18 ފެބުރުވަރީ 2025 - 15:08 0
އަހުމަދު އާއިދު
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު : އިމްޕޯޓު ޑިއުޓީން ލިބުނު އާމްދަނީ ދަށްވި ސަބަބެއް އޭނާ ވިދާޅެއް ނުވި --- ފޮޓޯ: ރައީސް އޮފީސް
18 ފެބުރުވަރީ 2025 - 15:08 0
މި އަހަރު މިހާތަނަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ދަށަށް ދިޔަ ސަބަބު ސާފުކޮށްދެއްވަން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ދެކޮޅު ހައްދަވައިފި އެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރު ފެށިގެން މި މަހުގެ 6، އާ ހަމައަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 246 މިލިއަން ރުފިޔާ މަދު އަދަދެކެވެ.
ރައީސް އޮފީހުގެ ޕްރެސް ރޫމުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގިނަ ނޫސްވެރިން ވަނީ އިމްޕޯޓު ޑިއުޓީ އަށް އައި ބަދަލާ ގުޅޭގޮތުން ސައީދުއާ ސުވާލު ކޮށްފަ އެވެ. ނަމަވެސް އާމްދަނީ ދަށްވި ސީދާ ސަބަބު ސާފުކޮށްދެއްވަން އިކޮނޮމިކް މިނިސްޓަރު ވަނީ ދެކޮޅު ހައްދަވާފަ އެވެ.
ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވަނީ އިމްޕޯޓު ޑިއުޓީން ލިބުނު އާމްދަނީ ދަށްވުމާއި ޖެނުއަރީ 1، ގައި އަމަލުކުރަން ފެށި ޗައިނާ-ރާއްޖެ ފްރީޓްރޭޑް އެގްރީމެންޓާ ގުޅުމެއް ނެތް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އެ މުއްދަތުގައި ޗައިނާއިން ގެނައި މުދަލުގެ އަގާއި ޑިއުޓީ މައާފުވި އަދަދުތައް ވެސް ތަފުސީލު ކޮށްދެއްވި އެވެ.
އެއާއެކު ނޫސްވެރިން ވަނީ މިކަމާ އެފްޓީއޭ އާ ގުޅުމެއް ނެތް ނަމަ ދެން މިކަން ދިމާވި ސަބަބެއް ހޯދިފައިވޭތޯ އަހާފަ އެވެ. އަދި، މިކަން ދިމާވީ ސިނގިރޭޓުގެ ޑިއުޓީ ބޮޑުކުރުމާއެކު ސިނގިރޭޓު އެތެރުކުރާ މިންވަރު މަދުވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވިދާޅުވާ ވާހަކަ ވެސް ނޫސްވެރިން ފާހަގަކުރި އެވެ.
"މަޖިލީހުގެ ނައިބު ރައީސް ދެއްކެވި ވާހަކަފުޅަކަށް ރިއާޔަތްކުރެއްވީ ނޫސްވެރިޔަކު. އެއީ ސިނގިރޭޓުގެ އާމްދަނީ ކަމަށް ވުން އެކަށީގެންވެއޭ... އެ ސަބަބުތައް އަޅުގަނޑުމެން ޖެހޭނީ ދެނެގަންނަން އެއީ އެހެންވެގެން ވާކަމެއްތޯ ނުވަތަ ނޫންތޯ،" އާމްދަނީ ދަށްވި ސަބަބު އެނގިނުލައްވާ ކަމަށް ދޭހަވާ ގޮތަކަށް ސައީދު ފުރަތަމަ ވިދާޅުވި އެވެ.
އޭގެ ފަހުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސައީދު ވަނީ އެ ސަބަބު ފިނޭންސާއި މީރާގެ ތަފާސްހިސާބުތައް ބޭނުންކޮށްގެން ނޫސްވެރިންނަށް ހޯދޭނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް، މިހާ ބޮޑަށް އާމްދަނީ ދަށްވި ސަބަބެއް އޭނާ ވިދާޅެއް ނުވެ އެވެ.
މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި އާމްދަނީ އިތުރުކުރަން ސަރުކާރުން ހުށަހެޅި އެންމެ ބޮޑު ސިޔާސަތަކީ އިމްޕޯޓު ޑިއުޓީއަށް ގެނައި ބަދަލެކެވެެ. އެގޮތުން ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ބޮޑުކޮށްގެން މި އަހަރުގެ ބިލިނެއްހާ ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ސަރުކާރުން ބަޖެޓުގައި ހިސާބު ޖެހި އެވެ.
އާމްދަނީ ދަށްވަމުންދާ މިންވަރުގެ ސަބަބުން މި އަހަރުގެ ބަޖެޓުގައި ލަފާކޮށްފައިވާ ޖުމްލަ 39.7 މިލިއަން ރުފިޔާގެ އާމްދަނީ ދައުލަތަށް ލިބޭނެތޯ، ނުވަތަ އެ އަދަދަށް އަސަރެއް ކުރާނެތޯ އެހުމުންވެސް ސައީދު ޖަވާބެއް ނުދެއްވަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment