ރޯދަ އިނާޔަތް ފިޔަވައި އިތުރު ހަދިޔާތައް މުވައްޒަފުންނަށް ނުދޭން ޕީސީބީން ސަރުކާރު ކުންފުނިތަކަށް އަންގައިފި

12 ފެބުރުވަރީ 2025 - 11:57 0

ސާއިފް ޝިޔާދު

ސ

ފިނޭންސް މިނިސްޓްރީ. ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ޕީސީބީ ހިންގަނީ ފިނޭންސްގެ ދަށުން --- ފޮޓޯ: އަދަދު ފައިލް


ރޯދަ އިނާޔަތް ފިޔަވައި އިތުރު ހަދިޔާތައް މުވައްޒަފުންނަށް ނުދޭން ޕީސީބީން ސަރުކާރު ކުންފުނިތަކަށް އަންގައިފި

12 ފެބުރުވަރީ 2025 - 11:57 0

އަންނަ މަހުގެ ފުރަތަމަ ދުވަހު ފެށޭ ރޯދަ މަހާ ދިމާކޮށް ގާނޫނުން ލާޒިމުކުރާ ރޯދަ އިނާޔަތް ފިޔަވައި އިތުރު އެހެން އެއްވެސް ހަދިޔާއެއް އެ ކުންފުންްޏެއްގެ މުވައްޒަފުންނަށް ނުދިނުމަށް ޕްރައިވަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރު ހިއްސާ އޮންނަ ކުންފުނިތަކަށް އަންގައިފި އެވެ.

މީގެ ދެ ދުވަސް ކުރިން ސަރުކާރު މުވައްޒަފުންނަށް މި މަހުގެ 20 ގެ ކުރިން ރޯދަ އިނާޔަތް ދިނުމަށް ފިނޭންސުން އެންގި އެވެ. މިއަދު ޕީސީބީން ނެރުނު ސާކިއުލާގައި ކުންފުނިތަކަށް އަންގާފައިވަނީ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް 3,000ރ. ގެ ރޯދަ އެލަވަންސެއް ދިނުމަށެވެ.

ހަމައެހެންމެ، އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މީހުންނަށް ހަމައެކަނި އަސާސީ ވަޒީފާ އަދާކުރާ ތަނުން އެލަވަންސް ދިނުމަށް ވަނީ އަންގާފަ އެވެ. އަދި ޕޭ ލީވާއި ނޯޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ވެސް އިނާޔަތް ހަމަޖައްސަން ނުޖެހޭނެ ކަމަށް ވަނީ އަންގާފަ އެވެ. ރޯދައާ ގުޅުވައި އިތުރު ހަދިޔާއެއް ނުދިނުމަށް ވެސް އެ ސާކިއުލާގައި އަންގާފައިވެ އެވެ.

ޕީސީބިން މިގޮތަށް އަންގާފައިވާއިރު ފާއިތުވި އަހަރުތަކުގެ ރޯދަ މަހާ ދިމާކޮށް ސަރުކާރުގެ ހިއްސާ އޮންނަ ބައެއް ކުންފުނިތަކުގެ މުވައްޒަފުންނަށް އެކި ބާވަތުގެ ހާދިޔާ ދީފައިވެ އެވެ. އޭގެ ތެރޭގައި ކައްކަން ބޭނުންކުރާނެ ސާމަނާއި ރޯދައާ ގުޅޭ އެހެން ބާވަތްތައް ހިމެނެ އެވެ.

އޭގެ އިތުރުން، ޕީސީބީން ވަނީ ހަރަދު ކުޑަކުރުމަށް ފިޔަވަޅުތަކެއް އެޅުމަށް އަންގައި ކުންފުނިތަކަށް ސާކިއުލާއެއް މިއަދު ފޮނުވާފަ އެވެ.

ރޯދަ އިނާޔާތް ދޭން ފެށީ 2015 ވަނަ އަހަރު ވާޒީފާއާ ބެހޭ ގާނޫނަށް ގެނައި އިސްލާހާއެކު އެވެ.