Advertisement

19 އަަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފަށާނީ މާޒިޔާ އާއި އީގަލްސް މެޗުން

11 ފެބުރުވަރީ 2025 - 16:21 0


19 އަަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ފަށާނީ މާޒިޔާ އާއި އީގަލްސް މެޗުން

11 ފެބުރުވަރީ 2025 - 16:21 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ކްލަބް އީގަލްސް އިން ވާދަކުރާ މެޗުން ފަށަން ތައްޔާރުވެއްޖެ އެވެ.

މި ފަހަރުގެ މުބާރާތް ކުރިއަށްދާނީ ޖުމްލަ ނުވަ ޓީމުގެ މެދުގަ އެވެ. އެ ގޮތުން، ގްރޫޕް އޭގައި ހިމެނެނީ، އީގަލްސް އާއި މާޒިޔާގެ އިތުރުން، ކްލަބް ވެލެންސިއާ އާއި ބުރު ސްޕޯޓްސް ކްލަބް އަދި ކްލަބް ގްރީން ސްޓްރީޓްސް އެވެ.

ގްރޫޕް ބީގައި ހިމެނެނީ، އޮޑި ސްޕޯޓްސް ކްލަބާއި އެންމެ ފަހުގެ ޗެމްޕިއަން، ޓީސީ ސްޕޯޓްސް ކްލަބާއި ރަނަރަޕް، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ އިތުރުން ވިކްޓަރީ ސްޕޯޓްސް ކްލަބް އެވެ.

އަންނަ ބުރާސްފަތި ދުވަހު ހަވީރު ގަލޮޅު ދަނޑުގައި ޔޫތު މުބާރާތް ފަށާނީ މާޒިޔާ އާއި އީގަލްސް މެޗުންނެވެ. އެރޭ ކުޅޭ މެޗުގައި، ވެލެންސިއާ އިން ކުޅޭނީ ބުރު ސްޕޯޓްސް ކްލަބާ އެވެ.

ޔޫތު މުބާރާތުގެ ފޯމެޓް ރޭވިފައިވާ ގޮތުން، ކޮންމެ ގްރޫޕެއްގެ ގަދަ ދެ ޓީމު ސެމީ ފައިނަލަށް ދަތުރުކުރާއިރު، ސެމީ ފައިނަލް މެޗުތައް ކުޅޭނީ މި މަހު 25 ވަނަ ދުވަހު އެވެ. އަދި ފައިނަލް މެޗު ކުރިއަށްދާނީ މި މަހުގެ 27 ވަނަ ދުވަހު އެވެ.

މިދިޔަ އަހަރުގެ މި މުބާރާތުގެ ފައިނަލުގައި ޕެނަލްޓީގައި ސަސްގެ މައްޗަށް 5-4 އިން ކުރިހޯދައި ޓީސީ އިން ފުރަތަމަ ފަހަރަށް އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރީ މެޗަކުން ބަލިނުވެ އެވެ.