Advertisement

ރިސޯޓުތަކާއި ހޮޓާތަކުގެ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމާއި ބުރުގާ އެޅުން ހުއްދަކުރަން ގޮވާލައި މަޖިލީހަށް ގަރާރެއް

10 ފެބުރުވަރީ 2025 - 10:36 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ރިސޯޓުތަކާއި ހޮޓާތަކުގެ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމާއި ބުރުގާ އެޅުން ހުއްދަކުރަން ގޮވާލައި މަޖިލީހަށް ގަރާރެއް

10 ފެބުރުވަރީ 2025 - 10:36 0

ޓޫރިސްޓު ރިސޯޓުތަކާއި ހޮޓާތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ތުނބުޅި ބެހެއްޓުމާއި ބުރުގާ އެޅުން ފަދަ ކަންކަން ކުރުމަށް މިހާރު ހުރި ހުރަސްތައް ނައްތާލައި، އެ ކަންކަމަކީ ހުއްދަ ކަންކަން ކަމުގައި ކަނޑައަޅައި، ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ މުވައްޒަފުން ހެދުން އަޅަންޖެހޭ ގޮތުގައި އުސޫލެއް އެކުލަވައިލުމަށް ގޮވާލައި ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު، މައުރޫފް ޒާކިރު މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފި އެވެ.

މައުރޫފް މަޖިލީހަށް ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ އިސްލާމީ ޝަރީއަތުގައި ނުވަތަ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައި ނުވާ ކޮންމެ ކަމެއް ކުރުމުގެ މިނިވަންކަން ގާނޫނުއަސާސީގެ 19 ވަނަ މައްދާއިން ދިވެހި ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރު ކޮށްދީފައިވާ ކަމަށާއި އެމީހަކު ބޭނުން ވަޒީފާއެއް އަދާ ކުރުމުގެ މިނިވަންކަން ގާނޫނުއަސާސީގެ 37 ވަނަ މާއްދާއިން ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

ނަމަވެސް ތުނބުޅި މަތިމަސް ބެހެއްޓުމާއި ބުރުގާ އެޅުމަކީ އިސްލާމީ ޝަރީއަތާއި ގާނޫނުތަކާ ހިލާފު ކަމަށް ނުވި ނަމަވެސް ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ބައެއް ތަންތަނުގެ ހެދުންއަޅަންޖެހޭ މިންގަނޑުގެ ދަށުން އެކަންކަން ކުރުމަށް ހުރަސް އެޅޭ ކަމަށް މައުރޫފުގެ ގަރާރުގައި ބުނެފައިވެ އެވެ.

އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރަން ބޭނުންވާ މީހުންގެ ތެރެއިން ބުރުގާ އަޅާ އަންހެނުންނާއި ތުނބުޅި މަތިމަސް ބަހައްޓައިގެން މަސައްކަތް ކުރަން ބޭނުންވާ ފިރިހެނުންގެ ވަޒީފާ އަދާކުރުމުގެ ހައްގަށް ހުރަސް އެޅޭ ކަމަށް މައުރޫފުގެ ގަރާރުގައި ބުނެފައިވެ އެވެ.

އެހެންކަމުން ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގެ މުވައްޒަފުން ތަބާވާންޖެހޭ ހެދުންއެޅުމުގެ ގަވާއިދު އެކުލަވައިލުމުގެ ރިއާޔަތް ކުރަންޖެހޭ އެއްހަމަ، އާންމު މިންގަނޑެއް ނުވަތަ އުސޫލެއް އެކުލަވައިލުމަށް އެ ގަރާރުން ސަރުކާރަށް ގޮވާލައިފައިވެ އެވެ.

އެ އުސޫލުގެ ދަށުން ބުރުގާ އަޅައިގެން މަސައްކަތް ކުރަން ބޭނުންވާ އަންހެނުންނާއި ތުނބުޅި މަތިމަސް ބަހައްޓައިގެން މަސައްކަތް ކުރަން އެދޭ ފިރިހެނުންނަށް ފަތުރުވެރިކަމުގެ ވިޔަފާރި ހިންގާ ތަންތަނުގައި މަސައްކަތް ކުރުމަށް ހުރި ހުރަސްތައް ނައްތައިލުމަށް އެ ގަރާރުގައި ގޮވާލައިފައިވެ އެވެ.