Advertisement

މާލެ ސަރަހައްދުގައި ސޯލާ ޕެނަލްއިން ކަރަންޓު އުފެއްދުމުގެ އިތުރު މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަނީ

10 ފެބުރުވަރީ 2025 - 12:31 1

އަހުމަދު އާއިދު

އަހުމަދު އާއިދު

މާލެ-ހުޅުމާލެ ހައިވޭގައި ޖަހާފައި ހުރި ސޯލާ ޕެނަލްތައް : ސަރުކާރުން ދަނީ މާލެ ސަރަހައްދުގައި ސޯލާ ޕެނަލްގެ ބިޔަ މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަން އިއުލާނުކޮށްފަ --- ފޮތޯ: އަދަދު


މާލެ ސަރަހައްދުގައި ސޯލާ ޕެނަލްއިން ކަރަންޓު އުފެއްދުމުގެ އިތުރު މަޝްރޫއެއް ހިންގާނެ ބަޔަކު ހޯދަނީ

10 ފެބުރުވަރީ 2025 - 12:31 1

މާލެ ސަރަހައްދުގައި އިތުރު ސޯލާ ޕެނަލް މަޝްރޫއެއް ހިންގާނެ ފަރާތެއް ހޯދަން ސަރުކާރުން އިއުލާނުކޮށްފި އެވެ.

މާލީ ވުޒާރާއިން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ މި މަޝްރޫއަަށް ހޯދަނީ ސޯލާ ޕެނަލްތައް ޑިޒައިންކޮށް އެކަމަށް ފައިސާ ހޯދާ އެ މަޝްރޫއުގެ އަމަލީ މަސައްކަތްކޮށް އެ ޕެނަލްތައް އޮޕަރޭޓުވެސް ކުރެވޭނެ ފަރާތެއް ކަމަށެވެ.

އަލަށް ގާއިމުކުރާ 100 މެގަވޮޓާއި އާއި 150 މެގަވޮޓާ ދެމެދުގެ ސޯލާ ޕެނަލް ގްރިޑެއް ކަމަށްވެސް ފިނޭންސްގެ އިއުލާނުގައި ބުނެފައިވެ އެވެ. ނަމަވެސް މި ގްރިޑު ގާއިމުކުރަނީ މާލެ ސަރަހައްދުގެ ކޮން ތަނެއްގައިކަން މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

މި މަޝްރޫއަށް ޝައުގުވެރިވާ ފަރާތްތަކުން އީއޯއައި ހުށަހެޅުމުގެ ސުންގަޑިއަކީ ފެބްރުއަރީ 27، ގެ މެންދުރު 2:00 ގަ އެވެ.

ސަރުކާރުން ބުނީ މި މަޝްރޫއަކީ މާލެ ސަރަހައްދުގެ ސޯލާ ޕީވީ ސަޕްލައި އަދި ގްރިޑްގެ ޑިމާންޑް ހަމަހަމަކުރުމަށް ބެޓަރީ ސްޓޯރޭޖް ސިސްޓަމެއް ހިމެނޭގޮތަށް ކުރިއަށް ގެންދެވޭ މަސައްކަތެއް ކަމަށެވެ.

މާލެ ސަރަހައްދުގައި ސޯލާ ޕެނަލްތަކެއް ގާއިމުކުރަން ސަރުކާރުން މަސައްކަތް ފަށާފައި މިވަނީ މިހާރު މާލެ ސަރަހައްދުގައި ހުރި ސޯލާ ޕެނަލްތައް އެހެންތާކަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދު ނުފުއްދި ވަނިކޮށެވެ.

ސިނަމާލެ ބުރިޖުން ގޮސް ހުޅުމާލެއަށް ދަތުރުކުރާ ހައިވޭގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތައް ނަގާނެ ކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަމުގެ އެއްވެސް އަމަލީ މަސައްކަތެއް މިހާތަނަށް ކުރެވިފައެއް ނެތެވެ.

ހައިވޭގައި ހުރި ސޯލާ ޕެނަލްތަކުގެ ސަބަބުން ބުރިޖު ސަރަހައްދުން ފެންނަ ރީތި މަންޒަރު ގެއްލިފައިވާ ކަމަށް ވިދާޅުވެ މީހުން ދިރިއުޅޭ އެހެން ރަށަކަށް އެ ޕެނަލްތައް ބަދަލު ކުރައްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވީ ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން އޮކްޓޫބަރު، 28 2024 ގަ އެވެ.

އެމަނިކުފާނު އެދުވަހު ވިދާޅުވީ އިއާދަކުރަނިވި ހަކަތަ ވެސް މުހިންމު ކަމަށެވެ. ނަމަވެސް ހައިވޭގައި ޕެނަލް ޖެހުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

ހައިވޭގައި ހުރި ސޯލާ ޕެނަލްތަކުން ދުވާލަކަށް 4.8 މެގަވޯޓުގެ ކަރަންޓު އުފައްދަ އެވެ. އެ ޕެނަލްތަކުން އުފައްދާ ކަރަންޓު ސްޓެލްކޯއިން ގަންނަނީ ކަރަންޓު ޔުނިޓެއް 10.09 އެމެރިކާ ސެންޓަށެވެ. ދިވެހި ރުފިޔާއިން ބަލާނަމަ ކަރަންޓު މީޓަރަކަށް އެއް ރުފިޔާ 68 ލާރީގެ މަގުންނެވެ.