ދިވެހި އަންހެނެއްގެ ތިން ފިރިން، ނަސަބު އޮޅުމުގެ ބިރު އެބައޮތް: ފެމިލީ ކޯޓު

19 ފެބުރުވަރީ 2025 - 09:20 1

އަހުމަދު އާއިދު

އ

ރާއްޖޭގެ ރަށެއްގައި އަންހެނުންތަކެއް ސައިކަލު ދުއްވަނީ: ދިވެހި އަންހެނެއްގެ ތިން ފިރިން އެބަތިބި ކަމަށް ފެމިލީ ކޯޓުން ބުނެފި --- ފޮޓޯ: މިރާޝް ނާޝިމް / އަދަދު


ދިވެހި އަންހެނެއްގެ ތިން ފިރިން، ނަސަބު އޮޅުމުގެ ބިރު އެބައޮތް: ފެމިލީ ކޯޓު

19 ފެބުރުވަރީ 2025 - 09:20 1

ދިވެހި އަންހެނެއްގެ ތިން ފިރިން ތިބި މައްސަލައެއް ދިމާވެފައިވާ ކަމަށް ފެމިލީ ކޯޓުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ކޮމިޓީގައި އާއިލާއާ ބެހޭ ގަވާއިދާ ގުޅޭގޮތުން ފެމިލީ ކޯޓުން ހުރި ކަންބޮޑުވުންތައް ވަނީ ފާހަގަކޮށްފަ އެވެ.

އެ ގޮތުން ދަރިންގެ ހަރަދު ދޭން ގާނޫނާއި ގަވާއިދަށް ފިލަން ބޭރުގެ ގައުމުތަކުގައި ކައިވެނިކުރާ މައްސަލަތަކާއި ކައިވެނިތައް ކޯޓުގައި ރަޖިސްޓްރީ ނުކުރާ މައްސަލަ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދާ ކަމަށް ކޯޓުގެ އޮފިޝަލުން ބުންޏެވެ.

މިފަދަ ކަންކަމާ ގުޅިގެން ވަރަށް ހިތާމަވެރި ހާލަތްތައް ދިމާވެފައިވާ ކަމަށް ފެމެލީ ކޯޓުގެ ލީގަލް އޮފިސަރު އަހުމަދު މައުސޫމް ކޮމިޓީގެ ބައްދަލުވުމުގައި ވިދާޅުވި އެވެ.

"އެއް އަންހެނަކު. ތިން ފިރިން ހުރި އަންހެނަކު އެބަހުރި އިނގޭތޯ. އެއް އަންހެނެއް ތިން ފިރިން އެބަތިބި. ފުރަތަމަ ކައިވެންޏެއް ރާއްޖެއިން ބޭރުގަ ކޮށްފަ އެ ކައިވެނި ރަޖިސްޓްރީ ނުކުރެވޭ ހާލަތެއްގަ އެ ކައިވެނި އެއީ ނެތް ކައިވެންޏެއް ގޮތަށް ދޫކޮށްލުމަށްފަހު އެ މީހަކު އަމިއްލައަށް އިތުރު ކައިވެންޏެއް ބޭރުގަ ކޮށްފަ އަނެއްކާ،" މައުސޫމް ވިދާޅުވި އެވެ.

މި ހުރިހާ ކައިވެންޏެއްގެ ލިޔެކިޔުންވެސް ފެންނަން އެބަހުރި ކަމަށާއި ފުރަތަމަ ދެ ކައިވެންޏަށް ގޮތެއް ނުނިންމާ އޮއްވާ ތިންވަނަ ކައިވެންޏެއް ކުރީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ވަރަށް ނުރައްކާތެރި ކަމެއް. މިއީ އަޅުގަނޑުމެންގެ ނަސަބުވެސް އޮޅިގެން ހިނގައިދާނެ ކަމެއް. މިއީ އަޅުގަނޑުމެންގެ މުޖުތަމައު ތެރޭ ނޭދެވޭ ވަރަށް ގިނަ ކަންތައްތަކެއް އުފެދިގެން ހިނގައިދާނެ ކަމެއް،" މައުސޫމް ވިދާޅުވި އެވެ.

މިއީ އުސޫލުތަކުގެ މައްސަލައެއް ނޫން ކަމަށާއި އުސޫލުތަކާ ހިލާފަށް އާންމުން ކަން ކުރުމުގެ ނަތީޖާ ކަމަށް ފެމިލީ ކޯޓުގެ އޮފިޝަލުން މިއަދު ބުންޏެވެ. އެގޮތުން ރާއްޖެއިން ބޭރުގައި ކައިވެނި ކުރާނަމަ ހުއްދައަކަށް އެދެން އޮތް ނަމަވެސް ގިނަ މީހުން އެ ހުއްދަ ނުނަގާކަން މައުސޫމް މިއަދު ފާހަގަކުރެއްވި އެވެ.

މިފަދަ އިތުރު މައްސަލަތަކެއްވެސް އެބައުޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ މައްސަލަތަކުގެ ތަފުސީލެއް ނުދެއްވަ އެވެ.

0.00%

0.00%

100.00%

0.00%

މި ލިޔުން ކިޔާލުމުން


މޮހޮނދޭ

24 days ago

ރާއްޖޭގެ ކޯޓުތަކުގެ މޮޅުކަން. އަދި ވެސް ވަރި ސެޓްފިކެޓް ނުގެންގޮސްފިނަމަ ޖޫރިމަނާއަރާ. ސަޅި ދޯ