10 ފެބުރުވަރީ 2025 - 09:55 0
އަހުމަދު އާއިދު
ރައީސް މުއިއްޒު ރިޔާސީ ބަޔާން އިއްވަވަން ރައްޔިތުންގެ މަޖިލީހުގައި: ރައީސް ވިދާޅުވެފައި ވަނީ މި އަހަރަށް ހުށަހަޅާ ބަޖެޓާ އެކީ މުސާރަތައް ކުޑަކުރައްވާނެ ކަމަށް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
10 ފެބުރުވަރީ 2025 - 09:55 0
ސަރުކާރުގެ އިގުތިސޯދީ އިސްލާހީ އެޖެންޑާގެ ދަށުން މި އަހަރުގެ ފުރަތަމަ މަހުން ފެށިގެން ކުޑަކުރާނެ ކަމަށް ބުނި މުސާރަތައް ކުޑަނުކުރެވި ވަނިކޮށް, ނިމުނު މަހު މުސާރަތަކަށް ހުރި ހަރަދު އޭގެ ކުރީ އަހަރުގެ އެ މަހަށް ވުރެ އިތުރު ކަމަށް ފިނޭންސް މިނިސްޓްރީގެ ހިސާބުތަކުން ދައްކައިފި އެވެ.
މި އަހަރަށް ފާސްކުރާ ބަޖެޓާއެކީ މުސާރަތައް ކުޑަކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ އޮކްޓޯބަރު 23، 2024 ގައި ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގަ އެވެ. ރައީސް އޭރު ވިދާޅުވީ އެމަނިކުފާނުގެ މުސާރަ ވެސް %50 ކުޑަކުރައްވާނެ ކަމަށެވެ.
ރައީސް ވިދާޅުވީ ސިޔާސީ މުވައްޒަފުންނާއި ބޭންކުތައް ނޫން ސަރުކާރު ކުންފުނިތަކުގެ ވެރިންނާއި ބައެއް މުވައްޒަފުންނާއި މިނިވަން މުއައްސަސާތަކުގެ އިސްވެރިންގެ ޝަރުއީ ދާއިރާގެ އިސްވެރިން އަދި މަޖިލިސް މެންބަރުންގެ މުސާރަ ވެސް ކުޑަކުރައްވާނެ ކަމަށެވެ.
ނަމަވެސް، މި އަހަރުގެ ފުރަތަމަ މަސް ނިމި ފިނޭންސުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން ޖެނުއަރީ މަހު ދައުލަތުން މުސާރަ ދިނުމަށް ޖުމްލަ 412 މިލިއަން ރުފިޔާ ހަރަދުކުރި އެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު މުސާރައަށް ހަރަދުކުރީ 359 މިލިއަން ރުފިޔާ އެވެ.
މުސާރައިގެ އިތުރުން އިނާޔަތްތަކުގެ ގޮތުގައި ދިން ފައިސާގެ އަދަދު ވެސް މި އަހަރު ވަނީ އިތުރެވެ. މި އަހަރުގެ ފުރަތަމަ މަހު ސަރުކާރުން މުވައްޒަފުންނަށް އިނާޔާތުގެ ގޮތުގައި ދިނީ 371 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރު ދިނީ 337 މިލިއަން ރުފިޔާ އެވެ.
ދައުލަތުން މުސާރައަށް ކުރި ހަރަދު އިތުރުވެފައިވާއިރު، މިދިޔަ އަހަރު މަޖިލީހުން ފާސްކުރި ބަޖެޓުގައި ހިމެނި ހަރަދުކުޑަކުރުމުގެ ފިޔަވަޅުތަަށް ރުހުން ހޯދުމަށް ރައީސް މުއިއްޒު މިހާރު ވަނީ މަޖިލީހަށް ފޮނުވާފަ އެވެ.
ނަމަވެސް މިކަންކަން ބަޖެޓުގައި ނުހިމެނި ސަބަބެއް ސަރުކާރަކުން ނުބުނެ އެވެ. މިކަންކަން ނުހިމެނިއިރު, ބަޖެޓު ފާސްކުރީ ބަޖެޓު ދިރާސާކުރާ ކޮމިޓީން ހުށަހެޅި ރެކޮމެންޑޭޝަންތަކެއް ވެސް އުނިކުރުމަށް ފަހު އެވެ.
ރެކޯޑު އަދަދަކަށް އާމްދަނީ ލިބުނު ނަމަވެސް ހަރަދުތައް ދެކޮޅު ނުޖެއްސޭތީ މާލީ އިދާރާތަކުގެ ކަންބޮޑުވުން އެބައޮތެވެ. އަދި، ދަރަނި ނުދެއްކިދާނެ ކަމުގެ ހިރާސް އިންތިހާއަށް ބޮޑު ކަމަށް ބަލައި ބައިނަލްއަގުވާމީ ރޭޓިން އެޖެންސީތަކުން ވަނީ ރޭޓިންތައް ވެސް ރިވިއުކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment