Advertisement

ފެނަކައިން ހިންގި 14 އައިސް ޕްލާންޓު މިފްކޯގެ ދަށަށް ބަދަލުކޮށްފި

15 ފެބުރުވަރީ 2025 - 22:36 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ފެނަކައިން ހިންގި އައިސް ޕްލާންޓުތައް މިފްކޯއާ ހަވާލު ކުރުމަށް ބޭއްވި ބައްދަލުވުން -- ފޮޓޯ: މިފްކޯ


ފެނަކައިން ހިންގި 14 އައިސް ޕްލާންޓު މިފްކޯގެ ދަށަށް ބަދަލުކޮށްފި

15 ފެބުރުވަރީ 2025 - 22:36 0

ފެނަކައިން ހިންގުން ހުއްޓާލާފައިވާ 14 އައިސް ޕްލާންޓު މިފްކޯގެ ދަށަށް ބަދަލުކޮށް ހިންގަން ފެށުމުގެ މަސައްކަތް ފަށައިފި އެވެ.

މިފްކޯއިން ބުނީ އެ އައިސް ޕްލާންޓުތައް ހިންގަން ފެށުމަށް ބޭނުންވާ ހާލަތަށް ގެނައުމުގެ މަސައްކަތް އެ ކުންފުނީގެ އިންޖިނޭރުން ކުރަމުންދާ ކަމަށެވެ.

މި ބަދަލާއެކު މިފްކޯއިން ދެމުންދާ ހިދުމަތުގެ ފެންވަރު އިތުރަށް ވަރުގަދަވެ ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށްދިނުމަށް މަގުފަހިވެގެން ދާނެ ކަމަށް މިފްކޯއިން ބުންޏެވެ. އެ ކުންފުނިން ވަނީ އެ ކުންފުނީގެ މަސައްކަތްތައް ފުޅާ ކުރުމަށް އެއްބާރުލުން ދޭ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.

ފެނަކައިން ހިންގި އައިސް ޕްލާންޓުތައް މިފްކޯގެ ދަށަށް ބަދަލު ކުރީ ފެނަކައިގައި އައިސް ޕްލާންޓުތައް ހިނގުމުގެ ފަންނީ ގާބިލުކަން ނެތުމުން ކަމަށް ފިޝަރީޒް މިނިސްޓަރު، އަހުމަދު ޝިޔާމް މީގެ ކުރިން ވިދާޅުވި އެވެ. އައިސް ޕްލާންޓުތަކުގެ މައްސަލަ ޖެހި ބައެއް ޕްލާންޓުތައް ބޭނުން ނުކުރެވޭ ހާލަތަށް ދިޔައީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ފެނަކަ ކިޔާ ކަރަންޓު ދޭ ކުންފުންޏަަކަށް އައިސް ޕްލާންޓުތައް ދީފަ ހުރީ. އައިސް ޕްލާންޓަކާ ކުޅެން އެނގޭނެ މީހަކު ވެސް އެ ތާނގައި ނެތް. ދެން އިއްޒަތްތެރި މެންބަރު ވިސްނަވާ އެ އައިސް ޕްލާންޓުތަކަށް ވާނެ ގޮތް," މަޖިލީހަށް ހާޒިރުވެވަޑައިގެން ވާހަކަދައްކަވަމުން ޝިޔާމް ވިދާޅުވި އެވެ.

ޝިޔާމް އެ ދުވަހު ވިދާޅުވީ އައިސް ޕްލާންޓުތަކަށް ބަރޯސާވުން ނިމުމަކަށް ގެންނަން 50 ފޫޓުން ފެށިގެން ބޮޑު ހުރިހާ މަސް ބޯޓެއްގައި ރެފްރިޖަރޭޓަޑް ސޯލްޓް ވޯޓާ (އާރުއެސްޑަބްލިޔު) ނިޒާމު ހަރުކުރަން ވަރަށް ލުއި ފެސިލިޓީއެއް ތައާރަފުކޮށްފައިވާ ކަމަށެވެ.

މި ފެސިލިޓީގެ ދަށުން ދެކުނުގެ 60 ޕަސެންޓު މަސް ބޯޓުތަކުގައި މި ނިޒާމު ގާއިމުކުރެވިފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ. އަދި މުސްތަގުބަލުގައި މުޅި މަސް ފްލީޓުގައި މި ނިޒާމު ހަރުކުރެވުމުން އެއްގަމުގައި ހުރި އައިސް ޕްލާންޓުތަކަށް ބަރޯސާވުން އެއްކޮށް ނިމުމަކަށް ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.