Advertisement

ސަރުކާރުގެ ނުފޫޒާ އެކު ވެސް ބައި-އިލެކްޝަންތަކުން އެމްޑީޕީގެ ކެންޑިޑޭޓުން ހޯދީ ކާމިޔާބީއެއް: ފައްޔާޒް

8 ފެބުރުވަރީ 2025 - 22:34 5

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް: ސަރުކާރުގެ ނުފޫޒާ އެކު ވެސް ބައި-އިލެކްޝަންތަކުން އެމްޑީޕީގެ ކެންޑިޑޭޓުން ހޯދީ ބޮޑު ކާމިޔާބީއެއް ކަމަށް ވިދާޅުވި -- ފޮޓޯ: އެމްޑީޕީ


ސަރުކާރުގެ ނުފޫޒާ އެކު ވެސް ބައި-އިލެކްޝަންތަކުން އެމްޑީޕީގެ ކެންޑިޑޭޓުން ހޯދީ ކާމިޔާބީއެއް: ފައްޔާޒް

8 ފެބުރުވަރީ 2025 - 22:34 5

ސަރުކާރުގެ ނުފޫޒާ އެކު ވެސް މިއަދު ކުރިއަށްދިޔަ ކައުންސިލްތަކުގެ ބައި-އިލެކްޝަނުގައި އިދިކޮޅު މައި ޕާޓީ، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ކެންޑިޑޭޓުން ހޯދީ ބޮޑު ކާމިޔާބެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

ފައްޔާޒް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މުޅި ސަރުކާރު ނުކުމެ ދައުލަތުގެ މުދަލާއި ބާރުގެ ބޭނުންކޮށް ބަހަމުންދިޔަ ފައިސާ އާއި ވަޒީފާތަކުގެ ކުރިމަތީގައި އެމްޑީޕީގެ މެމްބަރުން މިއަދު ހޯދީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"ސަރުކާރުން ބިރު ދެއްކި ނަމަވެސް ބިރު ފަހަނައަޅައި ރައްޔިތުން ނުކުންނާނެކަން މިއަދުގެ ނަތީޖާތަކުން ސާފު. ކުރިއަށް އޮތް އިންތިހާބުތަކަށް އަޅުގަނޑުމެން ނުކުންނާނީ މިއަދުގެ ނަތީޖާތަކުން ހިތްވަރު ހޯދައިގެން،" ފައްޔާޒް ވިދާޅުވި އެވެ.

މީގެ އިތުރުން ފައްޔާޒް ވަނީ އިންތިހާބުތަކުގައި އެމްޑީޕީއަށް މަސައްކަތްކޮށްދީ، ވޯޓު ދިން ހުރިހާ އެންމެންނަށް ޝުކުރު އަދާކޮށްފަ އެވެ.

ޖުމްލަ 12 ދާއިރާއަކަށް 13 މެންބަރުން އިންތިހާބުކުރި ބައި-އިލެކްޝަންގައި ޕީއެންސީން ހުރިހާ ދާއިރާއަކަށް ވާދަކުރިއިރު، އެމްޑީޕީން ވާދަކުރީ ހަ ދާއިރާއެއްގެ ހަ ގޮނޑިއަށެވެ. އަދި އަމިއްލަ ގޮތުން ކެންޑިޑޭޓުން ކުރިމަތިލީ ހަ ދާއިރާއަކަށެވެ.

ބައި-އިލެކްޝަންގައި ޕީއެންސީން ނުވަ ގޮނޑި ކާމިޔާބުކުރިއިރު، އެމްޑީޕީން ކާމިޔާބުކުރީ ވާދަކުރި ހަ ގޮނޑީގެ ތެރެއިން ދެ ގޮނޑި އެވެ. އަދި އަމިއްލަގޮތުން ވާދަކުރި ދެ ކެންޑިޑޭޓަކު ވަނީ ޕީއެންސީގެ މައްޗަށް ކުރިހޯދައި ގޮނޑި ކާމިޔާބުކޮށްފަ އެވެ.