17 ފެބުރުވަރީ 2025 - 09:56 7
އަހުމަދު އާއިދު
ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހުތާޒު މުހުސިން އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނު ---
17 ފެބުރުވަރީ 2025 - 09:56 7
ހުކުމާ އެއްގޮތަށް ސާބިތު ދަރަންޏެއް ނުދައްކާތީ ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާނުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހަޅާފައި އޮއްވައި، އެ ދަރަނި ދެއްކީ ނަގުދު ފައިސާ އިން ކަން އެނގިއްޖެ އެވެ.
އަދަދު އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް މިހާތަނަށް ނުދައްކާ އޮތް ޖުމްލަ 1.3 މިލިއަން ރުފިޔާ ސިނާނުގެ ފަރާތުން ބޭންކަށް ދެއްކީ ފެބްރުއަރީ 13، ގަ އެވެ.
މެދުޒިޔާރަތް މަގުގައި ހުންނަ އެމްއައިބީ ގެ މައި އޮފީހަށް ނަގުދު ފައިސާއިން 1.3 މިލިއަން ރުފިޔާ ހިފައިގެން ގޮސް، އެ ބޭންކަށް ސިނާނުގެ ފަރާތުން ދަރަނި ދެއްކީ ރައީސް މުހައްމަދު މުއިއްޒުގެ ކުރީގެ ކްރިމިނިލް ޖަސްޓިސް އެޑްވައިޒަރު އަދި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހުތާޒު މުހުސިން އެވެ.
އެކަކަށްވުރެ ގިނަ މަސްދަރުތަކުން މި ނޫހަށް އެކަން ވަނީ ކަށަވަރުކޮށްދީފަ އެވެ.
މިކަމާ ގުޅިގެން މުހުތާޒުގެ ބަހެއް ހޯދަން މި ނޫހުގެ ނޫސްވެރިން ގުޅުމުން މުހްތާޒް ވިދާޅުވީ، ސިނާނަކީ އޭނާގެ ކްލަޔަންޓެއް ކަމަށެވެ. އަދި، ސިނާނުގެ ލޯނާއި މި މައްސަލައާ ގުޅޭ އެއްވެސް ތަފުސީލެއް ދެވެން ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތިބޭފުޅުންނަށް ތިއީ ސައްހަ މައުލޫމާތެއްކަން ކަށަވަރުވަންޏާ އެގޮތަށް ރިޕޯޓު ކުރެއްވިޔަސް އަޅުގަނޑުގެ އިއުތިރާޒެއް ނެތް. އެކަމާ ގުޅިގެން އިތުރު ކޮމަންޓެއް ނެތް،" ފޯނުން ވާހަކަ ދައްކަވަމުން މުހުތާޒު ވިދާޅުވި އެވެ.
ނަގުދު ފައިސާގެ ގޮތުގައި އެމްއައިބީއަށް ދެއްކި 1.3 މިލިއަން ރުފިޔާއަކީ ކިހިނެތް ލިބުނު ފައިސާއެއްތޯ އެހުމުން ސިނާނު ޖަވާބެއް ދެއްވާފައެއް ނުވެ އެވެ. މި ނޫހުގެ ނޫސްވެރިން ގުޅުމުން އޭނާ ފޯނަށް ޖަވާބެއް ވެސް ނުދެއްވަ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ފައިސާ ލިބުނު ގޮތުގެ ތަފުސީލު ހޯދުމަށް ސިނާނުގެ ކުންފުންޏަށް މިހާރު ވަނީ ބޭންކުން އެދިފަ އެވެ.
އާންމުކޮށް ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކުރުމުން ފައިސާ ހޯދި ގޮތާއި މުއާމަލާތް ކުރި ސަބަބު ހޯދަން ބޭންކުތަކުން އެދެ އެވެ. އަދި، އެފަދަ މުއާމަލާތްތައް އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން ވެސް މޮނިޓާ ކުރެ އެވެ.
އެހެން ބަޔަކާ ގުޅިގެން ސިނާނު މޯލްޑިވްސް އިސްލާމިކް ބޭންކުން ނެގި 3.8 މިލިއަން ރުފިޔާގެ ލޯނު، އެއްބަސްވުމާ އެއްގޮތަށް ނުދައްކާ އޮވެގެން އެ ފައިސާ ހޯދަން އައްޑޫ ހިތަދޫ ކޯޓަށް ހުށަހެޅި މައްސަލައިގައި އޮކްޓޯބަރު 14، 2024، ގައި ހުކުމް ކުރީ އެ ތާރީހާ ހަމައަށް ދައްކަން އޮތް 2.5 މިލިއަން ރުފިޔާ ހަ މަހަށް ބަހާލައިގެން ދެއްކުމަށެވެ.
ނަމަވެސް ކޯޓުން ކަނޑައެޅި ތާވަލާ އެއްގޮތަށް ސިނާނު އެ ފައިސާ ނުދައްކާ ކަމަށް އިތުބާރު ކުރެވޭ މަސްދަރުތަކުން މި ނޫހަށް ކަށަވަރުކޮށްދިނެވެ. އެހެންވެ، ހިތަދޫ ކޯޓުގެ ހުކުމް ތަންފީޒުކޮށް ދިނުމަށް އިސްލާމިކް ބޭންކުން ހުށަހެޅި އެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުންނުދާ ނަމަ، މަޖިލީހުގެ މެންބަރު ކަމަށް ވާދަ ވެސް ނުކުރެވޭނެ ކަމާއި، މެންބަރެއްގެ ގޮތުގައި ހުއްޓައި އެފަދަ ހާލަތެއް މެދުވެރި ވެއްޖެ ނަމަ މެންބަރުކަމުގެ ޝަރުތު ގެއްލޭނެ ކަމަށެވެ.
އެހެންވެ، ސިނާނުގެ ގޮނޑި ގެއްލިފައިވާކަން ކަނޑައަޅައި ދޭން ޣާލިބު ސަލީމު ނަމަކަށް ކިޔާ މީހާކު ސުޕްރީމު ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ. މި މައްސަލަ މިހާތަނަށް ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައެއް ނުވެ އެވެ.
Comment