18 ފެބުރުވަރީ 2025 - 08:36 0
18 ފެބުރުވަރީ 2025 - 08:36 0
މާލޭ ސަރަހައްދުގެ ސްކޫލެއްގެ ޓީޗަރަކު، ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ބަލަމުން ދާއިރު، އެ ޓީޗަރު ސްކޫލުގައި ކިޔަވައި ދެމުންދާކަން އެނގިއްޖެ އެވެ.
މި މައްސަލައިގައި ތުހުމަތު ކުރެވެނީ އިސްލާމް މާއްދާ ކިޔަވައިދޭ ޓީޗަރަކަށެވެ. އެ ޓީޗަރުގެ މައްސަލަ ޕޮލިހަށް ހުށަހެޅި ކަމުގެ މައުލޫމާތު އެނގޭ މަސްދަރަކުން "އަދަދު" ނޫހަށް ކިޔައި ދިން ގޮތުގައި އެ މައްސަލަ ޕޮލިހަށް ހުށަހެޅީ މިދިޔަ ޖެނުއަރީ މަހު މެދެއްހައި ހިސާބު އެވެ.
އެޑިއުކޭޝަން މިނިސްޓްރީގެ ސަމާލު ކަމަށް ވެސް މި މައްސަލަ ގެނެވިފައިވާ ކަމަށް އޭނާ ބުންޏެވެ. އެކަން މިނިސްޓްރީގެ އޮފިޝަލަކު ވެސް ކަށަވަރުކޮށް ދިނެވެ.
"ނަމަވެސް މިއަދާ ހަމައަށް ވެސް އެ ޓީޗަރު ދަނީ ކިޔަވައި ދިނުމުގައި ހަރަކާތްތެރި ވަމުން. ވަގުތީ ގޮތުން ނަމަވެސް ސަސްޕެންޑެއް ނުކުރޭ،" އެ މީހާ ބުންޏެވެ.
އުމުރުން 11 އަހަރުގެ އެ ދަރިވަރަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުވާ ޓީޗަރާ އާއިލީ ގޮތުން ގުޅުން ވެސް އޮވެ އެވެ.
"[އެ ކުއްޖާ] އަށް ވެސް އެ ވާހަކަތައް ކިޔައި ދިނުމުގެ ހިތްވަރު ލިބުނީ ކްލާހުގެ އެހެން ދަރިވަރުންތަކެއް ބުނެގެން. މި މައްސަލައިގައި އެންމެންގެ ބަޔާން ވެސް ފުލުހުން ވަނީ ނަގާފައި. ނަަމަވެސް [އެ ޓީޗަރާމެދު] ފިޔަވަޅެއް ނޭޅިގެން އުޅޭތީ ކަންބޮޑުވޭ،" ބެލެނިވެރިޔާ ބުންޏެވެ.
މި މައްސަލައިގައި ޓީޗަރާ މެދު އެއްވެސް ފިޔަވަޅެއް ނޭޅިގެން އުޅެނީ އޭނާ އާއި ސަރުކާރުގެ ބައެއް ވެރިންނާ އޮތް ގުޅުމުގެ ވަރުގަދަ ކަމުން ކަމަށް، ޖިންސީ ގޯނާ ލިބުނު ކުޑަ އަންހެން ކުއްޖާގެ އާއިލާ މީހުން ގަބޫލުކުރެ އެވެ.
Comment