Advertisement

މުސާރަތައް ކުޑަނުކުރެވޭނެ ކަމަށް ރައީސަށް ލަފާދޭން ކޮމިޓީން ނިންމައިފި

18 ފެބުރުވަރީ 2025 - 11:34 1

އަމަން ހަލީމް

އަމަން ހަލީމް

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން. ހަރަދު ކުޑަކުރަން އަޅާފައިވާ ފިޔަވަޅުތަކަށް ރުހުން ހޯދުމަށް ރައީސް ވަނި އެ ކޮމިޓީއަށް ފޮނުވާފައި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


މުސާރަތައް ކުޑަނުކުރެވޭނެ ކަމަށް ރައީސަށް ލަފާދޭން ކޮމިޓީން ނިންމައިފި

18 ފެބުރުވަރީ 2025 - 11:34 1

ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ އާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ މުސާރަަތައް ކުޑަކުރަން ސަރުކާރުން ހުށަހެޅި ގޮތަށް މުސާރަތައް ކުޑަކުރެވެން ނެތް ކަމަށް ރައީސްއަށް ލަފާއަރުވަން މާލިއްޔަތު ކޮމިޓީން މިއަދު ނިންމައިފި އެވެ.

މުސާރަތައް ކުޑަކުރުމަކީ ސަރުކާރުގެ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން ދެ އަހަރުގެ މުއްދަތަށް އަޅަން ނިންމާފައިވާ ފިޔަވަޅެކެވެ. މިއީ މި އަހަރަށް ފާސްކުރާ ބަޖެޓާއެކީ ގެންނާނެ ބަދަލުތަކެއް ކަމަށް ވިދާޅުވެ ރައީސް އިއުލާންކުރެއްވި ފިޔަވަޅެކެވެ.

މަޖިލީހުގެ ރުހުން ހޯދަން އައި ހުށަހެޅުމުގައި މުސާރަތަކާ ގުޅޭ ގޮތުން އޮތީ މައިގަނޑު ތިން ކަމެކެވެ. އެއީ:

  • ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މުސާރައިން 10 ޕަސެންޓު އުނިކުރުން
  • ޝަރުއީ ދާއިރާގެ އިސްވެރިންގެ މުސާރައިން 10 ޕަސެންޓު އުނިކުރުން
  • މިނިވަން މުއައްސަސާތަކުގެ އިސްވެރިންނާއި އަސާސީ މުސާރައިގެ ގޮތުގައި 12,000ރ. އަށް ވުރެ މަތިން ލިބޭ މަގާމުތަކުގެ އަސާސީ މުސާރައިގެ 10 ޕަސެންޓު އުނިކުރުން

މި މައްސަލަ ދިރާސާކުރި މާލިއްޔަތު ކޮމިޓީގެ މައިގަނޑު ކަންބޮޑުވުމަކަށްވީ, މި ބަދަލުތައް ގެންނަން ގިނަ ގާނޫނުތަކަށް ބަދަލު ގެންނަން ޖެހުމެވެ. ކޮމިޓީގައި ރިޕޯޓު އިއްވި މަމްދޫހު ވިދާޅުވީ, މި ގޮތަށް ގެންނަ ބަދަލެއް އިންސާފުވެރި ވާނެ ކަމަކަށް ކޮމިޓީގެ މެންބަރުން ނުދެކޭ ކަމަށެވެ.

"ގިނަ މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކުގެ މުސާރައިން 10 އިންސައްތަ އުނިކުރެވޭނީ ގިނަ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ކަމުންނާއި, އަދި އެއް ގިންތިއެއްގެ މަގާމުތަކަށް މުސާރަ އާއި އިނާޔަތްތައް އެއް ހަމައެއްގައި ހިފެހެއްޓުމަކީ ކޮމިޓީގެ ޒިންމާއަކަށް ވާއިރު, ގާނޫނުތަކަށް ބަދަލު ނުގެނެސް މުސާރަތައް އުނިކުރުމަށް ކޮމިޓީން ނިންމުމަކީ އިންސާފުވެރި އަދުލުވެރި ގޮތެއް ނޫން ކަމަަށް ކޮމިޓީއަށް ނުފެންނާތީ," އޭނާ ވިދާޅުވި އެވެ.

ކޮމިޓީން ނިންމީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން ނޫނީ މުސާރަތައް ކުޑަނުކުރެވޭނެތީ, މި ވަގުތަށް މުސާރައަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަ ނުފެންނަ ކަމަށް ރައީސްއަށް ލަފާދިނުމަށެވެ.

"މި ވަގުތަށް ބަދަލުތައް ގެންނަން ނުފެންނަ ކަމަށް ލަފާ ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަށް އަދި އޭގެ އިތުރަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ފަހު އެ ހުށަހެޅުން ހުށަހެޅުމަށް ލަފާ ދިނުމަށް،" ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ހުށަހެޅުއްވި އެވެ.

އެ ހުށަހެޅުން ފާސްކުރީ ކޮމިޓީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރުންގެ އިއްތިފާގުންނެވެ.