16 ފެބުރުވަރީ 2025 - 13:40 1
އަހުމަދު އާއިދު
ރޭ ބޭއްވި އަހާ ފޯރަމުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވާހަކަދައްކަވަނީ: އޭނާ ވިދާޅުވީ އިމްޕޯޓު ޑިއުޓީން ލިބުނު އާމްދަނީ ދަށްވުމާ ޗައިނާ އެފްޓީއޭ އާ ގުޅުމެއް ނެތް ކަމަށް --- ފޮޓޯ: ރައީސް އޮފީސް
16 ފެބުރުވަރީ 2025 - 13:40 1
މި އަހަރު މިހާތަނަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ ދަށަށް ދިޔައީ ޗައިނާއާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) ގެ ސަބަބުން ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.
ޗައިނާ އިން ރާއްޖެއަށް އެތެރެކުރާ ގިނަ މުދާތަކަކުން ނަގަމުން އައި އިމްޕޯޓު ޑިއުޓީ މައާފުވާ ގޮތަށް އެކުލަވާލި އެފްޓީއޭއަށް އަމަލުކުރަން ފެށީ ޖެނުއަރީ 1، ގަ އެވެ. އިމްޕޯޓް ޑިއުޓީއިން ލިބުނު އާމްދަނީ ދަށްވީ އެފްޓީއޭގެ ސަބަބުން ކަމަށް ކަމުގެ ބައެއް މާހިރުން ބުނެ އެވެ.
މިނިސްޓަރު ވިދާޅުވީ އެފްޓީއޭގެ ދަށުން ޑިއުޓީ މައާފުވީ ނިސްބަތުން މަދު މުދަލެއްގެ ކަމަށެވެ. މި އަހަރުގެ މިހާތަނަށް އެއް ބިލިއަން ރުފިޔާގެ މުދާ ގެނެސްފައިވާ ކަމަށާއި އެ މުދަލުގެ ސީއައިއެފް ވެލިއު އަކީ 34 މިލިއަން ކަމަށް މިނިސްޓަރު ރޭ ވިދާޅުވި އެވެ. އޭގެތެރެއިން އެފްޓީއޭގެ ދަށުން މައާފުވީ އެންމެ 2.3 މިލިއަން ރުފިޔާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެއީ މުޅި ޖުމްލަ އިމްޕޯޓުގެ އެއް ޕަސެންޓު. އެހެންވީމަ އެފްޓީއޭ އަކާ އެޔަކާ [އާމްދަނީ ދަށްވުމަކާ] ގުޅުމެއް ނެތް. މި އައި ވެއްޓުމުގެ ގުޅުމެއް އެފްޓީއޭ އަކާ ނެތް،" ސައީދު ވިދާޅުވި އެވެ.
އިމްޕޯޓް ޑިއުޓީއިން ލިބުނު އާމްދަނީ ދަށްވި ސަބަބުން އާންމުންނަށް އޮޅުންފިލުވައިދިނުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޓީމުގަ އެދިގެން ވަރަށް ބޮޑު މަސައްކަތްތަކެއް ކުރިން މިއަދު އެކަން ރަނގަޅަށް ޕާސްޕެކްޓިވް އަކަށް ގެނައުމަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖެއަކީ އުފެއްދުންތެރިކަން ދަށް، އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމެއް ކަމަށާއި މި އެއްބަސްވުމުގެ ދަށުން އިމްޕޯޓު ޑިއުޓީ މައާފުވުމުގެ ފައިދާ ދިވެހި ވިޔަފާރިވެރިންނަށާއި އާންމު ރައްޔިތުންނަށް ކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް ވެސް މިނިސްޓަރު ރޭ ވިދާޅުވި އެވެ.
އެގޮތުން، އިމްޕޯޓު ޑިއުޓީ ދެއްކުމަކާ ނުލާ އެތައް މުދަލެއް މިހާރު ޗައިނާއިން ގެނެވޭނެ ކަމަށާއި އޭގެ ފައިދާ އެކި ދާއިރާތަކަށް ކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި ގެސްޓު ހައުސްތައް ނަންގަވައި، ސައީދު ވިދާޅުވީ އެފަދަ ފެސިލިޓީއެއް ގާއިމުކުރުމަށް މިހާރު ދާ ހަރަދު ބޮޑުތަނުން ކުޑަވާނެ ކަމަށެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މި އަހަރު ފެށިގެން މި މަހުގެ 6، އާ ހަމައަށް އިމްޕޯޓު ޑިއުޓީގެ ގޮތުގައި ލިބުނީ މިދިޔަ އަހަރުގެ މި މުއްދަތަށްވުރެ 246 މިލިއަން ރުފިޔާ މަދު އަދަދެކެވެ. މި މުއްދަތުގައި ދައުލަތުގެ ޖުމްލަ އާމްދަނީ ވެސް ވަނީ 874 މިލިއަން ރުފިޔާ ދަށަށް ގޮސްފަ އެވެ.
މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި އާމްދަނީ އިތުރުކުރަން ސަރުކާރުން ހުށަހެޅި އެންމެ ބޮޑު ސިޔާސަތަކީ ވެސް އިމްޕޯޓު ޑިއުޓީއަށް ގެނައި ބަދަލެކެވެެ. އެގޮތުން ސިނގިރޭޓާއި ބިޑިން ނަގާ ޑިއުޓީ ބޮޑުކޮށްގެން މި އަހަރުގެ ބިލިނެއްހާ ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ސަރުކާރުން ބަޖެޓުގައި ހިސާބު ޖެހި އެވެ.
Comment