17 ފެބުރުވަރީ 2025 - 10:22 3
އަހުމަދު އާއިދު
ރިޔާސީ ބަޔާން އިއްވި ދުވަހު ޒަމީރު މަޖިލީހަށް ވަދެވަޑައިގަންނަވަނީ: ޒަމީރަކީ ފިނޭންސު މިނިސްޓަރުގެ އިތުރުން ޕްލޭނިން މަސައްކަތްތަކުގެ ޒިންމާ ހަވާލުކުރައްވާފައިވާ މިނިސްޓަރު --- ފޮޓޯ: ރައީސް އޮފީސް
17 ފެބުރުވަރީ 2025 - 10:22 3
ރައްޔިތުންގެ މަޖިލީހުގެ 80 ޕަސެންޓު މެންބަރުންގެ ފޯނު ކޯލުތަކަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޖަވާބު ނުދެއްވާ ކަމަށް ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް މިއަދު ވިދާޅުވެއްޖެ އެވެ.
ޓޫރިޒަމާއި އެންވަރަމަންޓު މިނިސްޓްރީ އެއްކޮށްލާ އެ ވުޒާރާއަށް ޑރ. ތޯރިގު އިބްރާހިމް އައްޔަންކުރުމާ ގުޅޭ ބަހުސްގައި ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ ވަޒީރުން ވާން ވާނީ މަޖިލީހުގެ މެންބަރުންނާ ރަނގަޅު ގުޅުމެއް ބާއްވާ ބަޔަކަށް ކަމަށެވެ.
"މި އިއްޒަތްތެރި މަޖިލީހުގެ 80 އިންސައްތަ މެންބަރުން ފިނޭންސް މިނިސްޓަރު ޒަމީރަށް ބަރާބަރަށް ގުޅަމުން ދަނީ. އެއްގޮތަކަށް ވެސް ފޯނެއް ނުނަންގަވާ،" އޭނާ ވިދާޅުވި އެވެ.
ރައްޔިތުންނާއި ދާއިރާގެ ކަންކަމުގައި ގުޅުމުން އެއީ ކޮން ދާއިރާއެއްގެ ކޮން ޕާޓީއެއްގެ ކޮން ގިންތިއެއްގެ މެންބަރެއްތޯ ވަޒީރުން ބަލަން ނުޖެހޭނެ ކަމަށް ވެސް އައްބާސް ވިދާޅުވި އެވެ.
"އަޅުގަނޑު މިނިސްޓަރު ޒަމީރަށް ގުޅާތާ މި ވަނީ ބަރާބަރު 10 ދުވަސް. 200 އަށް ވުރެ ގިނަ ފަހަރު ގުޅައިފިން. ފޮނުވި އެއްވެސް މެސެޖަކަށް ޖަވާބު ނުދޭތާ ގުޅި އެންމެ ފަހަރަކު ފޯނުވެސް ނުނަގާ،" ސަރުކާރު ކޯލިޝަނުން ވަކިވާނެ ކަމުގެ އިންޒާރު ދީފައިވާ އެމްޑީއޭގެ ނައިބު ރައީސް ވިދާޅުވި އެވެ.
ކުރިއަށް އޮތް ތަނުގައި ވެސް މެންބަރުންގެ ފޯނަށް ޖަވާބު ނުދެއްވާ ވަޒީރުންގެ ނަން މަޖިލީހުގައި ހާމަކުރާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.
މެންބަރުން މާލީ ވަޒީރަށް ގުޅާނީ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ދޫކުރުމާ ގުޅޭ ކަންކަމުގަ އެވެ. ކޮންޓްރެކްޓަރުންނަށް ދޭން ޖެހޭ ފައިސާ ދޫކުރުމުގާ ލަސްތަކެއް އުޅޭކަމުގެ ޝަކުވާ މިދިޔަ އަހަރާއި މި އަހަރު ވެސް ފެންމަތިވެފައިވެ އެވެ.
އެ ގޮތުން އައްބާސް ނިސްބަތްވާ ނ. ވެލިދޫ ގައި ހޮސްޕިޓަލް އެޅުމުގެ މަޝްރޫއު ހަވާލު ކޮށްފައިވާ ކުންފުނިން ރާއްޖެ އައިސް މަސައްކަތް ނުފެށި ލަސްވެފައި ވަނީ ފިނޭންސުން އެޑްވާންސް ޕޭމަންޓު ނުދައްކާތީ ކަމަށް މިއަދު އޭނާ ވިދާޅުވި އެވެ.
މި ވެރިކަމުގައި ތަރައްގީގެ މަޝްރޫއުތައް މަޑުޖެހިފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ސަރުކާރުން ވެސް ވަނީ އެއްބަސްވެފަ އެވެ.
ނަމަވެސް މިދިޔަ އަހަރާ ހިލާފަށް މި އަހަރު ގިނަ މަޝްރޫއުތަކެއް ފެށިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ. ރައީސް މުއިއްޒު އެމަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވަނީ އެ ވާހަކަ އެތައް ފަހަރެއްގެ މަތިން ތަކުރާރުކުރައްވާފަ އެވެ.
މިއަދު ފާޑުކިޔުން އަމާޒުވި ޒަމީރު މި ސަރުކާރުގައި ފުރަތަމަ އަދާކުރެއްވީ ފޮރިން މިނިސްޓަރުކަމެވެ. އޭނާ މާލީ ވަޒީރުކަމަށް ބަދަލުކުރެއްވީ ރައީސް މުއިއްޒު ކުއްލިއަކަށް ކެބިނެޓަށް ގެންނެވި ބަދަލެއްގެ ތެރެއިން ސެޕްޓެމްބަރު 30، 2024 ގަ އެވެ.
Comment