ފަލަސްތީނު ރައްޔިތުން ސައުދީގައި ވަޒަންވެރިކުރަންވީ ކަމަށް ބުނެ ނަތަންޔާހޫ ދެއްކި ވާހަކަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

9 ފެބުރުވަރީ 2025 - 12:25 0

އަހުމަދު އާއިދު

އ

ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލު -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


ފަލަސްތީނު ރައްޔިތުން ސައުދީގައި ވަޒަންވެރިކުރަންވީ ކަމަށް ބުނެ ނަތަންޔާހޫ ދެއްކި ވާހަކަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

9 ފެބުރުވަރީ 2025 - 12:25 0

ގާޒާގައި ދިރިއުޅޭ ފަލަސްތީނުގެ ރައްޔިތުން ސައުދީ އަރަބިއާގައި ވަޒަންވެރިކުރަންވީ ކަމަށް ބުނެ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދެއްކި ވާހަކަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ނަތަންޔާހޫ މިހެން ބުނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމުނުކުރާހާ ހިނދަކު އިޒްރޭލާއެކު އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމަށް ސައުދީން ބުނުމުންނެވެ. ރައްދުގައި އޭނާ ބުނީ ފަލަސްތީނުގެ ދައުލަތެއް ގާއިމުކުރަން ބޭނުންވާނަމަ ސައުދީން އެކަން ކުރަންވީ އަމިއްލަ ގައުމުގައި ކަމަށެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ނަތަންޔާހޫގެ ވާހަކަ ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ. އަދި، ރާއްޖެ އަބަދުވެސް އޮންނާނީ ސައުދީއާއެކު ކަމަށާއި އެ ގައުމުގެ މިނިވަންކަމަށް ބުރޫއަރާފަދަ ކޮންމެ ކަމަކާ ދިވެހިން ދެކޮޅު ހަދާނެ ކަމަށްވެސް ހާރިޖިއްޔާއިން ބުނެފައިވެ އެވެ.

"ނަތަންޔާހޫގެ ވާހަކައަކީ ބައިނަލްގައުވާމީ ގާނޫނުތަކާއި އދ. ގެ ޗާޓަރާ މުޅިން ހިލާފު ވާހަކަތަކެެއް،" ފޮރިން މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެ އެވެ.

އަދި، މިފަދަ ކަންކަމުން ސައުދީގެ މިނިވަންކަމަށް ނުރައްކާ ވުމުގެ އިތުރުން އިޒްރޭލުން އަބަދުމެ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތައް ހާމަވާ ކަމަށެވެ.

މީގެއިތުރުން ދިވެހި ސަރުކާރުން ވަނީ އެމެރިކާއިން ގާޒާ ހިފާނެ ކަމަށް އެ ގައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނުންވެސް ކުށްވެރިކޮށްފަ އެވެ.

ޓްރަމްޕް މިދިޔަ ހަފުތާގައި ބުނީ، އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލުހޭދު ކުރުން ނިމުމުން، އިޒްރޭލުން ގާޒާ ހަވާލު ކުރާނީ އެމެރިކާއާ ކަމަށެވެ. ގާޒާ ހުސްކޮށް އެތަނަށް އެމެރިކާއިން ވެރިވެގަންނަން އުޅޭ މައްސަލަ ސައުދީ އަރަބިއްޔާ ހިމެނޭ ގޮތަށް އަރަބި ބައެއް ގައުމުތަކުން ވަނީ ކުށްވެރިކޮށްފަ އެވެ.

އޮކްޓޯބަރު 7، 2023، ގައި އިޒްރޭލުން ހިންގަން ފެށި ނަސްލުހޭދު ކުރުމުގައި ފަލަސްތީނުގެ 48،181 މީހުން ވަނީ މަރާލައިފަ އެވެ. އޭގެ ތެރެއިން ބޮޑު ބަޔަކީ އަންހެނުންނާއި ކުޑަކުދިންނެވެ. އޭގެ އިތުރުން އިޒްރޭލުގެ ހަމަލާތަކުގައި 111،683 މީހަކު ވަނީ ޒަހަމުކޮށްލައިފަ އެވެ.