ރ. އިންނަމާދޫ ވޮލީ ކޯޓު ރައީސް ޑރ. މުހައްމަދު މުއިއްޒު، މި އަހަރުގެ ޖެނުއަރީ 23 ގައި ހުޅުވައި ދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
މިދިޔަ އަހަރުގެ ފުރަތަމަ ހަ ހަފްތާގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދިޔުމަށް ސަރުކާރުން ހޭދަކުރި އަދަދަށް ވުރެ މި އަހަރުގެ އެ މުއްދަތުގައި ހޭދަކުރި އަދަދު ބޮޑުތަނުން ދަށްވެ މުސާރަ ދިނުމަށް ހަމަ އެ މުއްދަތުގެ ތެރޭގައި ކުރި ހަރަދު އިތުރުވެފައިވާކަން ދައުލަތުގެ މާލީ ހިސާބުތަކުން ދައްކައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ފެބްރުއަރީ 13, ގެ ނިޔަލަށް ދައުލަތުގެ އާމްދަނީ އާއި ހަރަދުތައް ހިމެނޭ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓު ރިޕޯޓު އާންމުކޮށްފަ އެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަ ހަފްތާގެ ނިޔަލަށް ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓު ޕްރޮގްރާމް (ޕީއެސްއައިޕީ) ނުވަތަ ތަރައްގީގެ މަޝްރޫއުތަކަށް ދައުލަތުގެ ބަޖެޓުން 819 މިލިއަން ރުފިޔާ ހޭދަކުރި އެވެ. ނަމަވެސް, މި އަހަރުގެ އެ މުއްދަތުގެ ނިޔަލަށް މަޝްރޫއުތަކަށް ހަރަދުކުރި ކަމަށް ދައްކަނީ 324 މިލިއަން ރުފިޔާ އެވެ.
މި އަހަރު ޕީއެސްއައިޕީ މަޝްރޫއުތަކަށް 12.3 ބިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާ އިރު މިހާތަނަށް އޭގެ ތެރެއިން ބޭނުން ކުރެވިފައި ވަނީ އެންމެ 2.62 ޕަސެންޓަވެ.
ނަންބަރުތަކަށް ބަލާއިރު މަޝްރޫއުތަކަށް ކުރި ހޭދަ ބޮޑުތަނުން ދަށްވެފައިވީ ނަމަވެސް ސަރުކާރުން ބުނަމުންދަނީ ހުއްޓިފައިވާ މަޝްރޫއުތައް ވެސް އަލުން ފަށައިގެން ކުރިއަށްގެންދާނެ ކަމަށެވެ. އަދި، މި އަހަރަކީ އަމަލީ ގޮތުން ތަރައްގީ ފެނިގެންދާނެ އަހަރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ވިދާޅުވެފަ އެވެ.
ތަރައްގީގެ މަޝްރޫއުތަކަށް ކުރި ހޭދަ ބޮޑުތަނުން ދަށްވުމާ އެކު ބަޖެޓު އަރަނި ކަމަށް ދެއްކި ނަމަވެސް ދައުލަތުގެ އާމްދަނީ ދަށްވުމާއި މުސާރަ ހަރަދު ބޮޑުވުމުގެ ސަބަބުން އޮތް މާލީ ގޮންޖެހުންތައް ދަނީ އިތުރުވަމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment