Advertisement

ގާނޫނުގައި ބުނެފައިވާ އަދަދަށް ވުރެ ގިނައިން ރޯދަ އެލަވަންސް ނުދޭން އެންގި ސާކިއުލާ ޕީސީބީއިން ބާތިލުކޮށްފި

20 ފެބުރުވަރީ 2025 - 22:43 2

ޕީސީބީ އަދި ފިނޭންސް ހިންގާ އިމާރާތް: ހަރަދު ކުޑަ ކުރަންޖެހޭ މި ހާލަތުގައި ސަރުކާރުން ދަނީ ބޮޑެތި ހަރަދުތަކެއް ކުރަމުން -- ފޮޓޯ: އަދަދު ފައިލް


ގާނޫނުގައި ބުނެފައިވާ އަދަދަށް ވުރެ ގިނައިން ރޯދަ އެލަވަންސް ނުދޭން އެންގި ސާކިއުލާ ޕީސީބީއިން ބާތިލުކޮށްފި

20 ފެބުރުވަރީ 2025 - 22:43 2

ގާނޫނުގައި ދޭން ލާޒިމުކޮށްފައިވާ 3000ރ. އަށް ވުރެ އިތުރަށް ރޯދަ އެލަވަންސް ނުދޭން އަންގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ނެރުނު ސާކިއުލާ ބާތިލުކޮށްފި އެވެ.

ޕީސީބީގެ ސާކިއުލާ ބާތިލު ކުރީ މިދިޔަ އަންގާރަ ދުވަހެވެ. އޭގެ ފަހުން ސަރުކާރުގެ ބައެއް ކުންފުނިތަކުން ދަނީ 3000ރ. އަށް ވުރެ ގިނައިން ރޯދަ އެލަވަންސް ދޫކުރަމުންނެވެ.

އެގޮތުން އެމްޕީއެލް އިން ވަނީ މިއަދު ރޯދަ އެލަވަންސްގެ ގޮތުގައި މުވައްޒަފުންނަށް 5000ރ. ދޫކޮށްފަ އެވެ. އެޗްޑީސީއިން ވެސް ހަމަ އެ އަދަދަށް މުވައްޒަފުންނަށް ފައިސާ ދޫކުރި އެވެ. އެ ނޫން ބައެއް ކުންފުނިތަކުން ވެސް އަންނަނީ ރޯދަ އެލަވަންސަށް ދިނުން ލާޒިމުވާ އަދަދަށްވުރެ އިތުރަށް ފައިސާ ދޫކުރަމުންނެވެ.

ޕީސީބީއިން މީގެ ކުރިން ނެރުނު ސާކިއުލާ ބާތިލު ކުރުމަށްފަހު އެތަނުން ބުނެފައި ވަނީ ރޯދަ އެލަވަންސް ދިނުމުގައި ފިނޭންސް މިނިސްޓްރީއިން ނެރުނު ސާކިއުލާއަކާ އެއްގޮތަށް އަމަލު ކުރުމަށެވެ.

ސަރުކާރު އޮފީސްތަކަށް ހާއްސަކޮށް ފެބްރުއަރީ 10، ގައި ފިނޭންސުން ނެރުނު އެ ސާކިއުލާގައި ބުނެފައި ވަނީ ކޮންމެ މުސްލިމަކަށް 3000ރ. ގެ އެލަވަންސެއް ރޯދަށް ދިނުމަށެވެ. އެކަމަކު، އިތުރަށް ފައިސާ ނުދެވޭނެ ވާހަކައެއް އެ ސާކިއުލާގައި ބުނެފައެއް ނުވެ އެވެ.

ރޯދަ އެލަވަންސަށް ގިނައިން ފައިސާ ދޫކުރަމުން މި އަންނަނީ ސަރުކާރުގެ ހަރަދު ކުޑަ ކުރަންޖެހޭ ކަމަށް އިންޓަނޭޝަނަލް މަނެޓަރީ ފަންޑުން ބުނެފައި އޮއްވަ އެވެ. ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގެ މާލީ ހާލަތު ގޯސްވުން ގާތް ކަމަށް ވެސް އައިއެމްއެފްއިން ބުނެފައިވެ އެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރަންޖެހިފައި އޮއްވައި އަންނަ ކުޑަ އީދަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުލަ ބޮކި ހަރުކުރަން ވެސް ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެކަމަށް މަދުވެގެން 28 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ސަރުކާރުން ބުނެފައިވެ އެވެ.

އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށްގެން މި އަހަރު ކުލަބޮކި ހަރު ކުރަން ނިންމިއިރު، މިދިޔަ އަހަރު ވެސް ވަރަށް ގިނަ ފައިސާ ހަރަދުކޮށްގެން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ކުލަބޮކި ހަރު ކުރި އެވެ. އެކަމަކު އެ ބޮކިތައް މިއަހަރު ބޭނުން ކުރާ ކަމެއް ނޭނގެ އެވެ.