ވަރުގަދަ އަޒުމެއްގައި ހުރި ނިބާލް ބެޑްމިންޓަނުން ކުރިއަށްދާން ދެކެނީ ބޮޑު ހުވަފެންތަކެއް

14 ފެބުރުވަރީ 2025 - 06:05 0

އައްޒާމް އަލިފުޅު

އ


ވަރުގަދަ އަޒުމެއްގައި ހުރި ނިބާލް ބެޑްމިންޓަނުން ކުރިއަށްދާން ދެކެނީ ބޮޑު ހުވަފެންތަކެއް

14 ފެބުރުވަރީ 2025 - 06:05 0

އެންމެ ކުޑައިރު ވެސް ނިބާލް އަހުމަދަށް އޭނާ ދިރިއުޅޭ ގެއިން ފެންނަނީ ބެޑްމިންޓަން ރެކެޓެވެ. އެއީ، އޭނާގެ ބައްޕަ، އަކީ ރެކްރިއޭޝަނަލް ލެވަލްގައި ފެށުނުއިރުއްސުރެން ވެސް، ބެޑްމިންޓަން ކުޅޭ ފަރާތެއް ކަމަށްވާތީ އެވެ. ބައެއް ފަހަރު، ނިބާލްގެ ބައްޕަ، ބެޑްމިންޓަން ކުޅެންދާއިރު، ބެޑްމިންޓަން ކުޅެން ނިބާލް ގެންދެ އެވެ. އެހެން އެ ގޮތަށް ބެޑްމިންޓަން ކުޅެން ދާ ފަހަރުތަކުގައި، އުމުރުން ދޮށީ މީހުންނާ އެކު ބެޑްމިންޓަން ކުޅެލުމުގެ ފުރުސަތު ނިބާލް އަށް ދިޔައީ ލިބެމުންނެވެ.

މިއީ، ގައުމީ ބެޑްމިންޓަން މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން، ނިބާލް ބެޑްމިންޓަންގެ އެންމެ ދުރު ހަނދާން ހިއްސާކުރި ގޮތެވެ.

ގިނަ ބަޔެއްގެ ލޮލުގައި ނިބާލް އަޅައިގަތީ، 2016 ވަނަ އަހަރު ގައުމީ ބެޑްމިންޓަން މުބާރާތުގެ ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދަތުރުކުރިއިރު، އޭނާ ދެއްކި ތަފާތު ކުޅުމެވެ. އިމާދުުއްދީން ސްކޫލްގައި ކިޔަވަމުންދިޔަ އުމުރުން އެންމެ 14 އަހަރުގެ ނިބާލް ވަނީ ރަނގަޅު ކުޅުމެއް ދައްކައި، އެ ފަހަރުގެ މުބާރާތުގެ ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދިޔައިރު، ތަފާތު ކުޅުމެއް ދައްކައިފަ އެވެ.

"ތަރިންގެ އަދަދު" އަށް ދިން އިންޓަވިއުގައި ނިބާލް ބުނީ، 2016 ގެ ގައުމީ މުބާރާތުގެ ދެ ވަނަ ޑިވިޝަން އަބަދުވެސް ހަނދާން ހުންނާނެ ކަމަށެވެ. އެއީ، އުމުރުން 14 އަހަރުގައި، އޭރު، އިންޓަ ސްކޫލަށް ބެލިޔަސް އެހާ ކާމިޔާބެއް ނުލިބޭއިރު، ބޮޑު އުމުރުގެ މީހުންނާ އެކު ކުޅެ، ފައިނަލަށް ދެވުމުންނެވެ.

ނިބާލް، އޭރު ބެޑްމިންޓަން ޖޫނިއާ ގައުމީ ޓީމުގައި ހުރިއިރު، އެ ފަަހަރު ޓްރެއިނިންތައް ދިޔަ ގޮތުންނާއި އޭރު ގައުމީ ޓީމަށް އައިސް ހުރި މެލޭޝިއާ ކޯޗުގެ ފަރާތުން ޓްރެއިނިން ދިޔައީ ރަނގަޅަށްކަން ނިބާލް ފާހަގަކުރި އެވެ.

"އެ މުބާރާތުގައި ބައިވެރިވީކީ، ކުޑަވީމައާ އެއްކޮށް، އެ ގޮތަށް ވަނައެއް ލިބޭނެއޭ ކިޔާފައެއް ނޫން ބައިވެރިވީކީ. ކަންދިމާކުރި ގޮތުން ވަރަށް ރަނގަޅަށް ކުޅެ، ފައިނަލަށް ދެވުން، ފައިނަލްގައި މޮޅުވާން ވެސް ލިބުނު. ދެން، އެކަމު ބަލިވީ، އެއީ ވަރަށް ބޮޑު އެކްސްޕީރިއަންސެއް އެހާ ކުޑައިރުގައި އެ ގޮތަށް ސެކަންޑް ޑިވިޝަން އާންމުކޮށް ކުޅޭ ކުޅުންތެރިންނާ އެކު ކުޅުނީ، އެ މީހުން ބަލިކޮށްފައި ފައިނަލަށް ދިއުން އެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެހާ ކުޑައިރުގައި،" ނިބާލް ބުންޏެވެ.

އެ ފަހަރު ދެ ވަނަ ޑިވިޝަނުގެ ފައިނަލުގައި ނިބާލް ނުކުތީ ގިނަ އަހަރުތަކެއްގައި އަތޮޅު ލީގާއި ގައުމީ މުބާރާތުގެ ޓީމު އިވެންޓު އަދި އިންޑިވިޖުއަލް އިވެންޓުތަކުގައި ރަނގަޅު ވަނަތަކެއް ހޯދާފައިވާ ބ. އޭދަފުށީގެ ހުސެއިން މުހައްމަދުއާ ދެކޮޅަށެވެ. ނިބާލް، ފައިނަލުގެ ފުރަތަމަ ސެޓު ގެންދިޔައީ 22-15 އިންނެވެ. އެހެން ނަަމަވެސް ތަޖުރިބާގެ ބޭނުންހިފައި ހުސެއިން ވަނީ ދެން ކުޅުނު ދެ ސެޓު ގެންގޮސްފަ އެވެ. ވާދަވެރި ކުޅުމަކަށް ފަހު އޭނާ އެ ދެ ސެޓު ގެންދިޔައީ 22-20 އާއި 21-17 އިންނެވެ.

ވިދުން ގަދަ އެ މުބާރާތަށް ފަހު، 2017 ވަނަ އަހަރު، ނިބާލް އަށް ގައުމީ ސީނިއާ ޓީމުން ފުރުސަތު ލިބުނެވެ. ގައުމީ ސީނިއާ ޓީމުން ފުރުސަތު ލިބި ވާދަކުރި ފުރަތަމަ ބައިނަލްއަގުވާމީ މުބާރާތުގައި ކޮލިފައިން ބުރުގެ ތިން މެޗުން މޮޅުވެ، މެއިން ޑްރޯ އަށް ވެސް ދިޔަ އެވެ.

ތިން ފައިނަލުން ބަލި، އެކަމަކު، ހިތްވަރަށް ބަދަލެއް ނާދޭ

ނިބާލްގެ ކެރިއަރުގައި އޭނާ ކުރިމަތިލި ފުރަތަމަ ހަތަރު ގައުމީ ފައިނަލުން ވެސް ވީ ބައްޔެވެ. އެއީ، ދެ ވަނަ ޑިވިޝަނުގެ ފައިނަލުގައި އެއް ފަހަރު، އަދި ފުރަތަމަ ޑިވިޝަންގެ ފައިނަލުގައި ތިން ފަހަރު އެވެ.

ނިބާލް ބުނީ، ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަކީ ކޮންމެ ކުޅުންތެރިއަކު ވެސް ވަރަށް ކުޑަ އިރުއްސުރެ ވެސް ދެކޭނެ ހުވަފެނެއް ކަމަށެވެ. އެކަމަކު، ނިބާލް އެންމެ ފުރަތަމަ ފެށިއިރު، އެންމެ ގައުމީ ޗެމްޕިއަނަކަށް ވާން ވިސްނައިގެން މާ ބޮޑު ކަމެއް ނުކުރެ އެވެ. އެއީ، އޭރު އިންޓަ ސްކޫލް ޗެމްޕިއަންކަން ލިބުނަސް އެވެސް ވަރަށް ބޮޑު ކަމެއް ހާސިލްކުރުމަށް ވެފައި އޮންނާތީ އެވެ.

"އެންމެ ފުރަަތަމަ ނިބާލް ގައުމީ ފައިނަލް ކުޅުނީ 2018 ވަނަ އަހަރު، އޭރު 16 އަހަރު ކަންނޭނގެ ވާނީ، ފުރަތަމަ ފައިނަލް ކުޅުނީ އަޖޫއާ އެކު، ހިތް އަވަސްވެފައި ހުރީ އެހެންވެ، ތަންކޮޅެއް ދަށްކޮށްދިޔައީ، ޖެހިގެން އައި އަހަރު އަނެއްކާ ވެސް (މުހައްމަދު އަޖުފާން) އަޖޫއާ ވެސްޖެހުނީ، އެ ފަހަރު ޗާންސް ވެސް ލިބުނު، އެ ފަހަރު ވަރަށް ރަނގަޅަށް ކުޅެ، ތިން ސެޓު ކުޅެލައި ރަނގަޅު ފައިޓެއް ދެވުނު،" ނިބާލް، ގައުމީ ފުރަތަމަ ފައިނަލުގެ ހަނދާން އާ ކުރަމުން ކިޔައިދިނެވެ.

"ނިބާލް ދެކޭގޮތުގައި ބަލިވި ފައިނަލްތަކުގެ ތެރެއިން، އެންމެ ކައިރިއަށް ދެވުނު ފަހަރަކީ 2021 ވަނަ އަހަރު ތޯއިފްއާ އެކު ކުޅުނު ފައިނަލް. ދެން އެ ފަހަރު މެޗު ފެށީ ވެސް ވަރަށް ރަނގަޅު، ވަރަށް ފަސޭހައިން ފުރަތަަމަ ސެޓު ވެސް ގެނައިން. އެކަަމަކު ދެ ވަނަ އެއްޗަށް ގޮސްފައި، ހަތަރު މެޗު ޕޮއިންޓް ލިބުނު. ހަމަ، ނިންމާނުލެވިގެން، އެ ތިން ސެޓަށް ގޮސްގެން، ކޮންމެވެސް ވަރަކަށް އަނިޔާވެސް ވި ކަންނޭނގެ. ފައިފުރޮޅުން، އެއާ އެކު ވެސް ގޮސް ދެން ބަލިވީ، ދެން އޭތި ވަރަށް ނިބާލް ކެރިއަރުގައި ވަރަށް ދެރަވި ދުވަހެއް،" ނިބާލް ބުންޏެވެ.

ޖެހިޖެހިގެން ދެ ވަނަ ގައުމީ ފައިނަލުން ބަލިވުމުން، އޭނާ އަށް އެ އަށް ފަހު، ކަންތައް ދިމާވި ގޮތް ރަނގަޅޭ ބުނެވެން ވެސް އެބައޮތް ކަމަށް ނިބާލް ގަބޫލުކުރެ އެވެ. އެއީ، އޭގެ ފަހުން، އޭނާ އަށް، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ދިން ޕެރިސް އޮލިމްޕިކްސް ސްކޮލަޝިޕް ލިބި، ދުބާއީގައި ޓްރެއިނިން ކުރިއަށްދަން ފުރުސަތު ލިބުމެވެ.

ނިބާލް ބުނީ، ދުބާއީގައި ޓްރެއިނިން ހަދާފައި އައިސް، ދެން ޖެހިގެން އައި އަހަރު ގައުމީ މުބާރާތް ކުޅުނުއިރު، ކޮންމެ ވެސް ވަރަކަށް ޕްރެޝަރު އިން ކަމަށެވެ.

"އެންމެން ކިޔާނެތާ، މީހުންގެ އެކްސްޕެކްޓޭޝަންސް ވެސް ހުރި، ދެން، އެ އަށް ނުވިސްނައި، ހަމަ އަސްލު ނިބާލް ދެކޭގޮތުގައި، ކުޅުނު ގައުމީ ފައިނަލްތަކުގެ ތެރެއިން ޗެމްޕިއަންކަން، ލިބުނީ، އެންމެ ހާޑް ޑްރޯ ލިބުނު ފަހަރު. ކުއާޓާގައި، ޖެހުނީ، ނަޝީއުއާ، ސެމީގައި އަޖޫއާ، ހާޑް މެޗެއް، ތިން ސެޓުން މޮޅުވެގެން، ފައިނަލްގައި ޖެހުނީ ޒަޔާންއާ، ފައިނަލްގައި ވަރަށް ރަނގަޅަށް ކުޅެގެން މޮޅުވުމަކީ ހިތްހަމަޖެހުމެއް، އެ ގޮތަށް ގައުމީ ތަށި. ވަރަށް ބޮޑު ރިލީފެއް،" ގައުމީ ޗެމްޕިއަންކަން ލިބުނު ފަހަރުގެ ހިތްހަމަޖެހުން ހިއްސާ ކުރަމުން ނިބާލް ބުންޏެވެ.

އެންމެ ފަހުން، 2023 ވަަނަ އަހަރު ބޭއްވި ގައުމީ މުބާރާތުން ނިބާލް ވަނީ ފައިނަލުގައި ޒަޔާން ޒަކީ އަތުން ބަލިވެފަ އެވެ.

ރިވައިވަލްއާ އެކު ކެރިއަރު އާ ޓްރެކަކަށް، ބެޑްމިންޓަނުގައި ބޮޑު ހުވަފެންތަކެއް

ރާއްޖޭގައި މި ވަގުތު ހުރި އެންމެ ހުނަރުވެރި އެއް ބެޑްމިންޓަން ކުޅުންތެރިޔާ ނިބާލް ބެޑްމިންޓަން އެސޯސިއޭޝަންއާ އެކު، ގައުމީ ޓީމުގައި، 2017 އިން ފެށިގެން 2024 އަށް، ޖުމްލަ އެކު ހަތް އަހަރު ހޭދަކުރި އެވެ.

ނިބާލް ބުނީ، އެ އަހަރުތަކުގެ ތަޖުރިބާ އިން ދަސްވީ ރަނގަޅު ކަންކަމާއި ގޯސްކަންކަން ވެސް ދިޔަ، ކޮންމެ ތަނެއްގައި ވެސް އޮންނާނެކަން ކަމަށެވެ.

އޭގެ ފަހުން، މިދިޔަ އަހަރު، ރިވަައިވަލް ސްޕޯޓްސް ކްލަބަށް ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގައި ބަދަލުވުމަކީ، ކްލަބްގެ ޕްލޭނަކާ އެކު، ކެރިއަރުގެ ކުރިމަގު ބައްޓަންކޮށް އަނެއް ލެވަލް އަށް ދިއުމަށް ކޮށުނު މަގެކެވެ. ރިވައިވަލްއާ ގުޅުމުގެ ނިންމުން އައީ މަންމަ އާއި ބައްޕަގެ ލަފާގެ މަތިން އައި ކަމެއްކަން ވެސް ނިބާލް ފާހަގަކުރި އެވެ.

"ރިވައިވަލް އަށް އައި ފަހުން، ރާއްޖޭން ބޭރުގައި ޓްރެއިނިން ހަދަން ވެސް ލިބިއްޖެ، ދެ ގައުމެއްގައި ޓްރެއިނިން ހަދައިފިން. މެލޭޝިއާ އާއި އެންމެ ފަހުން މި ހެދީ އިންޑޮނޭޝިއާގައި، ދެން ދެ ގައުމަކީ ވެސް އަނެއްހެން ބުނަންޏާ ޓްރެއިނިން ވައިސް ވަރަށް ރަނގަޅު ދެ ގައުމު، ވަރަށް ރަނގަޅު ކަންކަން އޭގެ ޒާތުގައި ދެ ގައުމުގައި ވެސް ހުރޭ،" ނިބާލް ބުންޏެވެ.

އޭނާ ބުނީ، ރިވައިވަލްގައި އެންމެ ބޮޑު ކަމެއްގެ ގޮތުގައި، އިންޓަނޭޝަނަލް މުބާރާތްތަކުގައި ކުޅުމުގެ ފުރުސަތު ލިބުމަކީ ބޮޑު އުފަލެއް ކަމަށެވެ. އެކަމަކު، ރާއްޖޭގައި ކަންކަން އޮންނަ ގޮތުން، ތިން އިވެންޓެއްގައި ކުޅެންޖެހޭއިރު، އެއީ ހަގީގަތުގައި އުނދަގޫ ކަމެއްކަން ނިބާލް ފާހަަގަކުރި އެވެ.

އެކަމަކު، ރިވައިވަލްގައި ވެސް ކުޅުނު މުބާރާތްތަކުގައި ހުރިހާ އިވެންޓެއްގައި ވެސް ކުރިއެރުން ފެންނާތީ ނިބާލް އަށް އެ ހިތްހަމަޖެހުން އެބައޮތެވެ.

"ކްލަބަށް އައި ފަހުން، ކައިރިން ދިޔައީ ކުއާޓާ ފައިނަލްތަކަކުން ބަލިވެފައި ހުރީ، އެކަމަކު ވެސް. އެންމެ ފަހުން، ބޮޓްސްވާނާގައި ޑަބަލްސް އިން މެޑަލް ލިބުނު އެއީ ދެން ކްލަބަށް އައި ފަހުން ނިބާލްގެ ފުރަަތަަމަ މެޑަލް، މި އަހަރު އެ އަށް ވުރެ މައްޗަށް ދާން އަމާޒަކީ،" ނިބާލް ބުންޏެވެ.


ބެޑްމިންޓަންގައި އެންމެ ފުރަތަމަ ނިބާލް ހާސިލްކުރަން ބޭނުންވި ގައުމީ ތަށި އޭނާ އަށް ލިބިއްޖެ އެވެ. ދެން، އޭގެ އިތުރުން ހަރުފަތް މައްޗަށް ޖައްސާލައި ހޯދަން އެދޭ ގިނަ ކާމިޔާބީތަކެއްގެ ހުވަފެން ނިބާލް ދެކެ އެވެ. އެއީ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރަން މެޑަލެއް ހޯދުމާއި އޮލިމްޕިކްސްގައި ވާދަކުރުމާ ގުޅިފައި އޮތް އުންމީދީ ހުވަފެން ތަކެކެވެ.

"ދެން ކޮންމެ ކުޅުންތެރިއަކު ވެސް ދެކޭނެ ހުވަފެނެއް. އޮލިމްޕިކްސް ބެޑްމިންޓަންގައި ދެވޭނެ އެންމެ އުސް އެއީ. އެހެންވީމަ، އޮލިމްޕިކްސް އަށް ދިއުމަކީ ވަރަށް ބޮޑު ހުވަފެނެއް. ރާއްޖޭން ދެ ކުޅުންތެރިންނަށް ދެވުނީ. ބެޑްމިންޓަންގައި. ދެން، ވަރަށް ބޮޑު ހުވަފެނެއް އޮލިމްޕިްކްސް އަށް ދިއުމަކީ، އެންމެ ފަހުން އޮލިމްޕިކްސް އަށް ވެސް ޓްރައި ކުރިން، ކަން ދިމާކުރި ގޮތުން ނުދެވުނީ. ދެން، 2028 ގައި ލޮސް އެންޖެލްސްގައި އޮތް އޮލިމްޕިކްސް އަށް ދިއުމަކީ ވަރަށް ބޮޑު ޓާގެޓެއް. އެ އަށް ބިނާކޮށް ޓްރެއިނިން ތައް ވެސް މުބާރާތްތައް ވެސްކުރިއަށް ގެންދާނީ،" ނިބާލް ބުންޏެވެ.

ދެން، ނިބާލް އަށް އިން އެންމެ ބޮޑު ޓާގެޓަކީ މިހާރު ރިވައިވަލް އިން ވާދަކުރާ މުބާރާތްތަކުގެ ތެރެއިން، ޗެލެންޖް ސީރީސް މުބާރާތްތަކުގައި ސިންގަލްސް އިން ރާއްޖެ އަށް މެޑަލް އެއް ހޯދައިދިނުމެވެ. އެއީ، މިހާތަނަށް ރާއްޖޭގެ އެއްވެސް ފިރިހެން ކުޅުންތެރިއަކަށް، އެ ލެވަލްގެ މުބާާރާތަކުން ސިންގަލްސް އިން މެޑަލް ލިބި، ޕޯޑިއަމަށް ފިނިޝް އަކަށް ދެވިފައިނުވާތީ، އެކަން ހާސިލްކުރަން ނިބާލްގެ އޮތް ބޮޑު އުންމީދެކެވެ.