10 ފެބުރުވަރީ 2025 - 10:23 0
އަހުމަދު އާއިދު
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތުގައި : އެމަނިކުފާނު މިއަދު އިންޑިއާއަށް ވަޑައިގަންނަވާނެ --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
10 ފެބުރުވަރީ 2025 - 10:23 0
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރަސްމީ ދަތުރެއްގައި އިންޑިއާއަށް ފުރާވަޑައިގަންނަވާކަން މިއަދު އިއުލާނު ކުރައްވައިފި އެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނު އިންޑިއާއަށް ފުރާވަޑައިގަންނަވަނީ މިއަދު ކަމަށެވެ. އެހެން ވިދާޅުވުމަށްފަހު މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އާ ރިޔާސަތު ހަވާލުކުރައްވައި މަޖިލީހުން ބޭރަށް ވަޑައިގެންނެވި އެވެ.
ހަތަރު ދުވަހުގެ މުއްދަތަކަށް އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގަންނަވަނީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ދައުވަތަކަށެވެ. އެކަން އެ މިނިސްޓްރީން އިންޑިއާގެ މަޖިލީހަށް އެންގީ ޑިސެމްބަރު، 2024، ގަ އެވެ.
މިއީ މަޖިލިސް ރައީސްގެ މަގާމާ އަބްދުއްރަހީމް ހަވާލުވެވަޑައިގެންނެވުމަށް ފަހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ. އެ ދަތުރާ ގުޅޭ ގޮތުން މިހާތަނަށް ރައްޔިތުންގެ މަޖިލީހުން އެއްވެސް އެއްޗެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ.
އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ސެޕްޓެމްބަރު، 2019، ގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، އެ އަހަރު ރާއްޖޭގެ މަޖިލިސް ރައީސް އިންޑިއާއަށް ޑިސެމްބަރު، 2019، ގައި އަދި އޭޕްރީލް، 2022، ގައި ޒިޔާރަތްކުރި އެވެ.
އަބްދުއްރަހީމް އަކީވެސް ޕީއެންސީން އިދިކޮޅުގައި އޮތް ފަސް އަހަރު ހިންގި އިންޑިއާ އައުޓު ކެމްޕޭނުގެ އިސް ސަފުގައި ހުންނެވި ބޭފުޅެކެވެ. އެ މުޒާހަރަތާއް ލީޑުކުރެއްވީ ވެސް އެމަނިކުފާނެވެ. ނަމަވެސް ސަރުކާރާއި ޕީއެންސީން މިހާރު ބުނަނީ އެއީ ކުރީގެ ރައީސް އަބްދުﷲ ޔާމީނު ހިންގެވި ކެމްޕޭނެއް ކަމަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment