20 ފެބުރުވަރީ 2025 - 07:42 6
އަހުމަދު އާއިދު
20 ފެބުރުވަރީ 2025 - 07:42 6
ފުލުހުންގެ ބްލޫސް ހައުސިން މަޝްރޫއުއަށް އެތެރެކުރި އަގުބޮޑު އުޅަނދުތަކެއް ގެއްލިފައިވާ ކަމަށް ބެލެވޭތީ، އެ އުޅަނދުތަކަށް ވީނުވީއެއް ހޯދުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުން ފަށައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން "އަދަދު" ނޫހަށް ވިދާޅުވީ ހުޅުމާލޭގައި ހަދާފައިވާ ފުލުހުންގެ ފްލެޓުތައް އިމާރާތްކުރުމުގެ މަސައްކަތް، ނޫމަޑި/އައިލެންޑް އެކްސްޕާޓުން ކުރިއަށް ގެންދިޔައިރު 2014 އިން ފެށިގެން 2017 އާ ދެމެދު އެތެރެކޮށްފައިވާ 24 ވެހިކަލެއްގެ މިހާރު ހުރި ތަނާއި، ރަޖިސްޓްރީކޮށްފައި ވަނީ ކޮން ފަރާތެއްގެ ނަމުގައިތޯ ބެލުމުގެ މަސައްކަތް މާލިއްޔަތު ކޮމިޓީން ކުރަމުން އަންނަ ކަމަށެވެ.
"މިހާތަނަށް ބެލިބެލުމުން އަގުބޮޑު 24 އުޅަނދެއް ވީނުވީއެއް ނޭނގޭ. އެއީ ޓެކްސް ނުދައްކައި އެތެރެކޮށްފައި ހުރި މުދާ. އެހެންވީމަ މަޝްރޫއަށް އެތެރެ ކުރި އެއްޗެއް ނަމަ ފެންނަން ހުންނަންވާނެ. އެހެންވެ އެ މައުލޫމާތު މި ހޯދަނީ،" މަޖިލީހުގެ މެންބަރަކު ވިދާޅުވި އެވެ.
މީގެ 10 އަހަރު ކުރިން 2015 ގައި އޭރުގެ ފުލުހުންގެ އިސް ވެރިން ޕޮލްކޯގެ ލޯގޯ ޖަހާފައިވާ ކޭކެއް ފަޅަނީ.
އިތުބާރު ކުރެވޭ ބައެއް މަސްދަރުތަކުން އަދަދު ނޫހަށް މައުލޫމާތު ދިން ގޮތުގައި ހޯދަމުންދާ ވެހިކަލްތަކުގެ ތެރޭގައި 14 ކްރޭން ލޮރީ އާއި މުޅިން އާ ދެ ސައިކަލާއި ދެ ވޭނާއި ކާރަކާއި ތިން ޓަވާ ކްރޭން އަދި އޮވާ ހެޑް ޓްރެވެލިން ކްރޭނެއް ވެސް ހިމެނޭ ކަމަށެވެ.
މި އުޅަނދުތައް ރަޖިސްޓްރީކޮށްފައިވާ ފަރާތް އަންގައިދޭން މަޖިލީހުން ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު އަށް މަޖިލީހުން ވަނީ އަންގައިފަ އެވެ.
ފުލުހުންގެ ހައުސިން މަޝްރޫއު އާއި ފުލުހުން ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) ގައި ވައްކަމާއި ހިޔާނާތުގެ އަމަލުތައް ހިންގާފައިވޭތޯ ބެލުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިސް ނެގުމަށް، ކަމާ ގުޅޭ މުއައްސަސާތަކުން ދަނީ ބަލަމުންނެވެ.
ފުލުހުންގެ ހައުސިން މަޝްރޫއުގެ އޮޑިޓެއް އާންމުކޮށްފައި ވާއިރު، މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އާއި އޭސީސީން ވެސް ޕޮލްކޯގެ މައްސަލަތައް ދަނީ ބަލަމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment