Advertisement

ހުދެއި ކަލަމިންޖާގެ ލޯބީގެ ބާރުން އުފެދުނު ވަރުނުލާރާޅުގަނޑު

14 ފެބުރުވަރީ 2025 - 08:11 3

މަހްފޫޒް ސައީދު

މަހްފޫޒް ސައީދު


ހުދެއި ކަލަމިންޖާގެ ލޯބީގެ ބާރުން އުފެދުނު ވަރުނުލާރާޅުގަނޑު

14 ފެބުރުވަރީ 2025 - 08:11 3

ލޮނު ޒިޔާރަތްކޮޅުން އެ ފެންނަ ވަރުނުލާރާޅުގަނޑަކީ ލޯބީގެ ރަމްޒެކެވެ. ވަރުނުލާރާޅޭ ކިޔަނީ މެދުނުކެނޑި ނެގޭ ރާޅަށެވެ. މާލޭގެ ލޮނުޒިޔާރަތްކޮޅާ ދިމާލު މޫދުން މެދުނުކެނޑި އެ ނަގާ ރާޅު އުފެދުނު ގޮތާ ގުޅޭ މަޝްހޫރު ފޯކްލޯރެއް އޮވެ އެވެ. ----

ފޯކްލޯރަކީ ސަމާސަ ވާހަކައެއް ނޫނެވެ. ފޯކްލޯރަކީ ފުލޯކު ވާހަކައެއް ނޫނެވެ. ފުލޯކު ވާހަކައަކީ އިހުއްސުރެ ކިޔެމުން އަންނަ އަސްލެއް ނެތް ވާހަކަ އެވެ. އެއާ ހިލާފަށް ފޯކްލޯރަކީ، އެ ވާހަކަ ކޮންމެވެސް އަސްލެއްގެ މައްޗަށް ބިނާވާ ވާހަކަތަކެވެ. ރާއްޖޭގައި ކިޔައި އުޅޭ ފޯކްލޯރުތަކަކީ ހިޔާލީ ވާހަކަތަކެއް ކަމަށް ބަލައި، އެ ވާހަކަތަކާމެދު އަޅުގަނޑުމެން އިހުމާލުވެ ތިއްބަސް، ފޯކްލޯރު ދިރާސާކުރުމަކީ މި ޒަމާނުގައި ބޮޑު އިލްމެކެވެ. ފޯކްލޯރުގައި ހިމެނޭ ބުނެދިނުންތަކުން އެ މުޖުތަމައުގައި އުޅޭ ބައެއްގެ އާދަކާދަ ހުންނަ ގޮތާއި، ދިރިއުޅުނު ގޮތުގެ މައްޗަށް ބަޔާނެއް ދެއެވެ. އެހެނީ، އެ ވާހަކައެއް އުފެދިގެން އަންނާނީ ކޮންމެވެސް ހިޔާލެއްގެ މައްޗަށެވެ. އެ ހިޔާލު އުފެދޭނީ އެވާހަކަ އުފެއްދި ބަޔަކު ތަޖުރިބާކުޅަ ކަންތައްތަކެއްގެ މައްޗަށެވެ.

ލޮނުޒިޔާރަތްކޮޅުގެ ވަރުނުލާރާޅުގަނޑު އުފެދުނުކަމަށް ބުނެވެނީ އައްސުލްތާނު ވަޑީ ކަލަމިންޖާގެ ރަސްކަމުގަ އެވެ. އެއީ މީލާދީން 1213 އިން 1232 އަށް ރަސްކަން ކުރެއްވި ރަސްކަލެކެވެ. އެއީ މީގެ އެންމެ ހައެއްކަ ގަރުނު ކުރި އެވެ.

އައްސުލްތާނު ވަޑީ ކަލަމިންޖާގެ ރަސްކަމުގެ ދުވަސްވަރު މާލެއަށް ވިޔަފާރި ދަތުރެއްގައި އައި ގުރާބަކުން ރީތި ޖާރިޔާއެއް ގެނަ އެވެ. މިއީ ދިރިތިބީން ދެކިފައި ނެތްފަދަ ރީތި އަންހެނަކު ކަމުގައި ވި އެވެ. މި ގުރާބު ދަތުރުކުރަމުން ދިޔަ މަންޒިލަށް ވާސިލު ވެވެންދެން މި ޖާރިޔާގެ ރައްކާތެރިކަމަށްޓަކައި ޖާރިޔާ ވަނީ ބިއްލޫރި އަލަމާރިއެއްގައި ނުވަތަ ކޮށްޓެއްގައި ބަންދުކުރެވިފަ އެވެ. ކޮށި ބަލަހައްޓާ ފާރަވެރިންގެ އިތުރުން ކޮށި ކައިރީގައި ސާރިދޯޅެއް ބޭއްވިފައި އޮވެ އެވެ.

މި ގުރާބު މާލެ އައި ދުވަހުން ފެށިގެން މާލޭގައި ތިބި ހުރިހައި ފިރިހެނުން މި ޖާރިއާއަށް ކަޅި އަޅަމުން ގެންދެ އެވެ. އޭގެ ތެރެއިން އެއް ބޭކަލަކީ ރަދުންގެ ކޮއްކޯފުޅު، ހުދެއި ކަލަމިންޖާ އެވެ. ގުރާބުގެ މީހުން މި ޖާރިޔާ ބަހަލަހައްޓަމުން ގެންދަނިކޮށް، އެއް ދުވަހަކު ވީގޮތެއް ނޭނގި ބިއްލޫރި ކޮށްޓާއެކު ޖާރިޔާވެސް ގެއްލިއްޖެ އެވެ. ގުރާބުގެ މީހުންނަށް މިކަން ވީ ވަރަށް ބޮޑު މައްސަލައަކަށެވެ. މުޅި މާލެ އެ ފުށްމިފުށަށް ޖަހައި ބަލައިފާސްކުރަން ފެށުނެވެ. މި މީހުންނަށް ފާހަގަވީ ކަމަކީ ކޮށި ބަލަހައްޓަން އޮތް ސާރިދޯޅުގެ ވަކިތަކުގައި ލޭ ހުރި ކަމެވެ. އޭގެ މާނައަކީ، އެ ކޮށި ނަގަން ކޮށްޓާ ކައިރިވީ މީހެއްގެ ގައިގައި ސާރިދޯޅު ވަކިއެޅި ކަމެވެ.

މި މީހުން މި މައްސަލަ ރަދުންނަށް ހުށަހަޅައި، ރަށުގައި ތިބި އެންމެންގެ ބުރަކަށްޓާއި މޭމަތި އެއްވެސް ހުރަހަކާ ނުލައި އެމީހުންނަށް ދެއްކުމަށް ހުށަހެޅި އެވެ. ރަދުން މިގޮތާ ރުހިވަޑައިގެން އަމުރުފުޅުކުރެއްވުމުން އެގޮތަށް އެކަން ތަންފީޒުވަމުން ދެ އެވެ. އެހެން ނަމަވެސް ރަށުގައި ތިބި އެންމެންގެ ހަށިގަނޑު ބެލިއިރުވެސް ސާރިދޯޅު ވަކިއެޅި ކަމުގެ ނިޝާނެއް ނުފެނެ އެވެ. މިހާރު ގުރާބުގެ މީހުންނަށް ނުބެލެނީ ރަދުންގެ އާއިލާގެ ބޭފުޅުންގެ ހަށިކޮޅު އެކަންޏެވެ. މިކަމަށް އެދިވަޑައިގަތުމުން ހުދެއިކަލަމިންޖާގެ ހަށިކޮޅު ގުރާބުގެ މީހުންނަށް ނުދައްކައިވޭތޯ ރަދުން ފުރަތަމަ ވަރަށް މަސައްކަތްޕުޅު ކުރެއްވި އެވެ. އެއްގޮތަށްވެސް އެކަން ކާމިޔާބުނުވެ، އެންމެ ފަހުން މަޖުބޫރުވެވަޑައިގެން ހުދެއި ކަލަމިންޖާ ގެންނަވައި އޭނާގެ ހަށިކޮޅު ބެލުނެވެ. މޭފުޅު މަތީގައި ސާރިދޯޅު ވަކި އެޅިކަމުގެ ނިޝާން ހުއްޓެވެ. އެހެންކަމުން ކޮށި ގެންދެވީ ހުދެއި ކަލަމިންޖާ ކަމުގައި ގުރާބުގެ މީހުން ނިންމި އެވެ.

ހުދެއި ކަލަމިންޖާ މި މީހުންގެ އަތްދަށުން ސަލާމަތްވެވަޑައިގަތުމަށް ދުވެވަޑައިގެން ވަލުތެރެއަށް ވެންނެވި އެވެ. އެވަގުތު ނަދުރުފުޅެއްވެސް ވިދާޅުވި އެވެ. އެއީ މިބައިމީހުންގެ ކިބައިން ސަލާމަތްކުރައްވައިފިނަމަ މާތްﷲގެ ހައްގުފުޅަށްޓަކައި މިސްކިތެއް ބިނާކުރައްވައި ފެންގަނޑެއް ބާއްވާނޭކަމުގެ ނަދުރުފުޅެވެ. ގުރާބުގެ މީހުން ކެނޑިނޭޅި ކުރި މަސައްކަތުންވެސް ހުދެއި ކަލަމިންޖާ އަތުލެވޭގޮތް ނުވުމުން މި މީހުން ފުރައިގެން ހިނގައްޖެ އެވެ. މި ހަބަރު ލިބިވަޑައިގަތުމުން ހުދެއި ކަލަމިންޖާ ވަލުތެރެއިން ނުކުމެވަޑައިގެން، ސަލާމަތްވެވަޑައިގެންނެވީތީ ނަދުރުފުޅު ފުއްދެވުމަށް މާވެޔޮމިސްކިތާއި މާވެޔޮ ބިނާކުރެއްވި އެވެ.

ނަދުރުފުޅު ފުއްދެވުމަށްފަހު ހުދެއި ކަލަމިންޖާ ދެން ވަޑައިގެންނެވީ ގަނޑުވަރަށެވެ. ކޮށީގައިވީ ޖާރިޔާއަކީ ހުދެއިގެ ހަލާލު އަނބިމީހާ ކަމުގައި ހެދުމަކީ އޭނާގެ ދިރިއުޅުމުގެ މަގުސަދުކަމުގައި އޮތީ ހައްދަވާފަ އެވެ. ގުރާބު މީހުންގެ އަތްދަށުން ސަލާމަތްވެވަޑައިގަތުމަށް ވަޑައިގެންން ވީ މުއްދަތުގައި ޖާރިޔާވެސް އަދި އެ އަލަމާރިވެސް ވީ އޭނާގެ ބޭބޭފުޅު، ރަދުން ވަޑީ ކަލަމިންޖާގެ ބެއްލެވުމުގެ ދަށުގަ އެވެ. އޭރު ރަދުންނަށްވެސް މި ޖާރިޔާ ދެކެ ލޯބިފުޅުވެވިއްޖެ އެވެ. މިކަމަކާ ވީ އަރައިރުމުގައި ދެބެއިންގެ ދެމެދުގައި ހަސަދަވެރިކަމާއި ދެކޮޅުވެރިކަން އުފެދިއްޖެ އެވެ. އެންމެ ފަހުން ރަދުންގެ އަމުރުފުޅަށް މި ޖާރިޔާ އަލުން ކޮށީގައި ބަންދުކުރެވި، މުޅި ކޮށީގައި ބަރޯސީ ބަނދެ ލޮނުޒިޔާރަތްކޮޅާ ދިމާލުން އުރަފަށަށް ފައްތާލުމަށް ނިންމައި އެކަން ތަންފީޒު ކުރާން ފެށުނެވެ. މި މަންޒަރު ދެކޭން ރަށުގެ ކުދިބޮޑު އެންމެން ޖަމާވެ ތިއްބެވެ. މި އެންމެން ބަލަން ތިއްބައި އެ ބިއްލޫރި ކޮށި، ނުވަތަ އަލަމާރި އަޑިއަށް ދަނިކޮށް ކުއްލިއަކަށް ފެނުނީ ލޯބީގައި ދީވާނާވެވަޑައިގެންފައި ހުދެއި ކަލަމިންޖާވެސް ފެތެމުން ދިޔަ އަލަމާރީގެ މައްޗަށް އަރާވަޑައިގެން އަލަމާރީގައި ބެއްދެވި ތަނެވެ. އަލަމާރި އަޑިއަށް ދިޔައީ ހުދެއި ކަލަމިންޖާއާވެސް އެކުގަ އެވެ. ބަނދެފައިވާ ބަރޯސީގެ ސަބަބުން އެ އަލަމާރި ބޮކިޖަހައި އަޑިއަށް ދިޔަ ވަގުތު ވަރުގަދަ ރާޅު ބާނިތަކެއް އުފެދުނެވެ. އެދުވަހުގެ އެ ހާދިސާގެ ސަބަބުން އުފެދުނު ރާޅުގަނޑު އަދިވެސް ހުއްޓުމެއް ނެތި އެގޮތުގައި އުފެދެމުން ދަނީ އެވެ. ކޮށީގެ ޖާރިޔާ ދެކެ ހުދެއި ކަލަމިންޖާ ވެވަޑައިގެންނެވި ލޯބީގެ ރަމްޒެއްގެ ގޮތުގަ އެވެ.

މިއީ ފޯކްލޯރުގައި ކިޔައިއުޅޭ ގޮތެވެ. މި ފޯކްލޯރު އުފެދުނީ ކޮން އަހަރަކުކަން އެއީ އެނގެން އޮތް އެއްޗެއް ނޫނެވެ. ފޯކްލޯރުގައިވާ ވާހަކަތަކުގައި ސައްހަނޫން މައުލޫމާތު ވެސް އެބަހުއްޓެވެ. ހަސަން ތާޖުއްދީނުގެ ތާރީހު ދީބާ މަހަލް އަދި ނަސީމާ ކަލޭފާނު ލިޔުއްވި ދިވެހިރާއްޖޭގެ ރަދުންނާއި ރަނިން ފޮތުގައިވާ ގޮތުން، މާވެޔޮ މިސްކިތާއި މާވެޔޮ ބިނާކުރެއްވުމަކީ އައްސުލްތާނު ވަޑީ ކަލަމިންޖާގެ ހިދުމަތެކެވެ. ވަޑީ ކަލަމިންޖާގެ ރަސްކަން ނިމި އައްސުލްތާން ސިރީ ވައްލަދިޔޯ ސިރީ ރާދޭސްވަރަ މަހާރަދުންގެ ވެރިކަމަށްފަހު ރާއްޖޭގައި ވެރިކަން ކުރެއްވިކަމަށް އެނގެން އޮތީ ހުދެއި ކަލަމިންޖާ އެވެ. އެއީ އައްސުލްތާން ހުދެއި ކަލަމިންޖާ ސިރީ ވީރަ އަބާރަނަ މަހާރަދުންގެ ނަންފުޅުގަ އެވެ. އެ ރަސްގެފާނު މީލާދީން 1257 އިން ފެށިގެން 1263 އާ ހަމައަށް ޖުމުލަ ހަތް އަހަރު ރަސްކަން ކުރެއްވި އެވެ.

ތާރީހީ ހަގީގަތްތަކާ ފުށުއެރިޔަސް، މި ފޯކްލޯރުން އެނގޭ ކަންތައްތަކެއް އެބަހުއްޓެވެ. އެއް ކަމަކީ މާލޭގެ ރައްޔިތުންގެ ނަޒަރުގައި ލޮނުޒިޔާރަތްކޮޅު ވަރުނުލާރާޅުގަނޑުގެ ހާއްސަ ކަމެވެ. އެއީ މާލޭގެ ފުއްޓަރު ފަރާތެވެ. އެހެންވީމާ، މާލެ އުފެދުނު ޒަމާނަކުން ފެށިގެން އެ ރާޅުގަނޑު އޮންނާނެ އެވެ. އެ ރާޅުގަނޑު އުފެދުނު ގޮތާމެދު އިތުރު ފޯކްލޯރެއްވެސް އޮވެ އެވެ. އެއީ ދަރުމަވަންތަ ރަސްގެފާނުގެ ކޮއްކޯފުޅު، ސިރީކަލޯގެ އޭނާގެ އަނގޮޓިފުޅު އެއްލަވާލެއްވީމާ އުފެދެންފެށި ރާޅުގަނޑެއްކަމަށް ބުނާ ވާހަކަ އެވެ. އެ ރާޅުގަނޑު އުފެދުނު ގޮތުގެ މައްޗަށް މިހައި ގިނަ ވާހަކަ ކިޔައި އުޅޭނީ އެތަނުގެ ހާއްސަކަމުންނެވެ.

ދެވަނަ ކަމަކަށް ސާފުވަނީ މާ އެވޭލާ ޒަމާނުގައިވެސް ދިވެހިރާއްޖެއާ ބިދޭސީ ގައުމުތަކާމެދު ވިޔަފާރީގެ ގުޅުން އޮތްކަމެވެ. ވިޔަފާރި ދަތުރެއްގައި އެވަރުގެ ގުރާބެއް ރާއްޖެއަށް އަންނާނީ ރާއްޖެއަކީ ވިޔަފާރީގެ މަންޒިލަކަށް ވީމަ އެވެ.

ތިންވަނަ ކަމަކީ، ދިވެހިންގެ ހެދުން އެޅުމުގެ އާދަ އެވެ. އިބުނު ބަތޫތާގެ ލިޔުއްވުންތަކުން ފެންނަ ގޮތުގައި އޭނާ ރާއްޖެ ވަޑައިގެންނެވި ޒަމާނުގައިވެސް ދިވެހި އަންހެނުން ތިބެނީ ހަށިގަނޑު ނިވާ ނުކޮށެވެ. ފޫޅުން ތިރިން އަނދެފައި އޮންނަ ކަނޑިކިގަނޑެއް މެނުވީ ގަޔަކު ނޯންނަކަމަށް އޭނާ ލިޔުއްވާފައި އޮވެ އެވެ. އެ އާދަ ބަދަލުކުރެއްވުމަށް އެތައް މަސައްކަތެއް ކޮށްގެންވެސް އެކަން ކާމިޔާބު ނުކުރެއްވުނުކަމަށް އިބުނު ބަތޫތާ ލިޔުއްވާފައި އޮވެ އެވެ. އެހެންނަމަވެސް މި ވާހަކައަށް ބަލާއިރު، ރަށުގައި ތިބި އެންމެންގެ ބުރަކަށްޓާއި މޭމަތި އެއްވެސް ހުރަހަކާ ނުލައި އެމީހުންނަށް ދެއްކުމަށް ހުށަހެޅުމުން، އެ ޒަމާނުގައި (ނުވަތަ މި ފޯކްލޯރު އުފެދުނު ޒަމާނުގައި) އުޅުނު ނަމަ އުޅުނުހައި ބަޔަކު އުޅުނީ ދެ ފޭލިން ހަށިގަނޑު ނިވާކޮށްގެންކަމަށް ދޭހަ ވެއެވެ.

އޭގެ އިތުރުން މާވެޔޮމިސްކިތާއި މާވެވުގެ ތާރީހު މި ވާހަކައިން ސާފު ވެއެވެ. ދިރާސާކޮށްފިނަމަ އަދިވެސް މިފަދަ ކިތަންމެ ކަމެއް މި ވާހަކައިން ހާމަވާނެ އެވެ.

ލޮނު ޒިޔާރަތްކޮޅު ވަރުނުލާރާޅުގަނޑު އުފެދުނު ގޮތުގެ ވާހަކަ ފަދައިން، އަޅުގަނޑުމެންގެ މުޖުތަމައުގައި ހުރި މިފަދަ ފޯކްލޯރުތަކުގެ ރަނގަޅު ދިރާސާއެއް ކުރެވިއްޖެނަމަ ހާމަވެގެން އަންނާނޭ ކިތަންމެ މައުލޫމާތެއް ހުންނާނެ އެވެ. ފިޔޯރީ ބީފާނު ވާހަކައަކަސް އަރާމަގު ދޮންކަމަނަ ވާހަކައަކަސް، އޮޑިތާންކަލޯ ވާހަކައަކަސް، ނުވަތަ ބުރުނީ ކަމަނާ ރައިވަރުން އުފެދުނު ދޮންހިޔަލައާއި އަލިފުޅު ވާހަކައަކަސް، ދިރާސާ ކުރެވިއްޖެނަމަ މިއީ ލައްކަ މައުލޫމާތެވެ. މި މައުލޫމާތު ހޯދުން މުހިންމު ވަނީ އަނގަމަޖަލަކަށް ދައްކާކަށް ނޫނެވެ. ހިކުމަތްތެރިކަން އިސްކުރެވިއްޖެނަމަ މި ފޯކްލޯރުތަކަކީ ރާއްޖެ އިޝްތިހާރުކުރުމުގެ ވަސީލަތަކަށްވެސް ނުހެދޭންވީ ސަބަބެއް ނެތެވެ.

މި ލިޔުމަށް މައުލޫމާތު ހޯދުމަށް ބެލީ:

  • ހަސަން ތާޖުއްދީން، ތާރީހު ދީބާ މަހަލް
  • ނަސީމާ މުހައްމަދު ކަލޭފާނު، ދިވެހިރާއްޖޭގެ ރަހުންނާއި ރަނިން.
  • ހަބީބާ ހުސައިން ހަބީބް، ފޯކްލޯރާއި ތާރީހު، ފަތްތޫރަ.