19 ފެބުރުވަރީ 2025 - 05:55 0
19 ފެބުރުވަރީ 2025 - 05:55 0
މިއުނިކް (ފެބްރުއަރީ 19) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ޕްލޭއޮފް ބުރުގައި ރޭ ފަހު ވަގުުތު ސެލްޓިކާ 1-1 އިން އެއްވަރުކޮށް އެގްރިގޭޓުން ނަތީޖާ ނެރެ، ބަޔާން މިއުނިކުން މުބާރާތުގައި ކުރިއަށްދިއުމުގެ ފުރުސަތު ހޯދިއިރު، ފެޔަނޫޑް އަތްދަށުވެ، އޭސީ މިލާން ކަޓައިފި އެވެ.
ބަޔާނުން ވަނީ ސެލްޓިކް ދަނޑުގައި ކުޅުނު ލެގުގައި، 2-1 އިން މޮޅުވެފަ އެވެ. ރޭގެ މެޗުގައި، ބަޔާން ދަނޑުގައި ސެލްޓިކުން ލީޑުނެގި އެވެ. އެ ގޮތުން، ބަޔާންގެ ކިމް މިން ޖޭއި އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، މި ލަނޑު ސެލްޓިކަށް ޖަހައިިދިނީ، ނިކޮލަސް ކޫން އެވެ.
ސެލްޓިކް މޮޅުވާން ދަނިކޮށް އިތުރު ވަގުތުގެ ހަތަރު ވަނަ މިނިޓްގައި އެ ޓީމަށް އެއްވަރުކޮށްދިން ލަނޑު ޖެހީ، ދާދި ފަހުން އާ ކޮންޓްރެކްޓެއް އެ ކްލަބާ އެކު ހެދި، އަލްފަންސޯ ޑޭވިސް އެވެ.
ފުރަަތަމަ ލެގުގައި ފެޔަނޫޑް އަތުން ބަލިވި މިލާނުން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ފެށިގެން މިނިޓެއްގެ ތެރޭ ލަނޑު ޖަހައި، ލީޑުނެގި އެވެ. މި ގޯލު ޖަހައިދިނީ، ޖެނުއަރީ ޓްރާންސްފާގައި ފެޔަނޫޑް ދޫކޮށް މިލާނަށް ބަދަލުވި، ސަންޓިއާގޯ ޖިމެނޭޒް އެވެ.
މިލާނަށް މައްސަލަ ދިމާވީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ، އެ ޓީމުގެ ތެއޯ ހެނާންޑޭޒަށް ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑެއް ދެއްކުމުންނެވެ. މިލާނުގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، މެޗުގެ 73 ވަނަ މިނިޓްގައި ފެޔަނޫޑަށް އެއްވަރުކޮށްދިނީ، ޖޫލިއަން ކަރަންޒާ އެވެ. މެޗަށް ފަހު، ހިނގައިދިޔަ ކަންތައްތަކެއްގެ ސަބަބުން، ފެޔަނޫޑްގެ ޖިވާއިރޯ ރީޑަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.
އިޓަލީގެ އެޓަލަންޓާ އަތުން ދެ ވަނަ ލެގުގައި 3-1 އިން މޮޅުވެ، ކްލަބް ބްރޫޖް ވަނީ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. އަދި މޮނާކޯއާ 3-3 އިން އެއްވަރުކޮށް ބެންފީކާ ވަނީ ގަދަ 16 ބުރުގެ ޖާގައެއް ޔަގީންކޮށްފަ އެވެ.
0.00%
100.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment