާތީ ކަމަށެވެ.

"މި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކުން އަމަލުކުރަމުންދާ ގޮތް މި ކޮމިޝަނުން ބެލުމަށް މިމައްސަލަދަނީ ތަހުގީގު ކުރަމުން،" އެޗްއާރުސީއެމް ގެ ޕޯސްޓުގައިވެ އެވެ.

އެގޮތުން މި މައްސަލައާ ގުޅުންހުރި މައުލޫމާތާއި ގުޅުންހުރި ލިޔެކުޔުންތައް ދިވެހި ފުލުހުންގެ ހިދުމަތުން ހޯދައި ލިބިފައިވާ މައުލޫމާތުތައް އެޗްއާރުސީއެމް އިން ދިރާސާކުރަމުންދާ ކަމަށް އެ ކޮމިޝަނުން ބުނެފައިވެ އެވެ.

ޒަކިއްޔާ މަރުވެފައި އޮއްވާ ފެނުނުއިރު ޒަކިއްޔާގެ ކަރުގައި ވަރަށް ފުން ފަސް ޒަހަމާއި ތިލަ އެއް ޒަހަމު ފެންނަން ހުރި ކަމަށް މި ތަހުގީގާ ގުޅިގެން ޑިސެމްބަރު 3، 2024 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ބުނެފައިވެ އެވެ. އެއީ 10، 9، 7، 5، އަދި ދެ ސެންޓިމީޓަރުގެ ޒަހަމްތަކެކެވެ.

ނަމަވެސް ޒަކިއްޔާގެ ހަށިގަނޑުގެ އިތުރު އެއްވެސް ހިސާބަކުން އަނިޔާގެ އެއްވެސް އަލާމާތެއް ފެންނަން ނެތް ކަމަށާއި އޭނާގެ ހަށިގަނޑު ކައިރިން ފެނުނު ވަޅީގަ އާއި ޒަކިއްޔާ ލައިގެން އޮތް ހެދުމުގައި ބައިވަރު ލޭ ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ.

އޭނާގެ ކަރުގައި ފުން ފަސް ޒަހަމެއް ހުރި ނަމަވެސް، އޭނާ މަރައިލި ކަމަށް ބެލޭނެ އެއްވެސް ހެއްކެއް މިހައިތަނަށް ލިބިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ނަމަވެސް، ޒަކިއްޔާ މަރުވީ އަމިއްލައަށް ނޫން ކަމަށާއި ބަޔަކު ނުވަތަ މީހަކު އޭނާ މަރާލީ ކަމަށް ބުނެ އޭނާގެ އާއިލާއިން އަދި ހޮޅުދޫގެ ރައްޔިތުން ދަނީ އަޑުއުފުލަމުންނެވެ. ސިލްސިލާ އެއްވުންތަކާއި މުޒާހަރާތަކުގެ ތެރެއިން އިއްޔެ ހޮޅުދޫގެ ރައްޔިތުންނާއި އެ ރަށުގައި ތިބި ފުލުހުންނާ ވަނީ ކުރިމަތިލާފަ އެވެ.

ޒަކިއްޔާ މަރުގެ މައްސަލައިގެ ތަހުގީގު ފުރިހަމަނުކުރާ ކަމަށް ހޮޅުދޫ މީހުން ތުހުމަތުކުރާއިރު, ފުލުހުން ވަނީ މި މައްސަލައިގައި އެމެރިކާގެ ފެޑެރަލް ބިއުރޯ އިންވެސްޓިގޭޝަން (އެފްބީއައި)ގެ އެހީތެރިކަން ހޯދާފައިވާ ކަމަށް ވެސް ބުނެފަ އެވެ.