10 ފެބުރުވަރީ 2025 - 07:53 0
މުހައްމަދު ޝަހްޒާން
ކެންދޫ ދާޢިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު-- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
10 ފެބުރުވަރީ 2025 - 07:53 0
ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމާއި ބުރުގާ އެޅުން ފަދަ ކަންކަން ކުރުމަށް މިހާރު ހުރި ހުރަސްތައް ނައްތާލަން ގޮވާލައި ގަރާރެއް ހުށަހެޅީ އެކަން ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކޮށް، ކަމާބެހޭ މިނިސްޓަރުންނާ ވެސް މަޝްވަރާ ކުރުމަށްފަހު ކަމަށް ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.
ރިސޯޓު މުވައްޒަފުން ހެދުން އެޅުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ އުސޫލެއް އެކުލަވައިލުމަށް ގޮވާލައި ގަރާރެއް ހުށަހެޅީ ރާއްޖޭގައި މަސައްކަތް ކުރާ ރިސޯޓު މުވައްޒަފުންގެ އެދުމުގެ މަތިން ކަމަށް މައުރޫފް ވިދާޅުވި އެވެ. އަދި ދީނީ ގޮތުން ބަލާއިރު ރާއްޖޭގައި މަސައްކަތް ކުރާ އެއްވެސް މުވައްޒަފަކަށް ތުނބުޅި ބޭލުން މަޖުބޫރު ކުރެވޭނެ ޖާގައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ހިސާބު ހެދި ދިރާސާ ކުރެވި މިކަން ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށްފަހުގައި އަޅުގަނޑު މި މަސައްކަތް ރައްޔިތުންގެ މަޖިލިސް މެދުވެރިވެގެން މިކަން ކުރަން މި ފެށްޓީ، މި މަސައްކަތް ކުރުމުގައި އަޅުގަނޑު ދެމި ހުންނާނެ، އަދި ގަރާރަކުން މިކަން ނުވި ކަމުގައި ވީނަމަ ދެން ހުރި ގޮތަކުން ވެސް މިކަން ކުރަންޖެހުނު ހުރިހާ މަސައްކަތެއް އަޅުގަނޑު ކުރާނެ ވާހަކަ ދަންނަވައިލަން،" މައުރޫފް ވިދާޅުވި އެވެ.
އޭނާ އެހެން ވިދާޅުވީ އެ ގަރާރަށް ބަހުސް ކުރައްވަމުން އެއީ މަޖިލީހަށް ހުށަހަޅައިގެން ކުރަންޖެހޭ މަޝްވަރާއެއް ނޫން ކަމަށް ޕީއެންސީއަށް ތާއީދު ކުރާ ދެ މެންބަރަކު ވިދާޅުވުމުން އެ ވާހަކަތަކަށް ރައްދު ދެއްވަ އެވެ.
ގަރާރުގެ ބަހުސްގައި ވާހަކަދައްކަވަމުން މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ވިދާޅުވީ މައުރޫފް އެ ގަރާރު ހުށަހެޅީ މަޖިލީހުގެ ވަގުތު ނަގާލަން ކަމަށާއި އެއީ މަޖިލީހަށް ނުވައްދާ ނިންމޭނެ މައްސަލައެއް ކަމަށެވެ.
"ހަގީގަތުގައި މިއީ މިނިސްޓްރީ އާއި ސްޓޭކް ހޯލްޑަރުން ގުޅިގެން ނިންމަވައިލެވެން އޮތް ކަމެއް، އަޅުގަނޑުމެން ވެސް އެދެނީ މުވައްޒަފުންނަށް އެމީހުންގެ ހައްގުތައް ރައްކާތެރިވެގެން ދިޔުން އެހެން ނަމަވެސް މަޖިލީހުގެ ވަގުތު ނަގާލައިގެން މަޖިލީހުގައި ޝަރީއަތްކޮށް މަޝްވަރާ ކުރަންޖެހޭ ކަމެއް ކަމަކަށް އަޅުގަނޑަކަށް ނުފެނޭ އިނގޭތޯ،" ޖަނާބު ވިދާޅުވި އެވެ.
އޭގެފަހުން ޕީއެންސީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރު، އިބްރާހިމް ފަލާހު ވާހަކަދައްކަވަމުން ވެސް ވަނީ އެ ގަރާރު މަޖިލީހަށް ހުށަހެޅީ އެމްޑީޕީން ސަރުކާރާ ދެކޮޅަށް ދައްކާނެ އިތުރު ވާހައެއް ނެތީމާ ކަމަށް ވިދާޅުވެފަ އެވެ. ފަލާހު ވިދާޅުވީ ރައްޖޭގެ އެއްވެސް ރިސޯޓެއްގައި ތުނބުޅި ބެހެއްޓުން މަނާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އެ ވާހަކަތަށް ރައްދުދެއްވައި މައުރޫފް ވިދާޅުވީ ރާއްޖޭގެ 99 އިންސައްތަ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން އެ ގަރާރަށް ތާއީދު ކުރާ ކަމަށެވެ. އަދި އެކަން ހައްލު ކުރުމަށް މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވެސް މަސައްކަތްތަކެއް ކުރެވި ނަތީޖާ ވެސް ނެރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި މައްސަލައިގައި އެމްޑީޕީގެ ސަރުކާރު އޮތްއިރު އަޅުގަނޑުމެން ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ޕެޓީޝަނެއް ހުށަހަޅައި އޭރުގެ އިިކޮނޮމިކް މިނިސްޓްރީ އާއި ޓޫރިޒަމް މިނިސްޓްރީ އާއި އަދި ޓޫރިޒަމް އިންޑަސްޓްރީގެ ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރެވި ގަވާއިދެއް އެކުލަވައިލެވި އެ ގަވާއިދު ގެޒެޓު ކުރުމުގެ މަރުހަލާގައި އަދި އާންމުންގެ ކޮމެންޓު ހޯދުމަށްޓަކައި އެ ގަވާއިދު ވާނީ ޕަބްލިޝް ވެސް ހުރެވިފައި،" މައުރޫފް ވިދާޅުވި އެވެ.
އޭގެފަހުން ވެރިކަން ބަދަލުވުމުން، މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓަރާއި މަސައްކަތްތެރިކަމާ ބެހޭ ވުޒާރާގެ މިނިސްޓަރާ ވެސް ބައްދަލުކޮށް އެ މައްސަލަ ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރެއްވި މައުރޫފް ވިދާޅުވި އެވެ. އަދި އެ މައްސަލަ ހައްލު ކޮށްދިނުމަށް އެދި ޓޫރިޒަމް މިނިސްޓްރީއަށް ސިޓީއެއް ވެސް ފޮނުވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސަރުކާރުގެ ޓޫރިޒަމް މިނިސްޓްރީއާ މިކަމާ ގުޅިގެން މަޝްވަރާކޮށް ޓޫރިޒަމް މިނިސްޓްރީގެ މިނިސްޓަރުންނާ މަޝްވަރާކޮށް މިކަން ހައްލު ކޮށްދިނުމަށް ވާނީ އެދިފައި، އަދި އަޅުގަނޑު ވާނީ ސިޓީއެއް ވެސް ފޮނުވާފައި، އަދި ހަމަ އެހެންމެ މަސައްކަތްތެރިކަމާ ބެހޭ ވުޒާރާގެ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރާ ވެސް ބައްދަލުކުރެވި މިވާހަކަ އަޅުގަނޑުމެންގެ ޖަމިއްޔާގެ ފަރާތުން ވާނީ ހިއްސާ ކުރެވިފައި، އެހެންވީމާ އަޅުގަނޑު މި ގަރާރު ރައްޔިތުންގެ މަޖިލީހަށް މި ހުށަހެޅީ ހަމަ ހުރެފައި ކުރާނެ ކަމެއް ނެތިގެން ހުށަހަޅަންވެގެނެއް ނޫން،" މައުރޫފް ވިދާޅުވި އެވެ.
މައުރޫފް ވިދާޅުވީ ރާއްޖޭގެ ގިނަ ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތުނބުޅި މަތިމަސް ނުބެހެއްޓުނު ނަމަވެސް ތުނބުޅި މަތިމަސް ބެހެއްޓުމުގެ ހުއްދަ ރިސޯޓު މުވައްޒަފުންނަށް ދިނުމުގެ ސަބަބުން ރިސޯޓަށް ވަންނަ އާމްދަނީއަށް ބަދަލެއް ނާންކަން ރާއްޖޭގެ ބޮޑެތި ބައެއް ރިސޯޓުތަކަށް ބަލައިލުމުން ސާފުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ރިސޯޓުތަކުގައި މަސައްކަތް ކުރަން ދިވެހި ބައެއް ޒުވާނުން ދެކޮޅު ހަދަނީ ވެސް ރިސޯޓުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތުނބުޅި މަތިމަސް ބެހެއްޓުން މަނާ ކަމެއްގެ ގޮތުގައި އޮންނާތީ ކަމަށް މައުރޫފް ވިދާޅުވި އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment