20 ފެބުރުވަރީ 2025 - 07:17 0
އަމަން ހަލީމް
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އާދަމް ޝަރީފް ވާހަކަ ދައްކަވަނީ. ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އުފެއްދީ މި ސަރުކާރުން --- ފޮޓޯ: ރައީސް އޮފީސް
20 ފެބުރުވަރީ 2025 - 07:17 0
މެލޭޝިއާގެ ހެކްސްޓާ ގްލޯބަލްއިން ކޮންޓްރެކްޓާ ފައިނޭންސިންގެ ދަށުން 55 ރަށެއްގައި އިމާރާތްކުރާ ކައުންސިލު އިމާރާތްތަކުގެ މަސައްކަތް އަންނަ އޭޕްރިލް މަހުގެ ތެރޭގައި ފެށޭނެ ކަމަށް ލޯކަލް ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި, ހެކްސްޓާއާ ހަވާލުކޮށްގެން އިމާރާތްކުރާ ކައުންސިލުތަކުގެ އަދާހަމަ ހިއްސާކުރައްވަމުން އާދަމް ޝަރީފް ވިދާޅުވީ މި މަހުގެ 28 ގައި އެ ކުންފުނީގެ ޓީމެއް ރާއްޖެ އަންނާނެ ކަމަށެވެ. އަދިި އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ޓާގެޓުކުރަނީ އިރާދަކުރެއްވިއްޔާ މަޝްއޫރުގައި އޮތް ގޮތަށް ދޭއް ބައި އަހަރުގެ ތެރޭގައި 55 ކައުންސިލު ނިންމޭ ވަރަށް މި މަސައްކަތް ކުރިއަށް ގެންދެވޭނެ ކަމަށް," އާދަމް ޝަރީފް ވިދާޅުވި އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެއްބަސްވުމުގައި ހެކްސްޓާ މޯލްޑިވްސް ކުންފުނިން ސޮއިކުރި މައްސަލައިގައި މިނިސްޓަރާ ސުވާލުކުރި އެވެ. ހެކްސްޓާ މޯލްޑިވްސްއަކީ ރާއްޖޭގައި ރަޖިސްޓްރީކޮށްފައި އޮތް, އެންމެ ދިވެހި ހިއްސާދާރަކު ހިމެނޭ ކުންފުންޏެކެވެ. އެ ކުންފުނީގައި މެލޭޝިއާ ކުންފުނީގެ އެއްވެސް ހިއްސާއެއް ނެތެވެ.
ޖަވާބުގައި އާދަމް ޝަރީފް ވިދާޅުވީ, އެ ދުވަހު އެއްބަސްވުމުގައި ދިވެހި ކުންފުނިން ސޮއިކުރީ މެލޭޝިއާ ކުންފުނިން ޕަވާ އޮފް އެޓާނީ ދީފައި އޮތުމުން ކަމަށެވެ. އަދި އެ ކުންފުންޏާ މަސައްކަތް ހަވާލުކުރި ހަދަން ޖެހޭ "ޑިއު ޑިލިޖެންސް" ފުރިހަމަ ކުރުމަށް ފަހުގައި ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.
މިކަމުގެ ތަފުސީލަށް ވަޑައިގަންނަވަމުން މިނިސްޓަރު ވިދާޅުވީ ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން މި މަޝްރޫއު ހިންގަން ޕްރޮޕޯސަލް ލިބުމާއެކީ އޭގެ ސައްހަކަން ބަލައި, އެއީ ކިހާ ވަރެއްގެ ކުންފުންޏެއްތޯ ބެލި ކަމަށެވެ. އެ ގޮތުން މިނިސްޓްރީގެ ތެރެއިން މި ހުށަހެޅުން ވަޒަންކުރުމަށްފަހު, ދެން ފޮނުވީ އިކޮނޮމިކް ކައުންސިލަށެވެ.
"އިކޮނޮމިކް ކައުންސިލަށް ހުށަހެޅީމައި, އިކޮނޮމިކް ކައުންސިލުން އަނެއްކާވެސް މި ދެންނެވި ޕްރޮސެސް ފުރިހަމަކުރެއްވި. އަދި އެ ކުންފުނީގެ ޑިއު ޑިލިޖެންސް ވެސް ހައްދަވައި, އެއާ އެކީގައި ކިހާ ވަރެއްގެ ޕޮޓެންޝަލް އަދި އެ ބޭފުޅުންގެ އެ ސްޓްރެންތު ހުރި ބައެއްތޯ ބެއްލެވުމަށް ފަހުގައި, އަޅުގަނޑުމެންނަށް ފުރުސަތު ދެއްވީ އެ ބޭފުޅުންނާއެކީ މަޝްވަރާކުރުމުގެ ފުރުސަތު ކުރިއަށް ގެންދަން," އާދަމް ޝަރީފް ވިދާޅުވި އެވެ.
ހެކްސްޓާއައިގެން ކުރިއަށް ދާން ނިންމި އަނެއް ސަބަބަކީ ފައިނޭންސިން ހުށަހެޅުމަކީ ދައުލަތަށް އެންމެ ފައިދާ ބޮޑު ހުށަހެޅުމަށް ވުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މި އެއްބަސްވުމުގެ އަގަކީ 36 މިލިއަން ޑޮލަރު ކަމުގައިވާއިރު, މިއީ ސޮވަރިން ގެރެންޓީއެއް ދޭން ނުޖެހޭ ގޮތަށް, ހިންގާ މަޝްރޫއެއް ކަމަށް އޭނާ ވިދާޅުވި އެވެ..
ފައިސާ ދެއްކުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތް ކިޔައިދެއްވަމުން މިނިސްޓަރު ވިދާޅުވީ ފައިސާ ދައްކަން ޖެހެނީ މަސައްކަތް ނިމޭތާ ހަ މަސް ދުވަސް ފަހުން ކަމަށެވެ. އަދި ތާވަލާ އެއްގޮތަށް މަސައްކަތް ގޮސްފި ނަމަ, 2028 ގައި ހުރިހާ ފައިސާ ދައްކައި އެއްކޮށް ނިމޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ހެކްސްޓާއިން އަޅާ ކައުންސިލުތަކުގެ ތެރެއިން 39 ކައުންސިލް އިމާރާތެއް ހުންނާނީ ދެ ފަންގިފިލާ އެވެ. ކޮންމެ އިމާރާތެއްގައި ހުންނަ ތަންތަނުގެ ތެރޭގައި:
މީގެ ކުރިން އާދަމް ޝަރީފް އަދަދު އަށް ވިދާޅުވީ ހެކްސްޓާގެ އިމާރާތްތަކަކީ ޕްރީ ފެބްރިކޭޓަޑް އިމާރާތްތަކެއް ކަމަށެވެ. މި އިމާރާތްތައް ރަށްރަށުގައި ރާވަނީ ރާއްޖޭގެ ކޮންޓްރެކްޓަރުންނާ ހަވާލުކޮށްގެން ކަމަށް ވެސް މިނިސްޓަރު އެ ދުވަހު ވިދާޅުވި އެވެ.
ކައުންސިލް އިމާރާތްތައް ތަރައްގީކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެކެވެ. ހެކްސްޓާއިން ހިންގާ މަޝްރޫއުގެ އިތުރުން ޗައިނާ ސަރުކާރުގެ އެހީގައި ވެސް 50 ކައުންސިލެއް އިމާރާތްކުރުމުގެ މަސައްކަތް އޮތީ އިއުލާންކޮށްފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment