Advertisement

ޑިމޮކްރަސީއަށް ނުބަލައި ހައްދުފަހަނައަޅައިދާ މިންވަރަށް ރައީސުލްޖުމްހޫރިއްޔާއަށް ބާރުތައް ދޭން މެންބަރު ދީދީ ގޮވާލައްވައިފި

12 ފެބުރުވަރީ 2025 - 07:10 0

އަހުމަދު އާއިދު

އ

Advertisement

މެންބަރު އިބްރާހިމް ދީދީ : ރައީސުލްޖުމްހުރިއްޔާއަށް ހައްދުފަހަނަޅާދާ ވަރަށް ބާރު ދޭންވީ ކަމަށް އޭނާ މިއަދު ވިދާޅުވި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ޑިމޮކްރަސީއަށް ނުބަލައި ހައްދުފަހަނައަޅައިދާ މިންވަރަށް ރައީސުލްޖުމްހޫރިއްޔާއަށް ބާރުތައް ދޭން މެންބަރު ދީދީ ގޮވާލައްވައިފި

12 ފެބުރުވަރީ 2025 - 07:10 0

Advertisement

Advertisement

ޑިމޮކްރަސީއަށް ނުބަލައި އެކަމުގައި ހައްދުފަހަނައަޅައިދާ މިންވަރަށް ރައީސުލްޖުމްހުރިއްޔާއަށް ބާރުތައް ދިނުމަށް ވެރިކަންކުރާ ޕީއެންސީއަށް ނިސްބަތްވާ ފޭދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމްދީދީ މިއަދު ގޮވާލައްވައިފި އެވެ.

ގޭންގު ކުށްތައް ހުއްޓުވަން ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ބަހުސްކުރައްވަމުން ދީދީ ވިދާޅުވީ، ގާނޫނުތައް ހަރުކަށިކޮށްގެން ބާރުތައް ވަކި މީހެއްގެ އަތްމައްޗަށް ގެނައި ނަމަވެސް ލިބޭ ބާރުތަކުގެ ނަހަމަ ފައިދާ ނެގިޔަދިނުން މަޖިލީހުން ހުއްޓުވާނެ ކަމަށެވެ. ރައީސްއަށް ބާރުތައް ދިނުމަށް ދީދީ ގޮވާލެއްވީ އެއަށްފަހު އެވެ.

Advertisement

"ރައީސުލްޖުމްހުރިއްޔާއަށް ދޭންވީ ހައްދުފަހަނައަޅައިދާ މިންވަރަށް ބާރު، ގައުމު ހިންގަން. އެއޮތީ ޗައިނާ ތިޔަ ވިދާޅުވާ ޑިމޮކްރަސީ ކޮންތާކު އޮތީ،" ދީދީ ވިދާޅުވި އެވެ.

ގައުމު ހިންގާއިރު މޮކްރަސީއަށް ބަލަންނުޖެހޭނެ ކަމަށް ވެސް ދީދީ ވިދާޅުވި އެވެ.

"ރާއްޖެ މިގޮތަށް ކުރިއަށްދާއިރު އަޅުގަނޑުމެން ވިސްނަންޖެހޭ، ޑިމޮކްރަސީގެ އުސޫލުތަކުން ހިންގާ ގައުމުތައް މިތިބީ. ދުނިޔޭގެ އެހެން ގައުމުތަކަކީ ވެސް. އެހެންވީމަ ކޮންމެހެން ނުޖެހޭ އަޅުގަނޑުމެން ބަލާކަށް ތި އެއްޗެހި،" އޭނާ ވިދާޅުވި އެވެ.

Advertisement

ރައްޔިތުން ބޭނުންވަނީ ތަރައްގީ އާއި އަމާންކަން ކަމަށާއި ހުދުމުހުތާރު ވެރިކަންކުރާ ގައުމުތައް މާ ބޮޑަށް ތަރައްގީވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ގައުމުތަކުގެ މަގުތައް މާ ބޮޑަށް އަމާން ކަމަށް ވެސް ދީދީ ވިދާޅުވި އެވެ.

"ހުދުމުހުތާރޭ ކިޔަނީ އެކަމު އެ ގައުމުތައް މާ އަމާން. މާ ތަރައްގީ. މާ ސުލްހަވެރި. ނުރައްކާތެރިކަމެއް މަގުމަތީގަ ނުހިނގާ. މަގުތައް ހެދިފަ އޮތީ. ގައުމަށް ލިބޭ ފައިސާ ވަގަށް ނުނަގާތީތާ [އެ ގައުމުތައް] ތަރައްގީވީ،" އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ވެސް މަޖިލީހުގައި ވާހަކަ ދައްކަވަމުން ދީދީ ވަނީ ޑިމޮކްރަސީއަށް ފާޑުކިޔައިފަ އެވެ. ނޮވެމްބަރު، 2024، ގައި ތަޅުމުގައި ވާހަކަ ދައްކަވަމުން ދީދީ ވިދާޅުވީ ސިޔާސީ ޕާޓީތައް ހިންގުމުގެ ހުއްދަ ދިން ފަހުން ދިވެހިރާއްޖޭގެ ސުލްހަ ގެއްލި، އިގްތިސާދު ހަލާކުވެއްޖެ ކަމަށެވެ.

"ސިޔާސީ ޕާޓީތައް ވުޖޫދަށް އައިސްގެން ރާއްޖޭގެ ހަމަހިމޭންކަން، ރައްޔިތުންގެ ކިބައިގައި މަޑުމައިތިރިކަން، ކެތްތެރިކަން، ސުލްހަވެރިކަން، މި ހުރިހާ ކަމެއް އޮއްވައި މި ހުރިހާ ކަމެއް ނަގާލައި ރާއްޖޭގެ އިގްތިސާދު ފުނޑި، ހުރިހާ ކަމެއް ދިޔައީ ހަރުދަނާ ނުކޮށް ސިޔާސީ ޕާޓީތައް ހިންގުމުގެ ސަބަބުން،" ދީދީ ވިދާޅުވި އެވެ.

ޑިމޮކްރަސީ އަށް ފާޑުކިޔަމުން މަޖިލީހަށް ނިސްބަތްވާ މެންބަރުން ވާހަކަ ދައްކަވަމުން އަންނައިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަނީ ހުދުމުހުތާރު ވެރިކަމެއް ކަމަށާއި މަގު ކޮށަނީ އަނިޔާވެރި ވުމަށް ކަމަށް އިދިކޮޅުން ތަކުރާރުކޮށް ދަނީ ބުނަމުންނެވެ.

މީގެ ދެ މަސްކުރިން އަދަދު އިން ގެނެސްދޭ "އެތެރެފުށް" ޕްރޮގްރާމުގައި ވާހަަކަ ދައްކަވަމުން ފައްޔާޒް ވިދާޅުވީ ރައީސް މުއިއްޒު ޑިމޮކްރަސީގެ ނަން ބޭނުން ކުރައްވައިގެން ވެރިކަމަށް އައިސް އެއާ މުޅިން އިދިކޮޅަށް އަމަލު ކުރައްވަމުން ގެންދަވާތަން ފެންނަމުންދާ ކަމަށެވެ.

"އަނެއްހެން ދަންނަވަންޏާމުން ކަންބަޅި ބަކައްޓެއްގެ ސިފައިގައި ވުލްފެއް އައިމަ ވާނެ ގޮތް މި ވަނީ އެނގޭތޯ. ޑިމޮކްރަސީގެ ބޭނުން ކުރައްވައިގެން، ބެލޮޓް ބޮކްސް ބޭނުން ކޮށްގެން ރައްޔިތުން ލައްވައި ވޯޓު އަޅުވައިގެން އައިސް ޑިމޮކްރަސީއާ މުޅިން ދުރު، ޑިމޮކްރަސީ ގަބޫލު ނުކުރާ ހުދުމުހުތާރު ވެރިކަމެއް ހަމަ ހިތުގެ އަޑިން ގަބޫލު ކުރައްވާ ބޭފުޅެއްކަން ވަރަށް ސާފުވެއްޖެ ކަންކަން ކުރައްވާ ގޮތުން،" ނޮވެމްބަރު، 2024 ގައި ފައްޔާޒް ވިދާޅުވި އެވެ.