9 އޭޕްރީލް 2025 - 08:31 0
9 އޭޕްރީލް 2025 - 08:31 0
ދިވެހިރާއްޖޭގެ އިކޯސިސްޓަމް، ބައޯޑައިވާސިޓީ އަދި މަސްވެރިކަމާ ބެހޭ ގޮތުން ހަދާފައިވާ ހާއްސަ ވެބްސައިޓެއް ފުވައްމުލަކުގައި އިއްޔެ ލޯންޗުކޮށްފި އެވެ.
އެ ވެބްސައިޓަކީ ދިވެހިރާއްޖޭގެ ކަނޑުތަކުގައި ދިރިއުޅޭ މަސްމަހާއި މެއްސާއި، ފަރުތަކާއި، ތިލަތަކާއި ކަނޑޫފާތަކާއި އަދި ތަފާތު ގުދުރަތީ ދިރުންތަކާއި ބެހޭ މައުލޫމާތު ވަރަށް ތަފާތު ގޮތަކަށް ގެނެސްދީފައިވާ ވެބްސައިޓެކެވެ.
އެ ވެބްސައިޓުގައިވާ މަސްމަހާއި މެހި ނުވަތަ "ސްޕީޝީސް" ތައް ވަނީ ތަފާތު ގޮތްގޮތަށް ވަރަށް ފުރިހަމައަށް ސިފަކޮށްދީފައިވެއެވެ. މިގޮތުން ރާއްޖޭގެ ތާރީހާއި ސަގާފަތާއި ފްލޯކް ވާހަކަތަކާއި މިފަދަ ސްޕީޝީސްތަކާއި ގުޅުމެއްވާ ނަމަ އެކަންތައްތައް ވެސް ބަޔާންކުރުމުގެ އިތުރުން، އިލްމީ ގޮތުންނާއި ސައިންޓިފިކް ގޮތުން މި ސްޕީޝީސްތައް ނުވަތަ ދިރުންތަކާއި ބެހޭ މައުލޫމާތެއް ވާނަމަ އެކަން ވެސް ބަޔާންކޮށްފައިވެ އެވެ.
އެ ވެބްސައިޓްގެ ފައުންޑަރު، ޏ. ފުވައްމުލަކަށް އުފަން ޔާސިރު ސާލިހު ވިދާޅުވީ މި ވެބްސައިޓަކީ ރާއްޖޭގެ މުޅި ބަޔޯޑައިވާސިޓީގައިވާ ހުރިހައި ދިރުންތަކާއި ސްޕީޝީސްތަކާއި ބެހޭ ފުރިހަމަ ޑޭޓާބޭސްއެއް ގާއިމްކުރުމަށްޓަކައި ފަށާފައިވާ މަސައްކަތެއް ކަމަށެވެ.
ވެބްސައިޓު ހެދި ޔާސިރު: އޭނާ ވަނީ މީގެ ކުރިން އެކި މައުލޫތަކަށް ފޮތް ވެސް ލިޔެފައި -- ފޮޓޯ: އަދަދު
މީގެ އިތުރުން މިވެބްސައިޓުގައި ދިވެހިރާއްޖޭގައި ކުރީޒަމާނުގައި ކޮށްފައިވާ ތަފާތު ވައްތަރުގެ މަސްވެރިކަމާއި ބެހޭ މައުލޫމާތާއި މިޒަމާނުގައި ކުރާ މަސްވެރިކަމުގެ މައުލޫމާތު ވެސް ވަރަށް ޝައުގުކުރުވަނި ގޮތަކަށް ވަނީ ގެނެސްދީފަ އެވެ.
ވެބްސައިޓު ލޯންޗުކުރަން ބޭއްވި ރަސްމިއްޔާތުގައި މި ވެބްސައިޓްގެ ފައުންޑަރ ޔާސިރު ސާލިހު އިނގިރޭސި ބަހުން ލިޔެފައިވާ ރާއްޖޭގެ ފޯލްކްލޯ 10 ވާހަކަ ހިމެނޭ ފޮތެއް ވެސް ވަނީ ނެރެފަ އެވެ. މި ފޮތުގައި ވެސް ފުވައްމުލަކުގެ ތާރީހާއި ސަގާފަތާއި ގުޅޭ ވާހަކަތައް ހިމެނެ އެވެ.
އެ ރަސްމިއްޔާތުގައި ފުވައްމުލަކުގައި އިޖްތިމާއީ މައިދާނުގައި ހަރަކާތްތެރިވާ އަންހެން ލީޑަރުންނާއި އަދި ފިރިހެން ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ. މީގެ ތެރޭގައި ފުވައްމުލަކާއި މުޅި ދިވެހިރާއްޖޭގައި މަޝްހޫރު "ރިޕަކްބްލިކަންސް މޯލްޑިވްސް" ގެ ފައުންޑަރ އަލްފާޟިލް އަހުމަދު ނަޖާހް އިބްރާހިމްވެސް ބައިވެރިވެ ވަޑައިގަތެވެ. އަހުމަދު ނަޖާހް އަކީ ވެސް މި ވެބްސައިޓަށް މައުލޫމާތު ހޯދުމުގައި ޔާސިރު ސާލިހުއަށް ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވަމުންގެންދަވާ އިޖްތިމާއީ ބޭފުޅެކެވެ.
ޔާސިރު ސާލިހު އަކީ ހަވީރު ނޫހުގެ ދުވަސްވަރު ބޭރުގެ ހަބަރުތަކާއި ރިޕޯޓްތައް ލިޔުމުގެ އިތުރުން ސައިންސާއި ޓެކްނޮލޮޖީއާއި ގުޅޭ ހަބަރުތަކާއި ރިޕޯޓްތައް އެތައް އަހަރެއް ވަންދެން ލިޔުއްވާފައިވާ ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މީގެ އިތުރުން ޔާސިރު ސާލިހު ވަނީ ކެންސަރާ ބެހޭ ފޮތެއް ވެސް މީގެ ކުރިން ލިޔުއްވައިފަ އެވެ. ޔާސިރު ސާލިހު އަކީ ފުވައްމުލަކާއި ދިވެހިރާއްޖޭގައި ވެސް ގަދަރުލިބިގެންވާ ބޭސްވެރި އާއިލާއަކަށް ނިސްބަތްވެ ވަޑައިގަންނަވާ ދިވެހި ބޭސްވެރިއެއް ކަމަށްވާ އަހުމަދު ސާލިހު ހުސައިންގެ ބޭފުޅެކެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment