ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު
ރާއްޖޭގެ ދިމިގްރާތީ ހަޔާތުގައި މި ވޭތުކުރި 17 އަހަރުގެ ތެރޭގައި, ވެރިކަމާ ހަވާލުވީ ކޮންމެ ސަރުކާރަކުން އައީ މެނިފެސްޓޯއަކާ އެކީގަ އެވެ. ޒަމާނުއްސުރެން ހައްލުނުވެފައި ހުރި ނިޒާމީ މައްސަލަތައް ހައްލުކޮށް, ދިރިއުޅުމުގެ ފެންވަރު މަތިކޮށް, ދިވެހިންނަށް އަދަށް ވުރެ ފަހި މާދަމާއެއް ގެނެސްދޭނެ ޕްލޭނަކާ އެކީގަ އެވެ.
އަދުގެ ސަރުކާރަކީ ވެސް ވެރިކަން ކުރާނެ ގޮތުގެ ރަނގަޅު ޕްލޭނެއް އެބައޮތް ކަމަށް ބުނެ ސަރުކާރާ ހަވާލުވީ ބަޔެކެވެ. ރައްޔިތުންނަށް ވިއްކި އަދި ދެއްކި ޕްލޭނާ އެއް ގޮތަށް ވައުދުތައް ފުއްދައި, އުއްމީދުތައް ހަގީގަތަކަށް ހަދައިދޭނެ ކަމުގެ ޔަގީންކަން ދެމުންނެވެ.
"އަޅުގަނޑުމެން އަންނަނީ ޕްލޭނެއް ހިފައިގެން. ޕްލޭނެއް ހިފައިގެން އަންނަނީ ކޮން ރަށަކަށް ކޮން ކަމެއްތޯ ބޭނުންވަނީ ބަލައިގެން. އެއަށް ބަލައިގެން އަޅުގަނޑުމެން ތަރުތީބުކޮށްލަނީ," ރިޔާސީ ކެމްޕެއިންގެ ތެރެއިން, ރ. އިނގުރައިދޫގައި ދެއްވި ތަގުރީރެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި އެވެ.
"އިގުތިސޯދު އޮތް ހާލަތު ބަލާ, އިގުތިސޯދު ނަގާ ކޮޅަށް ޖަހާނެ ގޮތް ރާވާ, އެއާ އެކީގައި ލިބޭ އާމްދަނީން ހަރަދު ކުރާނެ ގޮތް ރާވައިގެން ސަތޭކަ އައްޑިހަ ހަތް ރަށް ތަރައްގީކުރެވޭނެ ގޮތެއް ރާވާނީ,"
ރައްޔިތުން ގާތު އޭރު ބުނީ މި ޕްލޭނުގެ ދަށުން ވަޅުޖެހިފައި އޮތް އިގުތިސޯދު ކޮޅަށް ޖަހައި, ދިވެހިންގެ ޖީބުތައް ފުރާލާނެ ކަމަށެވެ. އެއްވެސް ސަރުކާރަކަށް ނުހުއްޓުވުނު ކޮރަޕްޝަން ހުއްޓުވާނެ ކަމަށެވެ. ދައުލަތުގެ އިސްރާފު ހަރަދުތައް ކުރުން ހުއްޓާލާނެ ކަމަށެވެ. ހަރަދުތައް ބޮއްސުުންލައިގެން ގޮސްފައި ހުރި ކުންފުނިތައް ހަމައަކަށް އަޅުވާނެ ކަމަށެވެ. ސިޔާސީ މަގާމުތައް މަދުކުރާނެ ކަމަށެވެ. ވޯޓަށް ވަޒީފާ ދިނުން ހުއްޓާލާނެ ކަމަށެވެ. ފަސޭހަ ގޮތް ހޯދާ ފައިސާ ޗާޕުނުކުރާނެ ކަމަށެވެ. ސިއްރުވެރިކަން ދޫކޮށްލައި, ހާމަކަން ބޮޑު ސަރުކާރެއް އުފައްދާނެ ކަމަށެވެ.
ނަމަވެސް މި ސަރުކާރުގެ ދައުރަށް ދޮޅު އަހަރު ވާން ގާތްވެފައިވާއިރު, ރައްޔިތުންނަށް ވިއްކި ޕްލޭނާ އެއް ގޮތަށް އެއްވެސް ކަމެއް ހިނގާތޯ މިއީ ހިތުގައި އުފެދޭ ސުވާލެކެވެ. އިވޭ އަޑުތަކާއި ފެންނަ މަންޒަރުތަކާއި ހިނގާ ކަންކަމުން މި ސުވާލަށް ޖަވާބެއްދޭ ނަމަ ބުނަން އޮތީ, ނޫނެކެވެ. އެ ބުނި ޕްލޭނާ އެއް ގޮތަށް އެއްވެސް ކަމެއް ނުހިނގަ އެވެ.
ދިވެހި އިގުތިސޯދުގެ ނާރެހަކީ ޓޫރިޒަމެވެ. ޓޫރިޒަމް ތައާރަފުވެގެން މިވީ 53 އަހަރުގެ ތެރޭގައި މި ގައުމުގެ ތަރައްގީ އާއި ތަނަވަސްކަމުގެ މުގުލަކީ ޓޫރިޒަމް ސިނާއަތެވެ. ނަމަވެސް ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ލިބުނު އެންމެ ބޮޑު އެއް ފިލާވަޅަކީ ޓޫރިޒަމަށް ބަރޯސާވެގެން ތާއަބަދު އުޅުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމެވެ.
ސަރުކާރުގެ ޕްލޭނުގައި އޮތީ ޓޫރިޒަމަށް ބަރޯސާވުން ނިމުމަކަށް ގެނެސް, އާ އިގުތިސޯދީ ސިނާއަތްތައް ތައާރަފުކުރުމެވެ. އޭގެން އެއް ސިނާއަތަކީ ބަންކަރިން އެވެ.
ސަރުކާރުން ފުރަތަމަ ރޭވީ އިހަވަންދިއްޕޮޅުގައި ބަންކަރިން ބޯޓުތައް ބާއްވައިގެން, އެ ސަރަހައްދުން ދަތުކުރާ ބޭރުގެ ބޮޑެތި އާގު ބޯޓުފަހަރުތަކަށް ހިދުމަތް ދިނުމަށެވެ. މިއީ ކުރު މުއްދަތެއްގެ ތެރޭގައި ވައިގައި ހިފާ, އިގުތިސޯދަށް ޑޮލަރު ވަންނާނެ ދޮރެއް ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ މަންޒަރެއް އަދި ނުފެނެ އެވެ.
މިހާރު ސަރުކާރުގެ ރާގު ބަދަލުވެ ބުނަނީ, ބަންކަރިން ވިޔަފާރި ކޮޅަށް ނަޖަން ދުވަސް ނަގާނެ ކަމަށެވެ. މިކަން ނުވީ ތަނުގައި ކުރަމުން އަންނަ ކަމަކީ ޓޫރިޒަމުގެ ބޭނުންތަކަށް ރަށްތަކާއި ފަޅުތައް ވިއްކައިގެން އަވަސް ގޮތަކަށް ފައިސާ ހޯދުމެވެ. ޕްލޭނުގައި އޮތް އެހެން ސިނާއަތެއް ތަރައްގީކުރެވޭ މަންޒަރެއް ނުފެނެ އެވެ.
އާ ސިނާއަތެއް ތަރައްގީނުކުރެވޭ ތަނުގައި, މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ސިނާއަތްތައް ކުރިއަރުވަން އެކަަށީގެންވާ މަސައްކަތެއް ކުރެވޭ ތަނެއް ނުފެނެ އެވެ. މި ދެ ސިނާއަތަށް ހާއްސަކޮށް މިނިސްޓްރީތަކެއް އުފައްދަައި, މަސައްކަތުގެ ދުވެލި އަވަސް ކުރާނެ ކަމަށް ބުނި ނަމަވެސް އެހެން ބުނުން ފިޔަވައި ފާހަގަކޮށްލެވޭ ވަރުގެ އަމަލީ މަސައްކަތެއް ފެންނާކަށް ނެތެވެ.
ކޮރަޕްޝަނުގެ މޫތައް ލާފައި ނެތް އިދާރާއެއް ނޫނީ ސަރުކާރު ހިއްސާވާ ކުންފުންޏެއް މި ގައުމުގައި ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ޒަމާނުއްސުރެން ދިވެހި ރައްޔިތުން ސަރުކާރުތަކާ މެދު އެންމެ މާޔޫސްކުރުވާ ކަމެއްގެ ގޮތުގައި އޮންނަނީ ވައްކަމާއި ކޮރަޕްޝަނެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވުމުގެ ކުރިންނާއި ފަހުން ވެސް ރައީސް އެންމެ ގިނައިން ދެއްކެވި އެއް ވާހަކައަކީ ހަގީގީ މާނައިގައި ކޮރަޕްޝަން ހުއްޓުވާނެ ވާހަކަ އެވެ. އެމަނިކުފާނު ވިދާޅުވީ އެއްވެސް މީހެއްގެ މޫނައަކަށް ކަނދުރާއަކަށް ބެލުމެއް ނެތި ކޮރަޕްޝަނުގެ މައްސަލަތަކުގައި ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
ކޮރަޕްޝަންގެ އަމަލުތައް ހިންގާ ފަރާތްތަކަށް އަޅުގަނޑުމެން އިސްވެ އެ ފަރާތްތަކާ ދޭތެރޭގައި އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ޓަކައި ހަވާލުކުރާނެ," ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ފަހު ރައީސް ދެއްކެވި ވާހަކައިގައި ވިދާޅުވި އެވެ.
މިހެން ވިދާޅުވި ނަމަވެސް މި ސަރުކާރުގައި, ހާއްސަކޮށް ސަރުކާރު ކުންފުނިތަކުން ގިނަ ވައްކަންތަކެއް ކުރަމުންދާ ކަމުގެ އެތައް އަޑުތަކެއް އިވި, އެކަމަށް ބާރުދޭ ލިޔެކިޔުން ފެންނަން ހުއްޓަސް ރައީސް ވިދާޅުވި ގޮތަށް ފިޔަވަޅެއް އަޅުއްވާ މަންޒަރެއް ނުފެނެ އެވެ.
މިހާރު ހިނގަމުންދާ ކަންކަމަށް ފިޔަވަޅެއް ނާޅާ ތަނުގައި ކުރިން ހިންގާފައި ހުރި ކޮރަޕްޝަންތަކުގެ މައްސަލަތަކުގައި ޝާމިލުވާ ބަޔަކަށް އެޅި ފިޔަވަޅެއް ވެސް ފެންނާކަށް ނެތެވެ. ކުރީ ސަރުކާރުގައި ކޮރަޕްޝަން ހުރީ އިންތިހާގައޭ އެންމެ ގިނައިން ވިދާޅުވި ބޭފުޅަކީ އެމަނިކުފާނެވެ. މިއީ ހަގީގަތެއް ނަމަ, ގައިމު އެ ބުނާ މައްސަލަތަކެއް ބެލި, ބަޔަކާ ދެކޮޅަށް ދައުވާކުރާނެހޭ ދުވަސް މިހާރު ވޭތުއްވެއްޖެ އެވެ.
ސަރުކާރާ ހަވާލުވީ އިރު ވެސް, އެންމެ އަވަސް ހައްލެއް ބޭނުންވެފައި އޮތް ކަމަކީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުން ކަން އެނގޭނެ އެވެ. އަހަރުންއަހަރަށް ދައުލަތަށް ލިބޭ އާމްދަނީ އިތުރު ވަމުން ދިޔަ ކަމުގައި ވީނަމަވެސް, ހަރަދުތައް ފޫނުބެދޭތީ ދަރަންޏާއި ޑެފިސިޓު އިތުރުވާކަން ނޭނގޭ މީހަކު މި ގައުމުގައި މިހާރު މަދުވާނެ އެވެ.
މިއީ ހަައްލުކުރަން ނޭނގޭތީ ހައްލު ނުވެފައި އޮތް މައްސަލައެއް ނޫނެވެ. ހައްލުކުރަން ކުރަން ޖެހޭ ކަންކަން އެނގެ އެވެ. މި ހުރިހާ ކަމެއް ގޮސް ގުޅެނީ ސަރުކާރުގެ ހިންގުމުގެ ހަރަދުތަކާ އެވެ.
އޭގެ ތެރޭގައި ހިމެނެނީ ސިޔާސީ މަގާމުތައް މަދުކުރުމާއި އެންމެނަށް ލިބޭ ސަބްސިޑީ އުވާލުމާއި އާސަންދައިގެ އިސްރާފުތައް ކުޑަކުރުމުގެ އިތުރުން ބަޖެޓަށް ބޮޑު ބުރައަކަށް ވެފައި ހުރި ކުންފުނިތައް ހަމައަކަށް އެޅުވުމާއި ކޮންމެހެން ބޭނުންނުވާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލުމާއި ޑަބަލް ޕެންޝަން އުވާލުމެވެ.
މި ސަރުކާރުން ހަވާލުވީ ފުރަތަމަ ބަޖެޓުގައި, ހަރަދު ކުޑަކުރަން މި ފިޔަވަޅުތައް އަޅަން ރާވާފައި އޮތެވެ. އަދި މިކަންކަން އެ އޮތް ގޮތަށް ތަންފީޒުކުރާނެ ކަމަށް ސަރުކާރުން އެތައް ފަހަރަކު ބުނެފައިވެ އެވެ.
ނަމަވެސް އަހަރު ނިމެން ކައިރިވެފައި ވަނިކޮށް ސަޕްލިމެންޓަރީ ބަޖެޓެއް ފާސްކުރަން ޖެހުމާއެކު, ސަރުކާރުން ބުނީ ބަޖެޓު ހަދާފައި އޮތީ ހަރަދު ކުޑަކުރެވޭ ގޮތަަކަށް ނޫން ކަމަށެވެ. އަދި "ރަނގަޅު ވަގުތުގައި" އެ ހުރިހާ ސިޔާސަތެއް ތަންފީޒުކުރާނެ ކަމަށް އޭރުގެ ފިނޭންސް މިނިސްޓަރު ޑރ. އަހުމަދު ޝަފީގު ވިދާޅުވެފައިވެ އެވެ.
މި ބަހަނާ ދައްކައި ސަރުކާރުން ނިންމީ ހަރަދު ކުޑަކުރުމުގެ ފިޔަަވަޅުތައް އެޅުން މި އަހަރަށް ފަސްކޮށްލާށެވެ. މި އަހަރުގެ ބަޖެޓުގައި އޮތީ މި ފިޔަވަޅުތައް އަންނަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން, އެއީ މި އަހަރުގެ ދެވަނަ ކުއާޓަރުން ފެށިގެން އަޅާނެ ކަމަށެވެ.
ބަޖެޓުގައި މިހެން އޮތް ނަމަވެސް ބަޖެޓު ފާސްކުރި ފަހުން, ރައީސް ދެއްކެވި ވާހަކަތަކުން މި ބުނާ ސިޔާސަތުތައް ތަންފީޒުކުރާނެ ކަމަކަށް ނުބެލެވެ އެވެ. ރައީސް މިހާރު ވިދާޅުވަނީ އެއްވެސް މީހަކަށް ލިބެމުން ދިޔަ ސަބްސިޑީއެއް ވިޔަސް އާސަންދައެއް ވިޔަސް ޕެންޝަނަކަށް ވިޔަސް އުނިކަމެއް ނާންނާނެ ކަމަށެވެ.
"ކުރިއަށް އޮތް ތަނުގައި އެއްވެސް ރައްޔިތަކަށް ލިބެމުންދާ ސަބްސިޑީއެއް ވެސް ނުކަނޑާނަން. އާސަންދައެއް ވެސް ނުކަނޑާނަން. ރިޓަޔާމަންޓް ޕެންޝަނެއް ވެސް ނުކަނޑާނަން. އަދި އެ އަށް ވުރެ ރަނގަޅު ކޮށްދޭނީ،" އއ. މަތިވެރީގައި ހުންނަވާ ރައީސް ވިދާޅުވި އެވެ.
ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ބުނި ތާރީހަށް ތަންފީޒުކުރާނެ ކަމަށް ގަބޫލުކުރަން ދަތި އަނެއް ސަބަބަކީ ބަޖެޓު ފާސްކުރި ފަހުން އެކަމާ ގުޅޭ އެއްވެސް ވާހަކައެއް ނުދައްކާތީ އެވެ. ސަބްސިޑީގެ ބޮޑު ބަދަލަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު, ސީދާ ސަބްސިިޑީ ލިބޭ މީހަކީ ކޮބައިކަމެއް, ނޫނީ އެ ހޯދަން ކުރަން ޖެހޭ ކަމެއް އެނގޭ އާންމު ރައްޔިތަކު މި ފަސްގަނޑުގައި ނެތެވެ.
ދައުލަތުގެ ކުންފުނިތަކުގައި ހުރި މައްސަލަތައް ގިނަ އެވެ. ފައިދާ ލިބެނީ މަދު ކުންފުންޏަކަށެވެ. ގިނަ ކުންފުނިތައް ހިންގަނީ ސަރުކާރުން ލިބޭ ސަބްސިޑީ އާއި ކެޕިޓަލް ކޮންޓްރިބިއުޝަނާއި ގްރާންޓުގެ ގޮތުގައި ލިބޭ ފައިސާއިންނެވެ. މުޅިން ހެން ބަރޯސާވަނީ ސަރުކާރުން ލިބޭ ޕްރޮޖެކްޓުތަކަށެވެ.
ކުރުކޮށް ބުނަނީ ނަމަ ކުންފުނިތައް ހިންގަނީ ވެން މަސް ވެނަށް ކާންދޭ އުސޫލުންނެވެ. ސަރުކާރުން މަސައްކަތާއި ފައިސާ ނުދެނީ ނަމަ މިއިން އެއްވެސް ކުންފުންޏަކުން ކުރާނެ ކަމެއް ނޫނީ ލިބޭނެ އާމްދަނީއެއް ނޯންނާނެ އެވެ. މި ހުރިހާ ބުރައެއް އުފުލަން ޖެހެނީ ޓެކްސް ދައްކާ ރައްޔިތުންނާއި ވިޔަފާރިތަކެވެ.
ސަރުކާރާ ހަވާލުވީއިރު, ރައީސް ވިދާޅުވީ މި ހުރިހާ ކުންފުނިތަކެއް ކޮޅަށް ޖަހޭނެ ގޮތުގެ ޕްލޭނެއް އެބައޮތް ކަމަށެވެ. މި ޕްލޭނުގެ ތެރޭގައި ކުންފުނިތައް އުވާލުމާއި ޕްރައިވެޓައިޒް ކުރުމާއި ކުންފުނިތައް އެއްކޮށްލުން ހިމެނި އެވެ. އަދި މި ޕްލޭނާއެކީގައި ސަރުކާރު ކުންފުނިތަކަކީ ލިބޭ އާމްދަނީން ހަރަދުތައް ދެކޮޅު ޖެއްސޭ ކުންފުނިތަކަކަށް ހަދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުގެ ބަޖެޓުން އަބަދު އެ އެސްއޯއީތަކަށް ފައިސާ ނުދީ އެ އެސްއޯއީތައް އަމިއްލަ ފައިމައްޗަށް ތެދުވެގެން މަސައްކަތް ކުރެވޭނެ ގޮތަށް, މަޖުބޫރު ކުރެވޭނެ ގޮތަށް, އިދާރީ ހިންގުން ވަރުގަދަކޮށް, އެކަމާ ގުޅޭ ގާނޫނުތަކާ ގަވާއިދުތައް ތައާރަފްކޮށް, އެސްއޯއީތައް އެއީ އަބަދުވެސް ޕްރޮފިޓަބަލް ތަންތަނަށް ހެދުމަށް މަގުފަހިކޮށްދިނުމާއ،ި މިފަދަ ތަފާތު ގިނަ ކަންތައްތައް އިރާދަކުރެއްވިއްޔާކޮށް އަޅުގަނޑުމެންގެ އިގުތިސޯދު ނަގައ،ި ކޮޅަށް ޖެހޭނެ," ރިޔާސީ ކެމްޕެއިންގެ ތެރޭގައި ރައީސް ވިދާޅުވެފައިވެ އެވެ.
އެސްއޯއީ ރިފޯމް ކުރުމުގެ ދަށުން ކުރަން ރޭވި ކަންތައްތަކުގެ ތެރޭގައި:
ސަރުކާރުން މިކަންކަން ކުރަން ރޭވި ނަމަވެސް މިހާރު މުޅި ޕްލޭން ބަދަލުވެއްޖެ އެވެ. އެމްޓީސީސީގެ މަސައްކަތް ކުރާނެ އިތުރު ކުންފުންޏެއް އުފެއްދުމުގެ ހިޔާލު ދޫކޮށް, މިހާރު އަންނަނީ އެ ކުންފުންޏާ އެތައް ޕްރޮޖެކްޓެއް ހަވާލުކުރަމުންނެވެ. ފެނަކަ އެސްޓީއޯގެ ދަށަށް ބަދަލުކުރުމުގެ ހިޔާލު ދޫކޮށް މިހާރު ބުނަނީ ސިނާޖީ ހޯދަން ސްޓެލްކޯ ފަދަ އެހެން ޔުޓިލިޓީ ކުންފުންޏަކާ އެއްކޮށްލާ ވާހަކަ އެވެ.
އެގްރޯނެޓު އުވާލަން ބުނިތާ އަހަރެއް ވާން ގާތްވެފައި ވަނިކޮށް, އެ ހިޔާލު ދޫކޮށްލައި މިހާރު ވިސްނަނީ ދަނޑުވެރިކަމުގެ ސިނާއަތް ކުރިއަރުވަން އެ ކުންފުނި އުވާނުލާ, ކުރިއަށް ދާށެވެ. އެމްއައިޓީޑީސީ އުވާލާނެ ކަމަށް ބުނުމަށްފަހު, އެ ފަހުން އެއްވެސް ހަބަރެއް ނެތެވެ.
ސިޔާސީ މަގާމުތަކަށް ބޮޑު ހަރަދެއް ކުރުމަކީ ކުރީ ދެ ސަރުކާރަށް އެންމެ ބޮޑު ފާޑުކިޔުން އަމާޒުވެ, ރައްޔިތުންގެ ނުތަނަވަސްކަން އިތުރުވީ މައިގަނޑު ސަބަބެކެވެ. މި ނުތަނަސްވަކަން ރައްޔިތުންގެ މެދުގައި އޮތް ކަން ދަނެގެން, ރައީސް ވިދާޅުވީ ކުރީ ދެ ސަރުކާރަށް ވުރެ ވެސް މި ސަރުކާރުގައި ސިޔާސީ މުވައްޒަފުން މަދުވާނެ ކަމަށެވެ.
ސިޔާސީ މަގާމުތައް އިތުރުނުކުރައްވާނެ ކަމަށް ވިދާޅުވެ އަދަދެއް ވެސް ދެއްވި އެވެ. އެއީ 700 އެވެ. ނަމަވެސް މިވީ ދޮޅު އަހަރުގެ ތެރޭގައި އެއްކުރެވުނު މައުލޫމާތުން ދެނެގަނުވުނީ, ސަރުކާރު ހިންގަމުން އަންނަނީ ބުނި އަދަދަށް ވުރެ ހަތަރު ގުނަ އިތުރަށް ސިޔާސީ މުވައްޒަފުން ނަގައިގެން ކަމަށެވެ.
ސިޔާސީ މުވައްޒަފުންގެ އަދަދު އަންދާޒާކުރަން ޖެހެނީ, މިވީ މުއްދަތުގެ ތެރޭގައި ސިޔާސީ މުވައްޒަފުން ތިބި ޖުމްލަ އަދަދު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދާފައިވާތީ އެވެ. އެކި ތާރީހުތައް ދީ, އެ އަދަދު ނުބުނަން އެތައް ބަހަނާތަކެއް ދެއްކި ނަމަވެސް ބުނިި އަދަދަށް ވުރެ ގިނައިން ސިޔާސީ މުވައްޒަފުން ތިބި ކަމާ މެދު އެއްވެސް ޝައްކެއް ނެތެވެ.
ބުނި އަދަދަށް ވުރެ ގިނައިން ސިޔާސީ މުވައްޒަފުން ނަގާފައި, ހަރަދު ކުޑަކުރަން ކަމަށް ބުނެ އޭގެ ތެރެއިން 260 މީހަކު ވަކިކުރި ކަމަށް ވެސް ބުންޏެވެ. އެކަމަކު އެއިން އެއްވެސް މީހެއްގެ މައުލޫމާތު ހާމަކުރަން ސަރުކާރުން ވަނީ ދެކޮޅު ހަދާފަ އެވެ. ދެކޮޅު ހަދަމުން ގޮސް މައްސަލަ މިހާރު އޮތީ ކޯޓަށް ވެސް ހުށަހަޅާފަ އެވެ.
ސިޔާސީ މަގާމުތައް ގިނަވެ ސަރުކާރުގެ ހިންގުމުގެ ހަރަދު އެތައް ގުނައަކުން ބޮޑުވެފައިވާއިރު, މިއީ އިސްރާފެއް ކަމަކަށް މިހާރު ގަބޫލެއް ނުކުރެ އެވެ. ކުރީ ސަރުކާރުގެ ސިޔާސީ މުވައްޒަފުން ގިނަ ވެގެން ހޭކިހާ ބޮޑާ އަދި ކީހާ ފާޑުކިޔުން ހަނދާން ނެތިއްޖެ އެވެ. މިހާރު އެ ވާހަކަ އެއްވެސް ގޮތަކަށް ދައްކަން ވެސް ބޭނުންނުވަނީ އެވެ.
އިދިކޮޅުގައި ތިބެގެން މި ސަރުކާރުގައި ތިބި ގިނަ ބަޔަކު ކަންބޮޑުވީ ކަންކަމުގެ ތެރޭގައި ކުންފުނިތަކުގެ މަސައްކަތުގެ ދާއިރާގެ ބޭރުން ޕްރޮޖެކްޓުތައް ހަވާލުކުރުން ހިމެނެ އެވެ. މިސާލެއް ދެންޏާމުން ފެނަކައާ އައިސްޕްލާންޓުތަކާއި އޮފީސް އިމާރާތްތައް އެޅުމުގެ މަސައްކަތް ހަވާލުކުރުމާއި އާރުޑީސީއާ ޕާކާއި ފުޓްސަލް ދަނޑުތައް އެޅުމުގެ މަސައްކަތް ހަވާލުކުރުން ފުދެ އެވެ.
ފާޑުކީއިރު ބުނީ މިއީ ކުންފުނިތަކުގެ ހަރަދުތައް ބޮޑުވެ, އަސްލު މަސައްކަތްތައް ކުރަން ހުރަސްއެޅޭ ގޮތަށް ކުރަމުން އަންނަ ކަމެއް ކަމަށެވެ. އަދި މިއީ ޕްރައިވެޓް ސެކްޓަރުގެ ވިޔަފާރިތައް ފުނޑާލަން ސަރުކާރުން ކުރަމުންދާ ކަމެއް ކަމަށެވެ.
ނަމަވެސް އިހަށް ދުވަހު ސަރުކާރުން ވަނީ އިންޖީނުގެތަކާއި ފެނާއި ނަރުދަމާ އާއި ކުނި މެނޭޖުކުރާ ސެންޓަރުތަކާއި ފުލުސް އިމާރާތްތައް ހިމެނޭހެން އެތަައް ބައިވަރު މަޝްރޫއެއް ފެނަކަ އާއި އާރުޑީސީ އާއި އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ.
މި ތިން ކުންފުނީގެ ތެރެއިން ކޮންޓްރެކްޓިން މަސައްކަތް ކުރާ ކުންފުންޏަކަށް އޮތީ އެމްޓީސީސީ އެކަންނެވެ. ފެނަކައަކީ ރަށްރަށުގައި ފެނާއި ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ޔުޓިލިޓީ ކުންފުންޏެކެވެ. އާރުޑީސީއަކީ މަގު ހަދަން ހާއްސަކޮށްގެން އުފެއްދި ކުންފުންޏެކެވެ.
މި ހުރިހާ މަސައްކަތެއް ހަވާލުކުރީ, އެ ކުންފުނިތަކުގެ ގާބިލިއްޔަތު ކަމަށް ބަލާފައި ކަމަށް ސަރުކާރުން ބުނި ނަމަވެސް ހަގީގަތް އެއާ މާ ދުރެވެ. ފެނަކައިން ހިދުމަތްދޭ ރަށްރަށުގައި ރަނގަޅަށް ހިދުމަތް ނުދެވިގެން އުޅޭ އިރު, އާރުޑީސީގެ މަގު ހެދުމުގެ މަސައްކަތް ހިނގަނީ ފިނި ހަކަ ދުވެލީގަ އެވެ.
މިއީ ކޮންމެހެން ގާބިލުކަމުން ހަވާލުކުރި މަސައްކަތްތަކެއް ނޫނެވެ. މި ކުންފުނިތަކާ މި މަސައްކަތް ހަވާލުކުރީ ވަޒީފާގެ މުގާބިލުގައި ވޯޓާއި އެކްޓިވިޒަމް ޝަރުތުކޮށްގެން ވަޒީފާތައް ބަހާށެވެ. ކޮންޓްރެކްޓަށް މުވައްޒަފުން ނަގައިގެން ސިޔާސީ ފިއްތުމެއްގެ ތެރޭގައި ބައިތިއްބައިގެން ތާއީދު އިތުރުކުރަން ޖަހާ ޗައްކަރެކެވެ.
ރައީސް މުއިއްޒު އެންމެ ގިނައިން ވިދާޅުވީ އެއް ވާހަކައަކީ ފައިސާ ޗާޕު ނުކުރައްވާނެ ކަމަށެވެ. އެއީ "އީޒީ" ގޮތް ކަމަށާއި އެމަނިކުފާނު ވެސް އެކަން ކުރަން ވަރަށް "ޓެމްޕްޓް" ވީ ނަމަވެސް, އެކަން އެގޮތަށް ނުކުުރައްވާނެ ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
ހުސްވި އަހަރުގެ ތެރޭގައި ރައީސް ޕޯޑިއަމްއަކަށް އަރާ ދެއްވި ކޮންމެ ތަގުރީރެއްގައި ހަރަދުތައް ކުރަމުން ދަނީ އެންމެ ފައިސާ ފޮއްޗެއް ވެސް ޗާޕުނުކޮށް ކަމަށް ވިދާޅުވި އެވެ. އަދި ރާއްޖޭގެ ތާރީހުގައި ވެސް ޗާޕުނުކުރާ ވަރަށް ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުން ފައިސާ ޗާޕުކުރުމަކީ އިގުތިސޯދީ އަޑިގަނޑުގެ އަސްލު ކަމަށް ވިދާޅުނުވާ ފަހަރެއް މަދުވާނެ އެވެ.
އެކަމަކު އިހަށް ދުވަހަކު އެމްއެމްއޭއިން ވަނީ ފައިސާ ޗާޕުކޮށްގެން ހުޅުމާލޭން ބިމެއް ގަންނަން ނިންމާފަ އެވެ. މައުލޫމާތު ލިބެނީ 15 ބިލިއަން ރުފިޔާ ޗާޕުކުރަން ރާވާފައިވާ ކަމަށެވެ. މިއީ ކުރީ ސަރުކާރުން ޗާޕުކުރި އަށް ބިލިއަނާއި އޭގެ ކުރީ ސަރުކާރުތަކުން ޗާޕުކޮށްފައި ހުރި ހަ ބިލިއަން ރުފިޔާއަށް ވުރެ ވެސް ބޮޑު އަދަދެކެވެ.
އެއްވެސް މިންވަރަކަށް ފައިސާ ޗާޕުކުރުން ގޯހެވެ. މިކަން ރައީސް ހިތުގެ އަޑިން ގަބޫލުކުރައްވާކަން އެމަނިކުފާނު ދައްކަވާފައިވާ ވާހަކަތަކުން ކަށަވަރެވެ. އެކަމަކު ވެރިކަމަށް ދެ އަހަރު ނުވަނީސް އަމިއްލަފުޅަށް ގަބޫލުކުރެެއްވި ގޮތް ދޫކޮށްލައްވާފައި ފައިސާ ޗާޕުކުރަން ނިންމުމުން ދޭހަ ވަނީ ސަރުކާރުގެ ރޭވުންތައް ފެއިލު ވެއްޖެ ކަމެވެ.
ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ބޭއްވި ނޫސްވެރިންނާ ބައްދަލުވުމެއްގައި ވަރަށް ޔަގީންކަމާ އެކީ ވިދާޅުވީ މި ސަރުކާރުން ސިއްރުކުރާނެ އެއްވެސް ކަމެއް ނޯންނާނެ ވާހަކަ އެވެ. އަދި ހުރިހާ ކަމެއްގެ ޖަވާބުދާރީވެ, މައުލޫމާތުތައް ހިއްސާކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރާނީ، ދެ ފުށް ފެންނަ ގޮތަށް. އެއްވެސް ކަމެއް ފޮރުވައި، ޖަވާބުދާރީ ނުވެވޭ ކަމެއް ނޯންނާނެ. މައުލުމާތު ހިއްސާ ކުރާނަން. އެކަހަލަ ކަމެއް ދިމާވެއްޖިއްޔާ، ހަމަ އަޅުގަނޑަށް ވެސް އިޝާރާތެއް ކޮށްލަންވީ," ރައީސް ވިދާޅުވި އެވެ.
"ތިބޭފުޅުން އާރުޓީއައި ލާން ޖެހޭ ހިސާބަކަށް ނުދާނެ. އަޅުގަނޑަކަށް ހިއެއް ނުވޭ ލާން ޖެހޭނެހެނެއް،"
ރައީސް މިހެން ވިދާޅުވި ނަމަވެސް މި ސަރުކާރުން ކުރާ އެއްވެސް ކަމެއްގައި ހޯދަން ބޭނުންވާ މައުލޫމާތު ހޯދުން ބޮޑު ތުރާލަކަށް ވެއްޖެ އެވެ. އެންމެ އާދައިގެ ކަންކަމުގައި ވެސް އެއްވެސް މައުލޫމާތެއް ހާމަކުރަން ބޭނުންނުވަނީ އެވެ.
މައުލޫމާތު ހާމަނުކުރާ ތަނުގައި ހުށަހަޅަން ނުޖެހޭނެ ކަމަށް ބުނި އާރުޓީއައި ހުށަހަޅައިގެން ވެސް މައުލޫމާތެއް ލިބޭ ގޮތެއް ނުވެ އެވެ. އާރުޓީއައިއަށް ޖަވާބުދޭ ފަހަރެއްގައި އޭގައި މައުލޫމާތު ފުރިހަމަނުވެގެން ޖެހެނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހާ ހަމައަށް ދާށެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މައުލޫމާތު ދޭން ބުނީމައި, ކޯޓަށް ވެސް ދަނީ އެވެ.
ދެ ފުށް ފެންނާނެ ކަމަށް ބުނި ސަރުކާރުގައި ފެންނަނީ ހުރިހާ ކަމެއް ވަންހަނާ ކުރަމުންދާ ތަނެވެ. ހާމަކުރަން ބުނި އެއްބަސްވުމެއް ހާމައެއް ނުކުރެ އެވެ. ރައްޔިތުން ކުރިމަތީ ޖަވާބުދާރީ ވުމެއް ނެތެވެ. ރައްޔިތުންގެ ބަހެއް ހޯދުމެއް ވެސް ނެތެވެ. ޖަވާބު ދޭން ޖެހޭނެ ކަމަށް ގަބޫލު ވެސް ނުކުރަނީ އެވެ.
---
ވެރިކަމާ ހަވާލުވީއިރު ޕްލޭނެއް އޮތް ކަމަށް ބުނި ނަމަވެސް, ސަރުކާރުގެ އަމަލުތައް ހުރި ގޮތުން ފެންނަނީ އެއްވެސް ކަމެއްގައި ރޭވުންތެރި ކަމެއް ނެތް މަންޒަރެވެ. އެއިރެއްގައި ޖެހުނު ގޮތަކަށް ޖެހުނު ކަމެއް ކުރަމުން ދަނީ އެވެ. ހުރިހާ ކަމެއްގައި ފެންނަނީ "އެޑް-ހޮކް" ނިންމުންތަކެކެވެ.
މިއީ ސަރުކާރެއް ހިންގަން ރަނގަޅު ގޮތެއް ނޫނެވެ. އަދި ދެމެހެއްޓެނިވި ގޮތެއް ވެސް ނޫނެވެ. ޕްލޭނެއް އޮވެއްޖެއްޔާ އެ ޕްލޭނާ އެއްގޮތަށް އަމަލުކުރާށެވެ. އަދި ޕްލޭނު ބަދަލުވަންޏާމުން އެ މައުލޫމާތު ރައްޔިތުންނާ ހިއްސާކުރާށެވެ. އެހެން ނޫނީ އެ ކުރެވެނީ ރައްޔިތުންގެ ވެރިކަމެއް ނޫނެވެ. މި ދެވެނީ ދިވެހީންގެ ރާއްޖެއަކަށް ވެސް ނޫނެވެ.
41.67%
33.33%
8.33%
16.67%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
ކޮސް
4 days ago
މިހާރުގެ ރައީސަކީ ފަހުގެ ތާރީޚެއްގައި ދިވެހިން ދުށް އެންމެ ނާޤާބިލު ވެރިޔާ !!! މިއީ އިތުރަށް ބަޚުޘް ކުރަންޖެހޭ ކަމަކަށްވުރެ ފާޅުކަންބޮޑު ކަމެއް. ރައްޔިތުންނަށް އޮތް އުއްމީދަކީ 2028 ގައި މިބޭޅާއަށް 2 ވަނަ ދައުރެއް ރައްޔިތުން ނުދޭނެކަން.
އިބިރަހިމާ
4 days ago
ކޮންމެވެސް ބަޔަކު ކިޔާނެ
ގާމާރިސްޓުން
4 days ago
ދިވެހިން ބުނީ އޯކޭއޭ އީދަށް ދިއްލާލަން ނިވިދިއްލި ބޮކިކޮޅެއް ލިބެނިކޮށް.
މޮޮސަ ަބދުލލަ
4 days ago
މުސާރަ ދޭން ޖެހޭ ދުވަސް ކައިރިވަނީދޯ!!!! ސަރުކާރު ހިނގަމުންދާ ގޮތް ގޯހޭ ކިޔަގެން ލިޔަން ކިހާވަރެއްދިންތަ؟
ރައީސް
4 days ago
ފުރަތަމަ މި ކިޔާލަބަލަ ތިބޭފުޅާ
ކަކުނިސިކުނޑި
4 days ago
ސަޅި..ސަޅި..ސަޅި.. އެކަމަކު މި އާޓިކަލް ކިޔާނެ މީހެއް ނުވާނެ.. ދިވެހިން މިތިބީ ފާޑެއްގެ މަސްތެއްގަޖެހި އެޅިހާ ބަތަކަށް ރިހަ ކިޔައިގެން.. ވަޒީފާއެއް ނުލިބޭތާ، ކޮށްފަހުރި މަސައްކަތުގެ ފައިސާވެސް ނުލިބެނީއޭ..ކުދި ވިޔަފާރިތައް ފުނޑިއްޖެ..ކަސްޓަމްސް އަދި މީރާކަހަލަ އިދާރާތަކާހެދިވެސް ކުދި ވިޔަފާރިތައް ހިންދެމިލިޔަކަ ނުދޭ.. ތަކެތީގެ އަގުބޮޑުވުން ކޮންޓްރޯލެއް ނުވޭ..އެންމެ ކުޑަމިނުން ބާޒާރުކުރާ ކޮތަޅުވެސް 2 ރުފިޔާއަށް ގަންނަން ޖެހުން ހުއްޓުމެއްނެތް..
އިބިރަހިމާ
4 days ago
މަ ވެސް މި ހުުންނަނީ ހަމަ ހައިރާންވެފަ. އަޅެ ކަމެއްގެ މައުލޫމާތު ނުދީ ހިފަހައްޓަން މި މީހުން އުޅޭއިރު ހަމަ ދޭތެރެއަކުން ހަސަން ކުރުސީ އެބަ ކޮންމެވެސް އެއްޗެއް ފަޅާލާ.
Comment