20 ފެބުރުވަރީ 2025 - 03:52 0
ރޭ ބޭއްވި އޮލިމްޕިކް ކޮމިޓީގެ އަހަރީ އާންމު ޖަލްސާގައި މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް
20 ފެބުރުވަރީ 2025 - 03:52 0
ރާއްޖޭގެ ކުޅިވަރުގެ ތަރައްގީ އަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ވަސީލަތްތައް ފޯރުކޮށްދިނުމުގައި ކުޅިވަރުތައް ތަފާތު ނުކުރާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވަނީ ވިދާޅުވެފައި. ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު، ރާފިއު މި ގޮތަށް ވިދާޅުވީ، ރޭ ބޭއްވި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ އަހަރީ އާންމު ޖަލްސާ ޝަރަފްވެރިކޮށްދެއްވައި، ޖަލްސާގެ ހާޒިރީންނާއި މުހާތަބުކޮށް ދެއްކެވި ވާހަކައިގަ އެވެ.
އެ ގޮތުން، ރާފިއު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ފާއިތުވި އަހަރު އިއުލާނުކުރެއްވި ހައި ޕާފޯމަންސް ސެންޓަރުގެ ކަންކަމުގެ މަސައްކަތުގެ އެކި މަރުހަލާތައް މިހާރު ކުރިއަށްދާ ކަަމަށެވެ.
"މި ގޮތުން މި ކަމުގެ (ހައި ޕާފޯމަންސް ސެންޓަރުގެ) މަސައްކަތް ފެށުމަށް ބޭނުންވާ ތަފްސީލްތައް ފާހަގަކޮށް، ކޮންސެޕްޓް ޕޭޕަރު މިހާރު ވަނީ އެކުލަވާލެވިފައި. އަދި މި ކަމަށް ބޭނުންވާ ފައިސާ ވެސް ބަޖެޓްގައި މިހާރު ވަނީ ހިމަނާފައި،" ރާފިއު ވިދާޅުވި އެވެ.
ރާއްޖޭގެ ކުޅިވަރު އެސޯސިއޭޝަންތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުން ކަމަށްވާ ފެންވަރު ރަނގަޅު ކުޅިވަރު ވަސީލަތް ގާއިމްކުރުމުގައި، ސަރުކާރުން ކުރާ މަސައްކަތުގައި ތަފާތު ދައްކާނެ އަހަރަކަށް މި އަހަރު ވެގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ވަނީ ކުޅިވަރު އެސޯސިއޭޝަންތަކަށް ދެއްވައިފަ އެވެ.
މީގެ އިތުރުން، ކުޅިވަރުގެ ކަންކަން ކުރިއެރުވުމުގައި ފަންނީ މީހުންގެ ލަފާ އާއި އިރުޝާދު މިހާރަށް ވުރެ ފުޅާދާއިރާއެއްގައި ފޯރުކޮށްދިނުމުގެ އިތުރުން، އެއްވެސް ކުޅިވަރެއް ތަފާތު ކުރުމެއް ނެތި ހުރިހާ ކުޅިވަރެއް ކުރިއަރުވަން މަސައްކަތް ކުރައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅާ އެކު، ކުޅިވަރުތަކަށް އެކަށީގެންވާ ވަސީލަތްތަކާ އެކު، ރަނގަޅު ފަންނީ މީހުންގެ ލަފަޔާއި އިރުޝާދު ލިބޭނެ މަގު ވެސް ސަރުކާރުން ފަހިކޮށްދެވޭނެ އަހަރަކަށް މި އަހަރުވާނެ. މި ކަމުގައި އެއްވެސް ކުޅިވަރެއް ތަފާތު ކުރުމެއް ނެތި، އިހުލާސްތެރިކަމާ އެކު، އަޅުގަނޑު މަސައްކަތްކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވަން،" ރާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސަރުކާރާއި އޮލިމްޕިކް ކޮމިޓީ އަދި ކުޅިވަރު އެސޯސިއޭޝަން ގުޅިގެން އެއް ރޫހެއްގައި މަސައްކަތްކޮށްފިނަމަ، އޭގެ ފައިދާ އެތުލީޓުންގެ ފަރާތުން މުޅި ގައުމަށް ކުރާނެ ކަމަށެވެ.
"ދިވެހި ކުޅިވަރުގެ ކުރިމަގަށް އެންމެން ގުޅިގެން އަޅާ ކޮންމެ ފިޔަވަޅަކާ އެކު ހޯދާ ކޮންމެ ކާމިޔާބީ އަކީ އެންމެނަށް ލިބޭ ކާމިޔާބީ އަކަށްވާނެ. ދިވެހި ކުޅިވަރުގެ މުސްތަގުބަލަށް ހޯދޭ ކާމިޔާބީ އަކަށްވާނެ،" ރާފިއު ވިދާޅުވި އެވެ.
މިދިޔަ އަހަރަކީ ރާއްޖޭގެ ކުޅިވަރުގައި ކާމިޔާބީތަކެއް ހާސިލްވި އަހަރެއްގެ ގޮތުގައި ރާފިއު ފާހަގަކުރެއްވި އެވެ. އެ ގޮތުން، ފުރަތަމަ ފަހަރަށް ރާއްޖޭގެ އެތުލީޓަކު އޮލިމްޕިކްސް އަކަށް ކޮލިފައިވުމުގެ ޝަރަފް ފާތިމަތު ދީމާ އަލީ ހޯދިއިރު، އޮލިމްޕިކްސްއެއްގައި ރާއްޖޭން އެންމެ ގިނަ ކުޅިވަރު ވާދަކުރީ މިދިޔަ އަހަރުގެ ޕެރިސް އޮލިމްޕިކްސްގަ އެެވެ. އަދި، ރާއްޖޭން ވަނީ، ކ. ތުލުސްދޫގައި ކުރިއަށްދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކޮށް، 2026 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ސާފިން އިވެންޓަށް ކޮލިފައިވެފަ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment