7 ފެބުރުވަރީ 2025 - 11:24 0
އަހުމަދު އާއިދު
ސަރުކާރުން ރާއްޖޭގެ އޮޕަރޭޓުކުރާ އެއާ އެމްބިއުލާންސް : މަރުވި އަންހެން މީހާ ބަލާދިޔައިރު އެ އުޅަނދުގައި ހަމައަށް ސިއްހީ އާލަތްތައް ނެތް ކަމަށް އާއިލާއިން ތުހުމަތުކުރޭ --- ފޮޓޯ: އައިލެންޑް އޭވިއޭޝަން
7 ފެބުރުވަރީ 2025 - 11:24 0
ގއ. ވިލިނގިލީގައި މާބަނޑު އަންހެނެއްގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެންގޮސް ސިޒޭރިއަން ހެދިފަހުން، އިތުރަށް ހާލަތު ގޯސްވެ، އެމަޖެންސީގައި މާލެ ނުގެނެވިގެން އުޅުމުގެ ތެރޭގައި ދެމައިން ވެސް ނިޔާވި ހާދިސާގައި އެއްވެސް މީހެއް އިހުމާލެއް އޮތްތޯ ތަހުގީގުކުރަން ފުލުހުންނަށް އަންގައިފި އެވެ.
ބަނޑަށް އަށް މަހުގެ ޝިއުނާ ވަހީދު، 35، ވިލިނގިލީ ހޮސްޕިޓަލަށް ގެންދިޔައީ އަންގާރަ ދުވަހު ރޭގެ ވަގުތެއްގައި ނޭވާލާން އުނދަގޫވެގެންނެވެ. އޭނާގެ ހާލު ރަނގަޅުނުވެގެން ސިޒޭރިއަން ހަދައި އަށް މަހުގައި ދަރިފުޅު ނެގީ ބުދަ ދުވަހު ހަވީރެވެ.
ދަރިފުޅު ނެގި ފަހުން ވެސް ހާލު ރަނގަޅުނުވެގެން، މާލެ ގެންދަން މަސައްކަތް ކުރަމުން ދަނިކޮށް ޝިއުނާ ނިޔާވީ ރޭ ދަންވަރު ކޫއްޑޫ އެއާޕޯޓުގެ ރަންވޭ މަތީގަ އެވެ. ދަރިފުޅު ނިޔާވީ މާލެ ގެންދަން އެރުވި މަތިންދާބޯޓުގައި ކަމަށް އާއިލާއިން ބުނެ އެވެ.
މިކަމާ ގުޅިގެން ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މިކަމުގައި ފުލުހުން ހިންގާނީ ޖިނާއީ ތަހުގީގެއް ކަމަށެވެ.
"[މި] ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާއީ ތަހުގީގެއް ހިންގާ އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއްހޯދާ ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުންވަނީ ދިވެހި ފުލުހުންނަށް އަންގާފަ،" އިހުސާން ލިޔުއްވާފައިވެ އެވެ.
ފުލުހުން ތަހުގީގު ފެށި ނަމަވެސް، ސިއްހީ ހިދުމަތްތަކުގެ ބެލެނިވެރި ވުޒާރާ، ހެލްތު މިނިސްޓްރީން މިހާތަނަށް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ.
މި ހާދިސާގައި ބައެއްގެ އިހުމާލު އޮތް ކަމަށް ޝިއުނާގެ އާއިލާއިން ބުނެ އެވެ. އެގޮތުން، ވިލިނގިލީ ހޮސްޕިޓަލާއި އެއާ އެމްބިއުލޭންސުގެ އިހުމާލު އެކަމުގައި އޮތް ކަމަށް އާއިލާއިން ބުނެ އެވެ.
ޝިއުނާގެ އޮކްސިޖެން ލެވެލް އިންތިހާއަށް ދަށްވިއިރު ވެސް ހޮސްޕިޓަލުން އެކަން ސީރިއަސްކޮށް ނުނަގާ ކަމަށް އާއިލާއިން ބުނެ އެވެ. އަދި ދެމައިން ބަލައި ފޮނުވި އެއާ އެމްބިއުލޭންސްގައި އޮކްސިޖަން އާއި އެހެނިހެން ސާމާނު ހަމައަށް ނެތް ކަމަށް ވެސް އާއިލާއިން ބުނެ އެވެ.
ޝިއުނާގެ ދެމައިން ބަލާ އައި އެއާ އެމްބިއުލޭންސް ކޫއްޑޫ އެއާޕޯޓަށް ޖެއްސީ ރޭ 10:50 ގަ އެވެ. އެ ވަގުތުން ފެށިގެން އޭނާ ބޯޓަށް އަރުވަން ހޮސްޕިޓަލުން މަސައްކަތް ކުރި އެވެ.
އެކަމަކު، އޮކްސިޖަން މާ ބޮޑަށް ދަށްވުމުން ބޯޓަށް ނޭރުވުނު ކަމަށް އާއިލާއިން ބުންޏެވެ. އަދި ބޯޓުގައި ވެސް ހަމައަށް އޮކްސިޖަން އާއި އެހެނިހެން ސާމާނު ނެތް ކަމަށް އާއިލާއިން ބުންޏެވެ.
Comment