Advertisement

ޖަނާބު ބޭނުންވަނީ ބާލިޣުވުމުން އެއީ ކުޑަކުއްޖެއްގެ ގޮތުގައި ނުބަލަން

8 ފެބުރުވަރީ 2025 - 16:53 6

ޖަނާބު މަޖިލީހުގައި: މީދޫގައި ކުޑަކުއްޖާ ހައްޔަރުކޮށް ފުލުސް އޮފީހަށް ގެންދަން އުޅުނީ މަގުމަތީ "އަޑުގަދަ ކުރާ" ކަމަށް ބުނެ -- ފޮޓޯ: މަޖިލިސް


ޖަނާބު ބޭނުންވަނީ ބާލިޣުވުމުން އެއީ ކުޑަކުއްޖެއްގެ ގޮތުގައި ނުބަލަން

8 ފެބުރުވަރީ 2025 - 16:53 6

ކުޑަކުދިން ބާލިޣުވުމުން އެއީ ކުޑަކުއްޖެއްގެ ގޮތުގައި ނުބަލައި، ކުޑަކުދިން ބޮޑެތި މީހުން ގޮތުގައި ބަލަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވެއްޖެ އެވެ.

ޖަނާބު އެހެން ވިދާޅުވީ ރ. މީދޫގައި 14 އަހަރުގެ ކުޑަކުއްޖަކާއި ފުލުހަކާ ދެމެދު ހިނގި ކުރިމަތިލުމެއްގެ ހަބަރާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

"ކުޑަކުއްޖެއް؟ ބާލިޣުވެފައި ތިބެނީ ބޮޑެތި މީހުން ކަމަށް ދެކިގެން ނޫނީ މިފަދަ ޖަރީމާ ނުހުއްޓުވޭނެ،" އޭނާ ވިދާޅުވެފައި އޮތެވެ.

މީދޫގައި ކުޑަކުއްޖާ "ޖަރީމާއެއް" ހިންގި ކަމަށް ދޭހަވާ މޭރުމަކުން ޖަނާބު ވާހަކަ ދެއްކެވި ނަމަވެސް އެކަމެއް އަދި ސާފެއް ނުވެ އެވެ. އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

މީޑިއާތަކަށް ފުލުހުން މިއަދު ފޮނުވި މެސެޖެއްގައި ބުނީ، މަގުމަތީ އަޑުގަދަ ކުރަން އުޅުނު ކުޑަކުދިންތަކެއްގެ ޒާތީ މައުލޫމާތު ހިއްސާ ކުރަން އެތަނަށް ކުލަ ހެދުމުގައި ދިޔަ ފުލުހަކު އަމުރުކޮށްފައިވާ ކަމަށެވެ. ޒާތީ މައުލޫމާތު ދޭން ދެކޮޅު ހެދުމުން ދެން އެ ފުލުސް މީހާ އަމުރު ކުރީ ކުޑަކުދިންތައް ފުލުސް އޮފީހަށް ގެންދިޔުމަށެވެ.

ފުލުސް އޮފީހަށް ދާން އެންގުމުން އެތަނުން ކުޑަކުއްޖަކު ފުލުސް މީހާއަށް ހަމަލާދީފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ. އެ ކުއްޖާގެ އާއިލާއިން ބުނަނީ ފުލުސް މީހާ ކުޑަކުއްޖާއަށް އަނިޔާކޮށްފައިވާ ކަމަށެވެ.

މީހެއްގެ ޒާތީ މައުލޫމާތު ދިނުމަށް ފުލުހަކަށް އެންގޭނީ އެ މީހަކު ޖިނާއީ ކުށެއް ކޮށްފައިވާކަން ސަބަބުވެރި ވިސްނުމަކުން ވިސްނާއިރު ގަބޫލު ކުރެވޭ ނަމަ އެވެ. އެ ކުޑަކުއްޖާ ކުރީ ކޮން ޖިނާއީ ކުށެއްކަން ފުލުހުން ބަޔާނެއް ނުކުރެ އެވެ. އަދި ފުލުސް އޮފީހަށް ގެންދަން ބޭނުންވީ ކީއްވެ ކަމެއް ވެސް ނުބުނެ އެވެ.