އެތައް އިރަކު ތިބެންޖެހޭ ދިގު ކިޔޫ ނިމެންދެން މިރޭ މަސްދަޅު ބަހަނީ

20 ފެބުރުވަރީ 2025 - 18:13 1

ލީވާން އަލީ ނާސިރު

ލ

މަސްދަޅު ބަލާ ގޮސް ތިބި މީހުންގެ ދިގު ކިޔޫ: ކިޔޫގައި ޖެހުނު އެންމެންނަށް މިރޭ މަސްދަޅު ބަހަން ވަނީ ނިންމާފައި -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


އެތައް އިރަކު ތިބެންޖެހޭ ދިގު ކިޔޫ ނިމެންދެން މިރޭ މަސްދަޅު ބަހަނީ

20 ފެބުރުވަރީ 2025 - 18:13 1

ކުރިއަށް އޮތް ރޯދަ މަހަށް ސަރުކާރުން ހިލޭ ދޫކުރާ މަސްދަޅު ބަލައި ދިޔަ މީހުން ދަމާލި ދިގު ކިޔޫގައި އެތައް ގަޑިއިރެއް ހޭދަކުރަން ޖެހުމުން، ކިޔޫ ހުސްވަންދެން މިރޭ މަސްދަޅު ބަހަން ނިންމައިފި އެވެ.

ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް އަދަދު އަށް ވިދާޅުވީ މާލޭ ސަރަހައްދުގައި މަސްދަޅު ކޭސް ބަހަން ފެށުމާ އެކު ކިޔޫގައި ގިނަ ބަޔަކު ޖެހުމުން، ކިޔޫ ހުސްވަންދެން މަސްދަޅު ބެހުމުގެ ކަންތައް ކުރިއަށް ގެންދާން މިހާރު ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މި މަސައްކަތް ކުރަނީ މިރޭ ވެސް ކިޔޫގައި ތިއްބެވި ހުރިހާ ބޭފުޅުންނަށް ހަމަ ކިތަންމެ ދަން ވިޔަސްވެސް ދޫކޮށްފައި ނިންމާލާނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ ފެބްރުއަރީ 28، ގެ ނިޔަލަށް މަސްދަޅު ބެހުން ކުރިއަށް ގެންދާނެކަން އިއުލާންކުރި ނަމަވެސް، އެ މުއްދަތަށް ފަހު ވެސް މަސްދަޅު ބެހުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށެވެ.

މަސްދަޅު ކިޔޫގައި ތިބެންޖެހޭ ވަގުތު ކުޑަ ކުރުމަށް ކުރެވޭނެ ކަންކަން ބަލައި، އެ ފިޔަވަޅުތައް ކުރިއަށް އޮތް ދުވަސްތަކުގައި އަޅާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ކޭސް ބެހުން -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މަސްދަޅު ބަލައި ގޮސް ހުރި މީހަކު އަދަދު އަށް ބުނީ ކިޔޫގައި ޖެހިގެން ތިން ގަޑިއިރު ހުންނަންޖެހުނު ކަމަށެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް މަސްދަޅު ކޭސް ބަހަން ފަށަން ކުރިން އިއުލާނު ކޮށްފައި އޮތީ މިއަދު މެންދުރުފަހު 2:30 ގައި މާލެ ސިޓީ ކައުންސިލުންނެވެ. ނަމަވެސް ކުއްލިއަކަށް އެކަން ބަދަލުކޮށް، މަސްދަޅު ކޭސްތައް ބަހަން ފަށާ ގަޑި މިރޭ 20:30 އަށް ފަހުން ބަދަލުކުރި އެވެ.

މާލެ ސަރަހައްދުގައި މަސްދަޅު ބަހަން ނިންމާފައި ވަނީ ހަތަރު ތަނަކުންނެވެ. އެއީ:

  • މާލެ - މިފްކޯ އޮފީސް ކޮމްޕައުންޑު އަދި އެމްޓީސީސީ ސޯމިލް
  • ވިލިނގިލި - ވެމްކޯ ސައިޓް
  • ހުޅުމާލެ ފޭސް 1 - އުމަރު ޒާހިރު ބިލްޑިން
  • ހުޅުމާލެ ފޭސް 2 - ހިޔާ ފްލެޓު ޓަވަރު 10 ގެ ޔޫތު ސެންޓަރު

ރޯދަ މަހަށް ހާއްސަކޮށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ދިނުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.