10 ފެބުރުވަރީ 2025 - 11:03 1
މުހައްމަދު ޝަހްޒާން
ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު، ހުސެއިން ޝަރީފް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
10 ފެބުރުވަރީ 2025 - 11:03 1
ޓެކްސީ ޑްރައިވަރުންގެ އިހުތިޖާޖު ފެށިގެން ދިޔައީ ސުުލްހަވެރިކަމާ އެކުގައި ކަމަށާއި އާންމު ދަތުރުފަތުރަށް ހުރަސް އެޅޭގޮތަށް އިހުތިޖާޖު ބަދަލު ވެގެން ދިޔައީ އެ މީހުންގެ ޑިމާންޑުތަކަށް ސަރުކާރުން އިޖާބު ނުދިނުމުން ކަމަށް ހުޅުމާލެ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ހުސެއިން ޝަރީފް ވިދާޅުވެއްޖެ އެވެ.
ޓެކްސީ ޑްރައިވަރުންނާމެދު މި ސަރުކާރުން އަމަލު ކުރާ ގޮތް ކުށްވެރިކޮށް ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު، މީކާއިލް އަހުމަދު ނަސީމް ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން ހުސެއިން ވިދާޅުވީ އެއް ބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން މަސައްކަތް ކުރަަންޖެހޭ ކަމަށެވެ.
"ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުން އެ ބޭފުޅުން ފެށްޓީ ރަނގަޅު ސުލްހަވެރި އިހުތިޖާޖެއްގެ ތެރެއިން އެކަމަކު އެކަން ފުޅާވެގެން ދިޔަ ދިޔުމުގައި ކަންތައް ދިމާވި ސަބަބު ވެސް އަޅުގަނޑުމެން މިއަދު މި އިއްޒަތްތެރި މަޖިލީހުގައި އެއްބަޔަކު އަނެއް ބަޔަކަށް އިނގިލި ދިއްކޮށެގެން ވާހަކަދެއްކުމުގެ ބަދަލުގައި ކަން ހިނގައިދިޔަ ގޮތަށް ވެސް ބަލަން އެބަޖެހޭ، ސުލްހަވެރިކަމާއެކު ފަށައިގަތް މުޒާހަރާއަށް އިޖާބަ ނުދެވުމުގެ ސަބަބުން އެކަމުގެ ޖަޒުބާތުތަކެއް ޖެހުކަން ވެސް އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭ،" ހުސެއިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ތެރެއިން މަދު ބަޔަކު ނުކުމެ އާންމު ދަތުރުފަތުރަށް ހުރަސް އެޅޭ ގޮތަށް އަމަލު ކުރުމަކީ ވެސް އޭގެ ޒާތުގައި ރަނގަޅު ކަމެކޭ ނުދެންނެވޭނެ ކަމަށެވެ. ނަމަވެސް ރައްޔިތުންގެ މެދުގައި ކަންބޮޑުވުމެއް އޮތް ކަމުގައި ވާނަމަ، އެކަމަކާ ގުޅޭ މުއައްސަސާއަކުން އެ ކަންބޮޑުވުން އަޑުއަހައި އެކަމަށް ހައްލު ހޯދައިދޭން މަސައްކަތް ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ޓެކްސީ ޑްރައިވަރުންނަށް ހައްލު ނުލިބި ހުރި މައްސަލަތައް ޒަމާނުއްސުރެ އެބަހުރިކަން ފާހަގަ ކުރައްވައި ހުސެއިން ވިދާޅުވީ އެ މައްސަލަތަކަށް މިހައިތަނަށް އެއްވެސް ސަރުކާރަކުން ހައްލެއް ހޯދައި ދެވިފައި ނުވާކަން އެއީ ހަގީގަތް ކަމަށެވެ. އޭގެ މިސާލު ދައްކަވަމުން ހުސެއިން ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ކާރުތައް ޕާކު ކުރާނެ ޖާގަ ހޯދައި ނުދެވުމާއި ކާރުތައް ރެޖިސްޓްރީ ނުކުރެވި ހުރުމުގެ މައްސަލައަކީ ހައްލު ހޯދައިދޭންޖެހޭ މައްސަލަތައް ކަމަށެވެ.
"މިއަދާ ހަމައަށް އެކަންކަން ނުވެ ދިޔުމުގެ ސަބަބުން ދުވަހަކަށްވުރެ ދުވަހެއް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަމާއި ކަންބޮޑުވުމާއި ހިތްހަމަ ނުޖެހުމުގެ ތެރޭގައި ޒަޒުބާތާ ހިސާބަށް ގޮސްފައި ރުޅިވެރިކަމުގެ މާހައުލަކަށް ބަދަލުވެގެން ދަނީ އަޅުގަނޑުމެންނަށް މިކަން ކަމުގައި ދޭންވާ ސަމާލުކަން ދޭންވާ އަޅުގަނޑުމެން އަހަންމިއްޔަތުކަން ނުދިނުމުގެ ސަބަބުން،" ހުސެއިން ވިދާޅުވި އެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދީ އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން މަސައްކަތް ނުކުރުމަކީ އަދުގެ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތެއް ނޫން ކަމަށް ހުސެއިން ވިދާޅުވި އެވެ. އެހެންކަމުން ޓެކްސީ ޑްރައަިވަރުންގެ ހުރި ކަންބޮޑުވުންތަކަކީ ސީރިއަސް ކަމެއްގެ ގޮތުގައި ދެކި އެކަމަށް ހައްލު ހޯދައިދިނުމަށް ޓްރާންސްޕޯޓު މިނިސްޓްރީން މަސައްކަތް ކުރުމަށް ހުސެއިން ގޮވައިލެއްވި އެވެ.
"ޓެކްސީ ޑްރައިވަރުންގެ ހުރި ކަންބޮޑުވުން އެއީ ކަންބޮޑުވުމެއް ކަމަށް ގަބޫލުކޮށް އެ މީހުންނަށް ދަތުރުފަތުރު ކުރުމުގެ ނިޒާމުގައި ނުވަތަ ޕާކު ކުރުމުގައި އެ މީހުންގެ ވެހިކަލްތައް ރެޖިސްޓްރީ ކުރުމުގައި ހުރި ގޮންޖެހުމެއް ހުރިއްޔާ އެ ގޮންޖެހުމެއް އެ ބޭފުޅުންގެ ޝަކުވާއާ އެއްކޮށް އަޑުއަހައިގެން އެ ކަންތައްތަކާ ގުޅުންހުރި މުއައްސަސާތަކުން އެ ކަމާ ގުޅުންހުރި މުއައްސަސާތަކުން އެކަމަށް އިޖާބަދީގެން އެބަޖެހޭ އެ ކަމަށް އަވަސް ހައްލެއް ހޯދަން،" ހުސެއިން ވިދާޅުވި އެވެ.
Comment