Advertisement

ޕޮލްކޯގައި ފުޅާ ދާއިރާއެއްގައި ކޮރަޕްޝަން ހިންގާ ކަމަށް ބުނެ ވިސްލްބްލޯވަރެއްގެ ސިޓީއެއް މަޖިލީހަށް

16 ފެބުރުވަރީ 2025 - 10:57 1

އަމަން ހަލީމް

އަމަން ހަލީމް

ޕޮލްކޯ ފްލެޓުތަކުގެ ފިނިޝިން މަސައްކަތް ކުރަމުން ދިޔަ ދުވަސްވަރުގެ މަންޒަރެއް: މި ތަނުގައި މީހުން ދިރިއުޅެން ފެށި ނަމަވެސް އަދިވެސް ބައެއް މަަސައްކަތްތައް އެއްކޮށް ނުނިމޭ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ޕޮލްކޯގައި ފުޅާ ދާއިރާއެއްގައި ކޮރަޕްޝަން ހިންގާ ކަމަށް ބުނެ ވިސްލްބްލޯވަރެއްގެ ސިޓީއެއް މަޖިލީހަށް

16 ފެބުރުވަރީ 2025 - 10:57 1

ޕޮލްކޯގެ ތެރެއިން ފުޅާ ދާއިރާގައި ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކޮށް އެ އިދާރާގައި މަސައްކަތް ކުރާ މީހެއްގެ ސިޓީއެއް ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ކަމަށް މާލިއްޔަތު ކޮމިޓީން ހާމަކޮށްފި އެވެ.

ޕޮލްކޯގެ އިތުރު ކޮރަޕްޝަންތަކެއްގެ މައްސަލަ މާލިއްޔަތު ކޮމިޓީގެ ސަމާލުކަމަށް ގެނައީ, އެ ކޯޕަރޭޓިވުން ހިންގި "ބްލޫސް ހައުސިން މަޝްރޫއު" ނުވަތަ ޕޮލްކޯގެ ފްލެޓު މަޝްރޫއުގެ ތެރެއިން ކޮރަޕްޝަނަށް ޝައްކުކުރެވޭ އަމަލުތަކެއް ހިންގާފައިވާ ކަމަށް އޮޑިޓާ ޖެނެރަލް އޮފީހުން ނެރުނު ހާއްސަ އޮޑިޓެއްގައި ފާހަގަކޮށްފައި ވަނިކޮށެވެ.

މި އޮޑިޓު ރިޕޯޓު ދިރާސާކުރަމުންދާ މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީގައި އެ ކޮމިޓީގެ މުގައްރިރު, ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ, މަޖިލީހުން އެ އޮޑިޓުގެ މައްސަލަ ބަލަން ފެށި ފަހުން, ޕޮލްކޯގެ ތެރެއިން ފުޅާ ދާއިރާއެއްގައި ކޮރަޕްޝަން ހިނގަމުންދާ ކަމަށް ތުހުމަތުކޮށް ވިސްލްބްލޮވަރެއްގެ ސިޓީއެއް ލިބިފައިވާ ކަމަށެވެ.

"ހަމައެކަނި މި ހައުސިން ކަންތައް ނޫން ކަމަށް. އެތަނުގައި ޕޮލްކޯގެ ފަރާތުން ކޮރަޕްޝަންގެ އަމަލުތައް ހިންގާފައި ހުރީ. އެއަށް ވުރެ މާ ފުޅާ ދާއިރާއެއްގައި މިއީ މުދަލާއި ހިދުމަތް ހޯދުމުގައި ޕޮލްކޯގެ ތެރޭގައި ކޮރަޕްޝަން ހިނގަމުންދާ ކަމަށް," އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވި ގޮތުގައި, ވިސްލްބްލޮވަރު ހަވާލާދިން ރިޕޯޓަކީ ކުރީގެ ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދަށް 2019 ގައި ފޮނުވާފައިވާ ރިޕޯޓެކެވެ. ނަމަވެސް އެ ރިޕޯޓާ ގުޅިގެން ހަމީދު އެއްވެސް ފިޔަވަޅެއް އަޅާފައިވާ ކަމަކަށް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގެ ބާކީ ބައިގައި މައިކުގެ އަޑު ކަނޑާލައިގެން މަޝްވަރާކޮށްފައި ވާތީ, މިކަމުގައި ކޮމިޓީގައި ކުރި މަޝްވަރާތަކެއް ނޭނގެ އެވެ.

ޕޮލްކޯއިން ފުޅާ ދާއިރާއެއްގައި ކޮރަޕްޝަން ހިންގާ ކަމަށް ތުހުމަތުކުރެވޭއިރު, މިހާރު ފެންމަތިވެގެން އުޅޭ ޕޮލްކޯ ފްލެޓުތަކުގެ މައްސަލައިގައި އޮޑިޓަރުން ގިނަ މައްސަލަތަކެއް ފާހަގަކޮށްފައިވެ އެވެ. މި މަޝްރޫއާ ގުޅޭ ބައެއް ލިޔުންތައް ވެސް އޮޑިޓަަށް ލިބިފައި ނުވާ ކަމަށް ވެސް އޮޑިޓު އޮފީހުން ބުނެފައިވެ އެވެ.

އެ ގޮތުން, މަޝްރޫއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު, އެއްބަސްވުންތައް ހަދާފައި ހުރީ ކޮންޓްރެކްޓަރަށް ފަހިވާ ގޮތަށް ކަމަށް އޮޑިޓު އޮފީހުން ބުނެފައިވެ އެވެ. އަދި އާންމު އުސޫލުތަކާ ހިލާފަށް ސަބް ކޮންޓްރެކްޓަރުންނަށް ފައިސާ ދިނުމާއި, ބާޒާރުގައި ހުރި އަގަށް ވުރެ ބޮޑުކޮށް މަސައްކަތްތައް ހަވާލުކޮށްފައިވާ ކަމަށް ވެސް އޮޑިޓު ރިފޯޓުގައިވެ އެވެ.