އާޓްވޯކް: އިސްމާއީލް އިމްދާދު
އިންސާނެއްގެ ހިލަމެއް ނެތް އެކަހެރި މަގެއްގައި ބޮޑާކަމާއި ކިބުރުވެރިކަމާއެކު ހިނގަމުން ދިޔަ ބުޅަލަކަށް ކޮށްޓެއްގައި ތާށިވެފައިވާ މީދާތަކެއް ފެނުނެވެ. ހިނދުކޮޅެއް ކުރިން ހޭވި ގޮނޑުން ލިބުނު ކާނާގެ ކުނިބުނިން ބަނޑު ފުރާލައިގެން އޮތަސް، ބާރުވެރިކަން ދައްކައި އަމިއްލަ ނަފުސާމެދު ފަހުރުވެރިވުމަށް ލިބުނު މި ފުރުސަތު ދޫކޮށްލާކަށް ބުޅާ ބޭނުމެއް ނުވި އެވެ. ބުޅަލުގެ ވަކިތަކުން ކޮށީގެ ދޮރު ހަލާކުކޮށްލައި، އަނގަ ހުޅުވައިގެން ކޮށި ކުރިމަތީގައި އޮވެއްޖެ އެވެ. މީދާތައް ނިކަމެތިކަމާއެކު ކޮށީގެ އެންމެ ފުލަށްވަދެ، ނުކުންނަން ނުކެރިފައި ތިއްބެވެ.
ވަގުތުކޮޅެއް މިގޮތުގައި ހޭދަކުރުމަށްފަހު ބުޅާ ބުނެ އެވެ. ކަލޭމެންގެ ތެރެއިން ސަލާމަތް ވާން އެދޭ މީދަލެއްވާނަމަ އަހަރެން މިކުރާ ސުވާލަށް ޖަވާބު ދޭށެވެ. އަހަރެން ހިތް އެދޭ ފަދަ ރަނގަޅު ޖަވާބު ދީފި ނަމަ އަހަރެންގެ ފުށުން ރައްކާތެރިކަން ކަށަވަރެވެ. ޖަވާބު ގޯސްވެއްޖެނަމަ އެ މީދަލެއް ކައިނުލައި ދުލެއް ނުކުރާނަމެވެ. މި މުބާރާތަށް މީދާތަކުގެ ރުހުން އޮތްތޯ ބުޅަލެއް ނުބަލަ އެވެ. އެސޮރުގެ ސުވާލު ކުރިމަތިކުރި އެވެ. އެކަކާއި އެކެއް އެއްކުރީމާ ވާނީ ކިތަކެއް ހެއްޔެވެ. ހިސާބު އިލްމަށް ހުށިޔާރު މީދަލެއް އޮތްތަނުން ފުންމަމުން ޖަވާބު ދެ އެވެ. އެކަކާއި އެކެއް އެއްކުރީމާ ވާނީ ދޭކެވެ. ބުޅާ އިތުރު ސުވާލެއްވެސް ކުރުމެއް ނެތި މީދާ ނަގައި މަރާލުމަށްފަހު ކައިލަމުން ބުނެ އެވެ. މި މުބާރަތުގައި ބައިވެރިވާ ވަރަށްވުރެ މާބޮޑަށް ކަލެއަށް ކަންކަން އެބަ އެނގެ އެވެ.
ބުޅާ ދެވަނަ މީދަލަށް އިޝާރާތްކޮށް ހަމަ އެ ސުވާލުކުރި އެވެ. ރަނގަޅު ޖަވާބު އެނގުނުނަމަވެސް، ބުޅާ އުފާވާނޭ ޖަވާބެއް ދެވޭތޯ ވިސްނުމަށްފަހު މީދާ ބުންޏެވެ. ތިޔަ ސުވާލުގެ ޖަވާބެއް އަހަރެންނަކަށް ނޭނގެ އެވެ. ބުޅާ ރުޅިއައިސް ބުންޏެވެ. ކަލެއަކީ ތަންދޮރު ނުދަންނަ ޖާހިލެކެވެ. ވީމާ ކަލެއަށް ދިރިއުޅުމުގެ ހައްގު ލިބިގެނެއް ނުވެ އެވެ. މިހެން ބުނެ އެ މީދާވެސް ކާލައިފި އެވެ.
ތިންވަނަ މީދަލާ ވެސް ކުރީ ހަމަ އެ ސުވާލެވެ. އެ މީދާ ބިރުން އޮވެ ޖަވާބު ދިނެވެ. އަހަރެންނަށް ތި ސުވާލުގެ ޖަވާބު އެނގެންޏާ ނަތީޖާއަކީ ކޮބައިހެއްޔެވެ. އަދި ނޭނގެންޏާ އޭގެ ނަތީޖާވެސް ބުނެދޭށެވެ. ބުޅާ ރުޅިއައިސްފައި ބުންޏެވެ. ސުވާލު ކުރުމުގެ ހައްގު އޮތީ އަހަރެންނަށެވެ. ކަލެއަށް އޮތީ ޖަވާބު ދިނުމެވެ. އެކަމަކު ކަލޭގެ އަދަބު ކުޑަކަމާއެކު އަހަރެންގެ އެންމެ ސުވާލެއްގެ ބަދަލުގައި އަހަރެންނާ ދެ ސުވާލުކޮށްފި އެވެ. އެހެންވީމާ ކަލޭ މަރާލުން ނޫން ގޮތެއް ނެތެވެ. މިހެން ބުނެ އެ މީދާވެސް މަރާލި އެވެ.
ހަތަރުވަނަ މީދަލާ ސުވާލުކުރި އެވެ. އެކަކާއި އެކެއް އެއްކުރީމާ ވާނީ ކިތަކެއްކަން ބުނެދޭށެވެ. މި މީދާ ހިތްހަމަނުޖެހި އޮވެ، ތުރުތުރުއަޅާ ހާލު ހަލުވިކަމާއެކު ބުނެ އެވެ. ރަނގަޅު ޖަވާބު ދިނަސް މަރެވެ. ޖަވާބު ނޭނގުނަސް މަރެވެ. ވާނޭ ގޮތް އަހާލިޔަސް މަރެވެ. އަހަރެން ހަދަންވީ ފަހެ ކިހިނަކުން ހެއްޔެވެ. ބުޅާ ބުނެ އެވެ. ކަލޭ ކަހަލަ އަނގަ ހަލުވި، ޝަކުވާ ގިނަ މީދަލެއް މިރަށު ތެރެއަށް ދޫވެފައި އޮތުމަކީ ބޮޑު ނުރައްކަލެކެވެ. މިހެން ބުނެ މި މީދާވެސް ކާލައިފި އެވެ.
ފަސްވަނަ މީދަލާ އެ ސުވާލުކުރުމުން ބުންޏެވެ. ސާހިބާ ތިޔަ ކުރެއްވި ސުވާލުގެ މޮޅުކަމާއެވެ. ތިޔައީކީ އަހަރުމެންފަދަ އާދައިގެ ނިކަމެތި، ކުދިކުދި ޖަނަވާރުންނަށް ޖަވާބު ދެވޭނޭ ފަދަ ސުވާލެއްވެސް ނޫނެވެ. ތިޔަ ސުވާލުގެ ޖަވާބު ވިސްނިވަޑައިގަންނަވާނީވެސް ތިޔަ ފަދަ ތަނަވަސް ސިކުނޑިއެއްގެ އަހުލުވެރިޔަކަށެވެ. ތިޔަ އިލްމުވެރިކަމުގެ ކުރިމަތީގައި އަހަރެންގެ ނުދަންނަކަމާއި ޖާހިލުކަމާމެދު ދެރަވެ ލަދުގަންނަމެވެ. ބުޅާ ވަރަށް އުފާވެފައި ބުންޏެވެ. ތިޔަ ވަފާތެރިކަން އަބަދުވެސް ދެމެހެއްޓުން ޝަރުތުކޮށް، ކަލެއަށް އަހަރެންގެ ކިބައިން ސަލާމަތްތެރިކަން ކަށަވަރެވެ. އަހަރެންގެ ހިޔަނީގައި، އުފާވެރިކަމާއެކު މިރަށުގައި އުޅޭށެވެ.
ވާހަކަ ކިޔައިދޭ މީހާ ބުންޏެވެ. މި ވާހަކައިގެ މީދަލަކީ ތިބާ އެވެ. ބުޅަލަކީ ވެރިންނެވެ. ފުރާނައަކީ ތިބާގެ މަގާމެވެ. މި ވާހަކައިން ލިބިދޭ އިބުރަތަކީ މިއީ އެވެ. މި މީދަލަށް އެ ލިބުނީ އަމާންކަން ހެއްޔެވެ ނުވަތަ ދާއިމީ އަޅުވެތިކަން ހެއްޔެވެ؟ ކޮންމެ ހާލެއްގައިވެސް ދުނިޔެވީ އުފަލާއި، އޭނާގެ މަގާމު ދެމެހެއްޓުމަށް ބޭނުންވާ މީހަކަށް އޮތް މަގަކީ ބާރުވެރި ކަމުގައި ތިބޭ މީހުންނަށް ހުޝާމަދުކުރުމެވެ. ވިދާޅު ބަސްފުޅަށް އާދޭހޭ ނޫން ޖަވާބެއް ނުދިނުމެވެ. ގިނަގިނައި ސަނާ ކިޔުމެވެ. މިކަމުން އެ ވެރިންގެ ކަމީނާ ހިތްތަކަށް އުފާވެރިކަން ލިބި، ތިބާއަށް ސަލާމަތްތެރިކަން ކަށަވަރުވެދާހުއްޓެވެ. ބާރުވެރިކަމުގައި ހުރި އަނިޔާވެރި، ބޮޑާ، ކިބުރުވެރިޔާގެ ހިތް ނިޔަތް ގޯސްވިޔަ ނުދީ ވޭތޯ ބެލުމަށް، ފިނޑިންނަށް އިހުތިޔާރު ކުރެވެން އޮންނާނޭ ހަމައެކަނި މަގަކީ ހުޝާމަދުކުރުމެވެ. ބުނީމާ ބުނި ކަމެއް ކުރުމެވެ. ހެއްދެވިހައި ގޮތަކަށް ރުހިގެން ހުރުމެވެ. އުސޫލާއި ހަމައާއި އިންސާފަކީ ވިދާޅުބަސްފުޅު ކަމުގައި ދުށުމެވެ.
ސިޔާސީ މަންސަތަކުގައި ބޭބޭފުޅުން އެހެރަ ދައްކަވާ ވާހަކަ އަޑުއައްސަމު ނޫންތޯ އެވެ. މަގާމުގެ ނަމުގެ ކުރިއަށް އިއްޒަތްތެރި ލާފައި، އެތައް ފަހަރަކު ޝުކުރިއްޔާއޭ ވިދާޅުނުވެ ނިންމަވާލެއްވީ ކޮން ތަގުރީރެއް ހެއްޔެވެ. ހަގީގަތުގައި އެ ވިދާޅުވާ ޝުކުރިއްޔާތަކުގެ ނިވަލުގައި އޮތީ 'ކައިނުލާތޯ' ކުރާ ވޭނީ އާދޭހެވެ.
ވާހަކަ ކިޔައިދޭ މީހާ ބުންޏެވެ. އަނިޔާވެރިޔާއާ ދެކޮޅަށް ބަސްބުމުގެ ހިތްވަރު ނެތްނަމަ، އޭނާއާ އިދިކޮޅުވާން ޖެހިދާނޭ ފަދަ ހާލަތަކަށް ތިމާގެ ނަފުސު ގެނެސްގެން ނުވާނެ އެވެ. ނަފުސުގައި އެ ފިނޑިކަމުގެ ޒައްރާއެއްގެ މިންވަރު ހުރިނަމަވެސް އާއިލާއާއެކު އަމާންކަމުގައި ގޭގައި އޮންނާނީ އެވެ. ކަންކަމާ ކުރިމަތި ނުލާނީ އެވެ. އެއާ ހިލާފަށް، ތިބާގެ ނަފުސުގެ އިއްޒަތެއް އޮތްނަމަ އަނިޔާވެރިޔާއަށް ހުޝާމަދު ކުރުމުގެ ބަދަލުގައި، ހައްގުބަސް ބުނުމާއެކު އޭނާގެ އަތުން މަރުވެ ދިއުން ހެޔޮކަމުގައި ދެކޭށެވެ.
Comment