Advertisement

ބައްޔެއް ފެތުރި ވަރަށް ގިނަ ކޮތަރު މަރުވެ، ބަލި ކޮތަރު މާލޭގެ އެކި ހިސާބުތަކުން ފެންނަން ފަށައިފި

20 ފެބުރުވަރީ 2025 - 20:41 1


ބައްޔެއް ފެތުރި ވަރަށް ގިނަ ކޮތަރު މަރުވެ، ބަލި ކޮތަރު މާލޭގެ އެކި ހިސާބުތަކުން ފެންނަން ފަށައިފި

20 ފެބުރުވަރީ 2025 - 20:41 1

ވެރި ރަށް މާލޭގައި ކޮތަރަށް ޖެހޭ ވަރުގަދަ ބައްޔެއް ހަލުވިކަމާއެކު ފެތުރި، މަރުވެފައި ހުރި ކޮތަރު އަދި ބަލި ކޮތަރު އެކި ހިސާބުތަކުން ފެންނަން ފަށައިފި އެވެ.

ބަލި ކޮތަރުގެ ތުންގަނޑު އަދި ލޯ ކައިރީގައި ހުންނަނީ އެއްޗެހިތަކެއް ނަގައިފަ އެވެ. ބައެއް ބަލި ކޮތަރުތަކަކަށް ނުއުދުހެވެ އެވެ. އެ ބަލީގެ އަސަރުކޮށްފައި ވަނީ ކިހާ އަދަދެއްގެ ކޮތަރަކަށް ކަމެއް އަދި ނޭނގެ އެވެ.

ކޮތަރަށް ޖެހޭ ބަލި ފެތުރޭތީ މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާއިން ދަނީ މިހާރު އެކަން ބަލަމުންނެވެ. އަދި އެއީ ކޮން ބައްޔެއްކަން ދެނެގަތުމަށް ޓެސްޓު ހެދުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

"މާލޭގެ އެކި ހިސާބުތަކުން ބަލިވެފައިވާ ކޮތަރާއި، މަރުވެފައިވާ ކޮތަރުތައް ފެންނަމުންދާކަން، މި ވުޒާރާގެ ސަމާލުކަމަށް އައުމާ ގުޅިގެން، އެކަން ދިމާވާ ސަބަބު ދެނެގަތުމުގެ މަސައްކަތް މި ވުޒާރާއިން ފަށާފައިވާ ވާހަކަ ދަންނަން،" އެ މިނިސްޓްރީން ބުންޏެވެ.

އެނިމަލް ވެލްފެއާ މިނިސްޓްރީއިން ބުނީ ބަލި އަދި ބަލި ފެތުރޭ ސަބަބު ދެނެގަނެވުނުހާ އަވަހަކަށް އާންމުންނަށް އެކަން އަންގާނެ ކަމަށެވެ.

"ސަބަބު ދެނެގަނެވޭހާ އަވަހަކަށް، އެކަމުގެ ތަފްސީލް އާންމު ކުރާނެވާހަކަ ދެންނެވިން،" އެ މިނިސްޓްރީން ބުންޏެވެ.

އެ ބައްޔަކީ ކިހާ ނުރައްކާތެރި ބައްޔެއް ކަމެއް ވެސް އަދި ނޭނގެ އެވެ. އަދި އެއީ ކޮތަަރުން އިންސާނުންގެ ގަޔަށް އަރާ ބައްޔެއްކަން ނުވަތަ ނޫންކަން ވެސް އަދި ދެނެގަނެވިފައެއް ނުވެ އެވެ. އެކަމަކު އެ ބައްޔާ ގުޅިގެން އިންސާނުން ސަލާމަތީ ފިޔަވަޅު އަޅަން ސަރުކާރުން އިލްތިމާސްކޮށްފައެއް ނުވެ އެވެ.

މާލެއަކީ ވަރަށް ގިނައިން ކޮތަރު އުޅޭ ރަށެކެވެ. މާލޭގެ ގެތަކުގެ އޭސީ އައުޓްޑޯ ޔުނިޓު ކައިރި އަދި އެހެންތަންތަނުގައި ވެސް ކޮތަރު ހާލި ހަދަ އެވެ. ވަރަށް ގިނަ ޕާކުތަކުގައި ވެސް ކޮތަރު އުޅެ އެވެ. ޖުމްހޫރީ މައިދާނަކީ ވަރަށް ގިނަ ކޮތަރު ކާން އަންނަ ތަނެކެވެ.