11 ފެބުރުވަރީ 2025 - 10:40 2
އަމަން ހަލީމް
މާލިއްޔަތު ކޮމިޓީއަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ މައުލޫމާތު ދެއްވަނީ: މި މަޝްރޫއަކީ ގެޒެޓުގައި އިއުލާންކޮށްގެން ކުރިއަށް ގެންދިޔަ މަޝްރޫއެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
11 ފެބުރުވަރީ 2025 - 10:40 2
ޕޮލްކޯގެ ސާވަރަށް "ދިމާވި މައްސަލައެއްގެ ސަބަބުން" އެ ކޯޕަރޭޓިވުން ހިންގި "ބްލޫސް ހައުސިން މަޝްރޫއު" އަށް ބިޑު ކުރުމާއި ޓެންޑަރިން މަރުހަލާގައި ކަންކަން ހިނގައިދިިޔަ ގޮތާ ގުޅޭ ލިޔުންތައް ނުލިބޭ ކަމަށް އޮޑިޓާ ޖެނެރަލް ހުސެއިން ނިޔާޒީ އިއްޔެ ވިދާޅުވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް މިހެން ވިދާޅުވީ ޕޮލްކޯ ފްލެޓުތައް ހަވާލުކުރުމުގައި ކޮންޓްރެކްޓަރަށް މަންފާވާ ގޮތަށް އެ މަސައްކަތް ހަވާލުކުރީ, ޕޮލްކޯގެ މެނޭޖުމަންޓަށް ނޭނގިތޯ ސާފުކުރަން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ މާލިއްޔަތު ކޮމިޓީގައި އެއްސެވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެ ގޮތުން ނިޔާޒީ ވިދާޅުވީ, އޮޑިޓުގެ ސްކޯޕުގެ ތެރޭގައި ބީލަން މަރުހަލާގައި ކަން ހިނގައިދިޔަ ގޮސް ސާފުކުރަން ހިމެނި ކަމަށެވެ. ނަމަވެސް ޕޮލްކޯއިން އެ ލިޔުންތައް ނުލިބޭތީ ބިޑު އިވެލުއޭޓު ކުރުމުގެ ކަންތައްތައް އެންމެ ރަނގަޅަށް ސާފުވާކަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"...މި މަޝްރޫއު ފެށިފައި މިއޮތީ 2013 ގައި. ދެން ޕޮލްކޯއާ އަޅުގަނޑުމެން މެނޭޖުމަންޓާ ބައްދަލުކުރުމުން އެ ބޭފުޅުން ވިދާޅުވީ އޭގެ ތެރެއިން ވަރަށް ގިނަ ލިޔުންތަކެއް އެ ބޭފުޅުން އަތުގައި މިހާރު ނެތް ކަމަށް, ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން," ނިޔާޒީ ވިދާޅުވި އެވެ.
ޕޮލްކޯއިން އެ މައުލޫމާތު ނުލިބުމުން އޮޑިޓަރުން ވަނީ ގެޒެޓު ބަލާފަ އެވެ. ނަމަވެސް ގެޒެޓުގައި އެ މަޝްރޫއު އިއުލާންކޮށްފައި ނެތް ކަމަށް ނިޔާޒީ ވިދާޅުވި އެވެ. އަދި އޮޑިޓު ކުރުމުގެ މަރުހަލާގެ ތެރޭގައި އޮޑިޓު އޮފީހަށް ލިބުނީ ކޮންޓްރެކްޓުތައް އެކަނި ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
އޮޑިޓަށް މައުލޫމާތު ހޯދިއިރު ސާވާގައި މައްސަލަ ޖެހި ބައެއް ލިޔުންތައް ނުލިބުނު ކަމަށް ބުނި ނަމަވެސް, އޮޑިޓު ނިމުނު ފަހުން ބައެއް ސިޓީތައް ފުލުހުން ދިން ކަމަށް ނިޔާޒީ ވިދާޅުވި އެވެ. އަދި ތަހުގީގީ އިދާރާތަކުން މި ކަންކަން ގޮސްފައި އޮތް ގޮތް ބެލުން ވަރަށް މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
ޕޮލްކޯގެ ފްލެޓުތަކުގެ އޮޑިޓު ރިޕޯޓުގައި އޮޑިޓަރުން ވަނީ އެ މަޝްރޫއުގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ޝައްކުކުރެވޭ ކަން ފާހަގަަކޮށްފަ އެވެ. އެ އޮޑިޓުގައިވާ ގޮތުގައި މި މަޝްރޫއުން ބޮޑު މަންފާއެއް ލިބުނީ ނޫމަޑީގެ ރެޕްރެޒެންޓޭޓިވް އަދި އައިލެންޑް އެކްސްޕާޓުގެ މެނޭޖިން ޑިރެކްޓަރު "މިސްޓާ އެކްސް" އަށެވެ.
މި ބުނާ "މިސްޓާ އެކްސް" ގެ ނަން އޮޑިޓުގައި ނެތް ނަމަވެސް, އެ ރިޕޯޓުގައި ހުރި މައުލޫމާތުން އެނގެނީ މި ބުނާ މީހަކީ އެނޮން ސޮންޕަންޏާ އެވެ.
ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްގެން ފޮލްކޯ ފްލެޓުތައް އެޅިއިރު, މިއީ ބާޒާރުގައި ހުރި އަގުތަކަށް ވުރެ ބޮޑުކޮށް ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް ކުރިއަށް ގެންދިޔަ މަޝްރޫއެއް ކަމަށް ވެސް އޮޑިޓުގައި ފާހަގަކޮށްފައިވެ އެވެ.
މި މަޝްރޫއަށް ކޮންޓްރެކްޓަރުންނަށް ދެއްކި ފައިސާގެ ތެރެއިން ޕޮލްކޯއަށް އަނބުރާ ގިނަ ފައިސާތަކެއް ވެސް ލިބެން ޖެހެ އެވެ. ނަމަވެސް އެ ފައިސާ ހޯދަން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަން ވެސް އެ ރިޕޯޓުން އެނގެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment