Advertisement

ވެލިދޫ ހޮސްޕިޓަލުގެ މަސައްކަތް ނުފެށެނީ ސަރުކާރުން އެޑްވާންސް ފައިސާ ނުދައްކާތީ: އައްބާސް

17 ފެބުރުވަރީ 2025 - 11:24 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ވެލިދޫ ހޮސްޕިޓަލުގެ މަސައްކަތް ނުފެށެނީ ސަރުކާރުން އެޑްވާންސް ފައިސާ ނުދައްކާތީ: އައްބާސް

17 ފެބުރުވަރީ 2025 - 11:24 0

ނ. ވެލިދޫ ހޮސްޕިޓަލު އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށި ލަސްވަނީ ސަރުކާރުން ދައްކަން ޖެހޭ އެޑްވާންސް ޕޭމަންޓު ނުދައްކާ އޮތުމުން ކަމަށް އެ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު މުހައްމަދު އައްބާސް ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އައްބާސް ވަނީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މަޖިލިސް މެންބަރުންގެ ފޯނަށް ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާފަ އެވެ. އަދި، އޭނާ ވަޒީރަށް ގުޅާތާ 10 ދުވަސް ވެއްޖެ ކަމަށް ވިދާޅުވި އެވެ.

"ވެލިދޫ ހޮސްޕިޓަލު އަޅަން ތިބި މީހުން ރާއްޖެ އައިސް އެ މީހުންނަށް އެޑްވާންސް ޕޭމަންޓު ނުދީގެން ހުޅުމާލޭގަ އެ ތިބީ. އަޅުގަނޑު ފިނޭންސް މިނިސްޓަރު ޒަމީރަށް ގުޅާތާ ބަރާބަރު މި ވީ 10 ދުވަސް،" އައްބާސް ވިދާޅުވި އެވެ.

ވެލިދޫގައި ޓާޝަރީ ހޮސްޕިޓަލެއް އެޅުމަކީ މިދިޔަ ސަރުކާރުގެ ވައުދެކެވެ. ކުވެއިތު ފަންޑުގެ ހިލޭ އެހީގެ ދަށުން ހިންގާ މި މަޝްރޫއުގެ މަސައްކަތް ކުރުމަށް ޖެނުއަރީ 25، 2023 ގައި ނެޝަނަލް ޓެންޑާ ބޯޑުން ބަޔަކާ ހަވާލުކުރި އެވެ. ނަމަވެސް އެ ކުންފުނީގެ ތަފުސީލެއް އޭރު ހާމައެއް ނުކުރެ އެވެ.

އެމްޑީޕީގެ ސަރުކާރުން ބުނީ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުން ލަސްވީ އެ މަޝްރޫއު ފަންޑުކުރާ ކުވައިތު ފަންޑުން ހުއްދަ ނުލިބިގެން ކަމަށެވެ. އެ މަޝްރޫއުގެ އެގްރީމެންޓުގައި ސޮއިކުރިކަން މި ސަރުކާރުންވެސް ހާމައެއް ނުކުރެ އެވެ.

ނަމަވެސް ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި އާންމުކޮށްފައިވާ މައުލޫމާތުން އެނގޭ ގޮތުގައި މި މަޝްރޫއު ހަވާލުކޮށްފައިވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ އަނާންދު ބިލްޑްޓެކް އާ އެވެ. މި މަޝްރޫއަށް ޖުމްލަ 95.6 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.

އެމްޑީޕީ ސަރުކާރަށް މި މަޝްރޫއު ނުފެށި އޮއްވާ ޑރ. މުހައްމަދު މުއިއްޒުވެސް ވައުދު ތަކުރާރުކުރެއްވި އެވެ. ނަމަވެސް މިހާތަނަށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިފައެއް ނުވެ އެވެ. ވެރިކަމަށް ވީ 15 މަސްދުވަހުގެ ތެރޭގައި އެމަނިކުފާނު ވެލިދޫއަށް ވަޑައިގެންފައެއްވެސް ނުވެ އެވެ.