18 ފެބުރުވަރީ 2025 - 16:11 0
އަހުމަދު އާއިދު
ބަންކަރިން ހިދުމަތް ފަށަން އެސްޓީއޯ އާއި ވިޓޯލްއިން އެއްބަސްވުމުގައި ސޮއިކުރި ދުވަހު --- ފޮޓޯ: އެސްޓީއޯ
18 ފެބުރުވަރީ 2025 - 16:11 0
އަހަރެއްގެ މައްޗަށް 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ބުނެ ފެށި ބަންކަރިންގެ ހިދުމަތުން މިހާތަނަށް ލިބުނު އާމްދަނީ ހާމަކުރަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެކޮޅު ހައްދަވައިފި އެވެ.
ބަންކަރިންގެ ހިދުމަތް ފެށިތާ ފަސް މަސްވެފައިވާއިރު މިހާތަނަށް އެ ހިދުމަތުން ކިހާވަރެއްގެ އާމްދަނީއެއް ލިބުނުތޯ "އަދަދު" އިން މިއަދު ސުވާލުކުރުމުން ސައީދު ވަނީ އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވަން ދެކޮޅު ހައްދަވާފަ އެވެ.
އެގޮތުން، އެ ހިދުމަތްދޭ ސަރުކާރުން ކުންފުނި އެސްޓީއޯއާ ހަވާލާދީ އޭނާ ވިދާޅުވީ މިހާތަނަށް ބަންކަރިންގެ ހިދުމަތް ދިނުމަށް އެ ކުންފުނިން ގެނައީ ތެލުގެ ދެ ޝިޕްމަންޓު ކަމަށެވެ. އަދި، އިންޓަނޭޝަނަލް ބަންކަރިންގެ ހިދުމަތް ދިނުމަކީ ރާއްޖޭގައި އަލަށް ފެށި ކަމެއް ކަމަށާއި އެކަން ކުރުމުގައި ގިނަ ގޮންޖެހުންތަކެއް ހުރިކަން ސައީދު މިއަދު ފާހަގަކުރެއްވި އެވެ.
ތަކުރާރުކޮށް ސުވާލުކުރުމުންވެސް ސައީދު އެކަމަށް ޖަވާބެއް ނުދެއްވަ އެވެ. އަދި، އެ ސުވާލަށް ޖަވާބު ދޭން ޖެހޭނީ އެސްޓީއޯ އިން ކަމަށް ދެކިލައްވާ ކަމަށް ސައީދު ވިދާޅުވި އެވެ.
"އަޅުގަނޑު ދެކިލައްވާ ގޮތުގަ މީގެ އެންމެ ރަނގަޅު ގޮތަކަށް ވާނީ އެސްޓީއޯއިން ޖަވާބެއް ދެއްވިއްޔާ. އެބޭފުޅުން އެ ވިޔަފާރި ކުރައްވަނީ. ކޮންމެހެން އެ ސުވާލަށް އަޅުގަނޑު ޖަވާބެއް ނުދޭކަށް ނޫން،" ސައީދު ވިދާޅުވި އެވެ.
ނަމަވެސް، މީގެކުރިން ހަމަ މި ތަފުސީލު ސައީދު ވަނީ ހާމަކުރައްވާފަ އެވެ. ނޮވެމްބަރު 14، 2024 ގައި ސަރުކާރުން "ހަފުތާ 52" ގެ ނަމުގައި ބޭއްވި ޕެނަލް ޑިސްކަޝަން އެއްގައި ސައީދު ވަނީ އެ ދުވަހާ ހަމައަށް ބަންކަރިން އިން ޖުމްލަ 1.5 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ކަމަށް ވިދާޅުވެފަ އެވެ.
މީގެއިތުރުން، މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވަނީ ބަންކަރިންގެ ހިދުމަތުން އަހަރަކު 400 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް މިދިޔަ ޖޫން މަހު ދެއްކެވި ވާހަކަ ނޫސްވެރިން އޮޅުވާލާފައިވާ ކަމަށްވެސް ތުހުމަތު ކުރައްވާފަ އެވެ.
"މީގެ އިންކަމްގެ ވާހަކަ. ވިޔަފާރީގެ ހަރަކާތެއް މީ. އަޅުގަނޑު މިކަމުގެ މަސައްކަތް ފެށިއިރު އަޅުގަނޑު ދެންނެވިން 400 މިލިއަން ޑޮލަރުގެ ވޮލިއުމް އޮތް ކަމެކޭ މި ކަމަކީ. ދެން އެ ވާހަކަ އެކި ގޮތްގޮތަށް ޓްވިސްޓު ކުރާ ފަރާތްތަކުން ކުރޭ. ދެން އަޅުގަނޑު ހިތަށް އެރީ އެ ވާހަކައަށް ސީދާ އެއްޗެއް ދަންނަވައިފިއްޔާ އަނެއްކާވެސް ޓުވިސްޓޭ ކުރާނީ،" ސައީދު މިއަދު ވިދާޅުވި އެވެ.
ބަންކަރިންގެ ހިދުމަތް ރާއްޖޭގައި ދޭނީ ސިންގަޕޫރާއި ޔޫއޭއީގެ އިތުރުން މޮރިޝަސްގައި ވެސް ބަންކަރިންގެ ހިދުމަތް ދެމުންދާ ވިޓޯލް އާއި އެސްޓީއޯ ގުޅިގެންނެވެ. އެގޮތުން ބަންކަރުތަކަށް ތެޔޮ ފޯރުކޮށްދިނުމާއި ބަންކަރިން ހަބު އިޝްތިހާރުކުރުމަކީ ވިޓޯލްއާ ހަވާލުކުރެވިފައިވާ މަސައްކަތެކެވެ.
ހއ. އަތޮޅުގައި ސަރުކާރުގެ އިދާރާތަކުގެ އޮފީސްތަކެއް އިމާރާތް ކޮށް މި ހިދުމަތް ދޭން ފެށީ އެ އަތޮޅުގައި އޮފް ޝޯ ބަންކަރިން ދިނުމުގެ އަމާޒުގަ އެވެ. ނަމަވެސް ބަންކަރިންގެ ހިދުމަތް ދިނުމަށް ގެނައި ދެ ބޯޓުގެވެސް އޭގެ މަހެއްހާ ދުވަސް ފަހުން މާލެ ސަރަހައްދަށް ވަނީ އައިސްފަ އެވެ.
ވޭތުވެދިޔަ ހަތަރު މަހެއްހާ ދުވަހު އެ ދެ ބޯޓު ތެޔޮ އެޅުމުގެ ހިދުމަތް ދެމުންދިޔައީ މާލެ ސަރަހައްދުގަ އެވެ. އަދި ކައިރި ބައެއް އަތޮޅުތަކަށްވެސް ދަތުރުކޮށްފައިވެ އެވެ. މި ހިދުމަތާއި އެކަމުން ލިބޭ އާމްދަނީއާ ގުޅޭ އެއްވެސް ތަފުސީލެއް އަދި ތަފާސްހިސާބެއްވެސް ސަރުކާރުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.
Comment