17 ފެބުރުވަރީ 2025 - 05:53 0
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި ޗައިނާގެ ފުޖިއާން ޕްރޮވިންސިއަލް ބިއުރޯ އޮފް ސްޕޯޓްސްގެ ދެމެދުގައި ކުޅިވަރުގެ މުހިންމު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި އިވެންޓްގައި މިނިސްޓަރު ރާފިއު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
17 ފެބުރުވަރީ 2025 - 05:53 0
ޓެލެންޓް އެކްސްޗޭންޖް ޕްރޮގްރާމެއްގެ ދަށުން ވަރަށް އަވަހަށް ރާއްޖޭގެ އެތުލީޓުން ތަމްރީންތަކަށް ޗައިނާ އަށް ފޮނުވިގެންދާނެ ކަމަށް ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި ޗައިނާގެ ފުޖިއާން ޕްރޮވިންސިއަލް ބިއުރޯ އޮފް ސްޕޯޓްސްގެ ދެމެދުގައި ކުޅިވަރުގެ މުހިންމު އެއްބަސްވުމެއްގައި، އިއްޔެ ވަނީ ސޮއިކޮށްފަ އެވެ. މިއީ، ރާއްޖޭގެ ކުޅިވަރުގެ އުމްރާނީ އަދި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގައި ދެ ފަރާތް ގުޅިގެން ކުރެވޭނެ މުހިންމު ކަންތައްތަކަށް ބަލައި، ވެވުނު އެއްބަސްވުމެކެވެ.
މި އެއްބަސްވުމާ ބެހޭގޮތުން، މިނިސްޓަރު، ރާފިއު ވިދާޅުވީ، ވަރަށް އަަވަހަށް ރާއްޖޭގެ އެތުލީޓުންނަށް ޓެލަންޓް އެކްސްޗޭންޖް އެއްބަސްވުމެއްގެ ތެރެއިން، ޗައިނާ އަށް ތަމްރީންތަކުގައި ބައިވެރިވާން ދެވޭނެ ކަމަށެވެ.
މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން އާއި ޗައިނާގެ ފުޖިއާން ޕްރޮވިންސިއަލް ބިއުރޯ އޮފް ސްޕޯޓްސްގެ ދެމެދުގައި ކުޅިވަރުގެ މުހިންމު އެއްބަސްވުމެއްގައި އިއްޔެ ވަނީ ސޮއިކުރެވިފައި.--- ފޮޓޯ: ސްޕޯޓްސް މިނިސްޓްރީ
ފުޖިއާން ޕްރޮވިންސިއަލް ބިއުރޯ އޮފް ސްޕޯޓްސްއާ އެކު، ސޮއިކުރުމަށް ބޭއްވި އިވެންޓްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ރާފިއު ވިދާޅުވީ، މި އެއްބަސްވުމުގެ ތެރެއިން، ސްޕޯޓްސް މެޑިސިން، އެންޓި ޑޯޕިން އިނީޝިއޭޓިވް، އެތުލީޓްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ އިތުރުން ކުޅިވަރުގެ އިންފްރާސްޓްރަކްޗާ ބިނާކުރުމުގެ މަސައްކަތް ކުރެވިގެންދާނެ ކަމަށެވެ.
މި ސަރުކާރުން އިސްނަގައިގެން އެކުލަވާލި ކުޅިވަރުގެ ދިގު ރާސްތާ ޕްލޭނުގައިވާ ކަންކަން ހާސިލްކުރުމަށް، މި ގާއިމްކުރެވުނު އެއްބަސްވުމުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ފާހަަގަކުރެއްވި އެވެ. އެ ގޮތުން، ރާއްޖޭގެ ކުޅިވަރުގެ ދިގު ރާސްތާ ޕްލޭނުގައިވާ 2040 ވަނަ އަހަރު ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގެ ޕޯޑިއަމް ފިނިޝް (މެޑަލެއް ހޯދުމަށް) ކުރާ މަސައްކަތަށް ވެސް މަގުތަކެއް ކޮށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވެފައިވެ އެެވެ.
މީގެ ކުރިން، މިނިސްޓަރު ރާފިއު ވަނީ މެލޭޝިއާ، ކިއުބާ، އުޒްބެކިސްތާން އަދި ފްރާންސުން ވެސް ރާއްޖޭގެ ކުޅިވަރަށް ހުރި ފުރުސަތުތައް ހޯދަން މަޝްވަރާތަކެއް ކުރިއަށްގެންދަވައިފަ އެވެ. އަދި، ރާއްޖޭގެ ކުޅިވަރަށް ފުރުސަތު ހޯދުމުގެ ގޮތުން، ސައުދީ އަަރަބިއްޔާއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment