18 ފެބުރުވަރީ 2025 - 05:22 0
ހަސަން މުހައްމަދު
އަލީ ހުސެއިން މިއަދުގެ މަޖިލީހުގައި ވާހަކަ ދައްކަވަނީ: ވިދާޅުވީ އިސްލާހު ފާސް ކުރީ އިޖުރާއަތާ ހިލާފަށް ކަމަށް -- ފޮޓޯ: ސްކްރީން ކެޕްޗާ
18 ފެބުރުވަރީ 2025 - 05:22 0
ސިޔާސީ ޕާޓީތަކުން ވަކިކޮށްފި ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލު ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަކީ ފެން ހިފޭ ހަރުދަނާ މައްސަލައެއްކަން އެނގޭނީ ވެސް އެ މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންގޮސްގެން ކަމަށް މައްސލަަ ކޯޓަށް ހުށަހެޅި އަލީ ހުސެއިން މިއަދު ވިދާޅުވެއްޖެ އެވެ.
ދައުލަތުން ގަބޫލު ކުރަނީ ގާނޫނުއަސާސީއަށް ގެނައި އިސްލާހެއްގެ ސައްހަކަން ބެލުމުގެ ބާރެއް ސުޕްރީމް ކޯޓަކަށް ނުލިބޭ ކަމަށެވެ. އަދި އަސާސީގެ މާއްދާއެއް ބާތިލް ކުރުމުގެ ބާރު ވެސް ކޯޓަށް ނެތް ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ގަބޫލު ކުރެ އެވެ.
ގޮނޑި ގެއްލުވައިލެވޭ ގޮތަށް އޮތް މާއްދާތައް ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓަށް ނުބެލޭނެ ކަމަށް ދައުލަތުން ބުނާތީ އެވާހަކައަށް ރައްދު ދެމުން މިއަދު އޮތް އަޑުއެހުމުގައި އަލީ ހުސެއިން ވިދާޅުވީ، އަސާސީއަށް ގެނައި އިސްލާހަކީ ވެސް އޭގެ ޒާތުގައި ގާނޫނެއް ކަމަށާއި އެފަދަ މައްސަލަތައް ކޯޓަށް ބެލޭނެ ކަމަށެވެ.
އެ އިސްލާހު ފާސް ކުރުމުގައި އިޖްރާއީ މައްސަލައެއް އުޅޭތޯ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނު ސުވާލު ކުރެއްވުމުން އަލީ ހުސެއިން ވިދާޅުވީ، އިޖުރާއީ މައްސަލައެއް ނެތް ކަމަށް ބޭރު ފުށުން ފެނުނު ނަމަވެސް ހަގީގަތުގައި އިސްލާހު ފާސް ކުރުމުގައި އިޖުރާއީ މައްސަލަތަކެއް ހުރި ކަމަށެވެ.
"އަޅުގަނޑުމެން ގަބޫލު ކުރާ ގޮތުގައި އެއް ދުވަހެއްގައި ގާނޫނުއަސާސީއަށް ބޭނުންވާ އިސްލާހެއް ހުށަހަޅައި، ހަމަ އެ ދުވަހު މަޖިލީހުގައި ހިންގަންޖެހޭ ތިން ކިޔުން ހިންގައި، ހަމަ އެ ދުވަހު މަޖިލީހުން ފާސްކޮށް، ހަމަ އެ ދުވަހު ގާތްގަނޑަކަށް ނުވަ ވަރަކަށް ގަޑިއިރުގެ ތެރޭގައި އެ ތސްދީގު ކުރީމާ އެއީ ގާނޫނުއަސާސީގެ މަފްހޫމަށް ބަލާއިރު ... [އިޖުރާއަތްތަކާ އެއްގޮތަށް ފާސް ކުރިކަމަކަށް ނުބެލެވޭނެ]،" އަލީ ހުސެއިން ވިދާޅުވި އެވެ.
އަލީ ހުސެއިން ވިދާޅުވީ އޭނާ ހުށަހެޅުއްވި މައްސަލައަކީ ހަރުދަނާ މައްސަލައެއްކަން ވެސް އެނގޭނީ އެ މައްސަލައިގެ ޝަރީއަތް ކޯޓުގައި ކުރިއަށްގެންގޮސްގެން ކަމަށެވެ.
"މި މައްސަލައަކީ ފެން ހިފޭ މައްސަލައެއްކަން ނުވަތަ ނޫންކަން ވެސް ކަނޑައެޅޭނީ މި މައްސަލަ ބަލައިގެން،" އަލީ ހުސެއިން ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުމުގައި މައިގަނޑު ގޮތެއްގައި އޮތީ ފަނޑިޔާރުން ކުރެއްވި ސުވާލަތަކަށް ދެ ފަރާތުން ޖަވާބު ދިނުމެވެ. ފަނޑިޔާރުންގެ ސުވާލުތަކަސް ޖަވާބު ދެއްވަމުން ދައުލަތުގެ ވަކީލާ ފާތުމަތު ހަލީމް ވިދާޅުވީ ކޮންމެ ދުސްތޫރީ މައްސަލައަކީ ސުޕްރީމް ކޯޓާ ހަމައަށް ގެންނަންޖެހޭ މައްސަލައެއް ނޫން ކަމަށެވެ.
"ކޮންމެ ދުސްތޫރީ މައްސަލައަލީ އޭގެ ޒާތުގައި މި ކޯޓަށް އަންނަން ޖެހޭ މައްސަލައެއް ނޫން ކަމަށް މި ކޯޓުން ވެސް ނިންމާފައި އޮވޭ،" ވަކީލާ ވިދާޅުވި އެވެ.
ގޮނޑި ގެއްލޭ އިސްލާހުގެ ސަބަބުން، ގާނޫނުއަސާސީގައި ބުނާ ރައްޔިތުންގެ ބާރު ގެއްލޭ ކަމަށް މައްސަލަ ހުށަހެޅި ފަރާތުން ބުނާތީ އެއަށް ރައްދު ދެއްވަމުން ވަކީލާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ބަސް ބުނަން އޮންނަ ބާރެއް ކަމަށެވެ.
"ތިން ބާރުގެ ތެރެއިން ރައްޔިތުންގެ ބަސް މި ބުނާ ބާރަކަށް އޮންނަނީ ރައްޔިތުންގެ މަޖިލިސް. އޭގެ ޒާތުގައި ރައްޔިތުންގެ ބަސް ބުނާ ބާރަކަށް އޮންނަނީ ރައްޔިތުންގެ މަޖިލިސް،" ފާތުމަތު ވިދާޅުވި އެވެ.
ޝަރީއަތުގައި ވާހަކަ ދައްކަވަމުން ވަކީލާ އިތުރަށް ވިދާޅުވީ ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންގެ މަޖިލީހަކީ އެންމެ ގިނަ ބާރުތައް ލިބިދޭ ބާރު ކަމަށް ސުޕްރީމް ކޯޓުން ވެސް ނިންމާފައިވާ ކަމަށެވެ.
"ދެން އޮތް ދެ ބާރަށް ބުރެ ރައްޔިތުންގެ މަޖިލީހުގައި އޮތް ބާރުތައް ގިނަ ކަމަށް އެބަ އޮތް ސުޕްރީމް ކޯޓުން ވެސް ނިންމައިފަ،" އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ބަލަނީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުން ހިމެނޭ ބެންޗަކުންނެވެ. ފަނޑިޔާރުންގެ ސުވާލުތަކަށްފަހު މިއަދު އަޑުއެހުން ވަނީ ވަގުތުކޮޅަކަށް މެދުކަނޑާލައިފަ އެވެ.
މި މައްސަލައިގައި ފުރަތަމަ ބޭއްވި އަޑުއެހުމުގައި އިއްޔެ ވާހަކަ ދައްކަވަމުން އަލީ ހުސެއިންގެ ވަކީލު މަހްފޫޒް ސައީދު ވިދާޅުވީ ގޮނޑި ގެއްލުވައިލުމުގެ ބާރު ޕާޓީތަކަށް ލިބޭ ގޮތަށް ގެނައި އިސްލާޙު އަސާސީއާ ހިލާފުވުމުގެ އިތުރުން އެއީ ރިޔާސީ ނިޒާމުގެ ސިފައެއް ވެސް ނޫން ކަމަށެވެ.
"ގާނޫނުއަސާސީގައި އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދީފައިވަނީ ރައްޔިތުންގެ އަސާސީ ހައްގުތަކަށާއި ރައްޔިތުންގެ ކިބައިން ފެށިގެން އަދި ދެމިގެންދާ އެއްޗެއްގެ ގޮތުގައި ދައުލަތުގެ އެންމެހައި ބާރުތައް އޮތުމުގެ މައްޗަށް. ރައްޔިތުން މި ބާރު ތަމްސީލުކުރާނީ އެ މީހުން އިންތިހާބުކުރާ މެންބަރުން މެދުވެރިކޮށް،" މަހްފޫޒް ވިދާޅުވި އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment