18 ފެބުރުވަރީ 2025 - 10:19 0
މުހައްމަދު ޝަހްޒާން
މީގެ ކުރިން އޮތް މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
18 ފެބުރުވަރީ 2025 - 10:19 0
ރަށްރަށުގެ އަންހެންނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެންބަރުންނަށް ރޯދަ އެލަވަންސާއި ޗުއްޓީ ލިބޭގޮތަށް ލާމަރުކަޒީ ގާނޫނު އިސްލާހުކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މަޖިލީހުން ފާސްކޮށްފި އެވެ.
އެ ބިލު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވި 72 މެންބަރުންގެ އިއްތިފާގުންނެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވަ އެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު އެވެ. ބިލުގައި ހިމަނާފައި ވަނީ ރޯދަ އެލަވަންސް ދިނުމުގެ އިތުރުން އަންހެނުންގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތު ތަފުސީލުކޮށް ގާނޫނުގައި ހިމެނުމަށެވެ.
މި އިސްލާހާއެކު ދައުލަތުގެ އެހެން މުވައްޒަފުންނެކޭ އެއްގޮތަށް ޑަބްލިއުޑީސީގެ މެންބަރުންނަށް ވެސް ރޯދަ މަހުގެ ކުރިން ރޯދަ އެލަވަންސްގެ ގޮތުގައި ކޮންމެ އަހަރަކު ވެސް 3000ރ. ލިބިގެންދާނެ އެވެ. އަދި އިޖުތިމާއީ އެކި ހަރަކާތްތައް ހިންގުމަށް ފައިސާ ހޯދުމަށް އެކި ކަންކަން ކުރުމުގެ ގާނޫނީ ބާރު ވެސް ޑަބްލިއުޑީސީއަށް ލިބިގެންދާނެ އެވެ.
އެ ބިލުގައި ވާގޮތުން ކައުންސިލްތަކަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާގެ ޖުމުލަ އަދަދުގެ މަދުވެގެން ފަސް ޕަސެންޓު ޑަބްލިއުޑީސީގެ މަސްއޫލިއްޔަތުތައް ތަންފީޒުކުރަން ހާއްސަ ކުރަންޖެހޭނެ އެވެ.
އޭގެއިތުރުން މާލީ ގޮތުންނާއި އިދާރީ ގޮތުން ޑަބްލިއުޑީސީތަކުން އަމަލުކުރަން ޖެހޭ ގޮތް ބަޔާންކުރާ މާއްދާތަކަށް ވެސް ބިލުގައި އިސްލާހުތަކެއް ހުށަހަޅައި އާ މާއްދާތަކެއް ހިމަނާފައިވެ އެވެ.
އެ ބިލު ދިރާސާކޮށް ކޮމެޓީން ނިންމި ގޮތާ ބެހޭތުން މަޖިލީހުގެ ތަޅުމުގައި އެއްވެސް މެންބަރަކު ބަހުސް ނުކުރައްވަ އެވެ. އެހެންކަމުން އެ ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މަޖިލީހުގެ ތަޅުމަށް ހުށަހެޅުމަށްފަހު ތިންވަނަ ކިޔުން އިއްވީ އެވެ.
ޑަބްލިއުޑީސީގެ މެންބަރުންނަށް ރޯދަ އެލެވެންސް ލިބޭ ގޮތް ހެދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.
މިދިޔަ ޑިސެމްބަރު މެދުތެރޭގައި އަރިއަތޮޅު ދެކުނުބުރީގެ ރަށްތަކަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ދަނގެއްޗަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މުހާތަބު ކުރައްވައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވިީ މި އަހަރުގެ ރޯދަ މަހުން ފެށިގެން ޑަބްލިއުޑީސީ މެންބަރުންނަށް ރޯދަ އެލެވެންސް ލިބޭ ގޮތް ހައްދަވައިދެއްވާނެ ކަމަށެވެ.
އޭގެއިތުރުން ޑަބްލިއުޑީސީގެ މެންބަރުންނަށް ލިބޭ މުސާރައަކީ ބޭންކުތަކުން ބަލައިގަންނަ މުސާރައަކަށް ހަދައި، ލޯނު ނެގޭނެ އިންތިޒާމު ވެސް ހަމަޖައްސައިދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment