6 ފެބުރުވަރީ 2025 - 11:24 0
އަހުމަދު އާއިދު
ކްރިމިނަލް ކޯޓު އިމާރާތް: މި އަހަރު ތެރޭ ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމުކުރާނެ ކަމަށް ރައީސް ވިދާޅުވި --- ފޮޓޯ: އަދަދު
6 ފެބުރުވަރީ 2025 - 11:24 0
މި އަހަރު ތެރޭ ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމުކުރަން ނިންމާފައިވާ ކަމަށާއި އެކަމާ ގުޅޭ ބިލު ސަރުކާރުން މަޖިލީހަށް ފޮނުވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ފުރަތަމަ ޖަލްސާގައި، މި އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ، ޖިނާއީ އަދުލުގެ ނިޒާމަކީ ރައްޔިތުންގެ އިތުބާރު ލިބިގެންވާ ގޮތުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ ނިޒާމަކަށް ހެދުމަށް ސަރުކާރުން އިސްނަގައިގެން މަސައްކަތް ކުރަން ގަސްތުކުރާ ކަމަށެވެ.
އެގޮތުން އެކަން ކުރެވޭނެ ގޮތެއް ބަލާއިރު ކުރިއަރާފައިވާ މިނިވަން ޑިމޮކްރެޓިކް ގައުމުތަކުގައި "ޕަބްލިކް ޑިފެންޑާސް އޮފީސް" ނަމުގައި ދައުލަތުގެ ދިފާއީ ވަކީލުންގެ އޮފީހެއް ގާއިމުކުރެވިފައި ހުންނަ ކަމަށާއި ޖިނާއީ މައްސަލަތަކުގައި އަމިއްލައަށް ވަކީލުން ނެގުމުގެ މާލީ ތަނަވަސްކަން ނެތް ފަރާތްތަކަށް ދިފާއީ ވަކީލުން ހަމަޖައްސައިދޭ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
"ޕަބްލިކް ޑިފެންޑާސް އޮފީހެއް ގާއިމުކޮށް ޖިނާއީ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ދޭނެ. އެކަމަށް ތަހުސީސް ވެގެން ތިބޭނެ ވަކީލުންތަކެއް އުފެއްދިއްޖެނަމަ ޖިނާއީ އަދުލުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާ ކުރެވޭނެ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން ގަސްތުކުރަނީ މި އަހަރުގެ ތެރޭގައި ޕަބްލިކް ޑިފެންޑާސް އޮފީސް ގާއިމުކުރުމާބެހޭ ހާއްސަ ބިލެއް މަޖިލީހަށް ހުށަހަޅާ މި ނިޒާމު ގާއިމުކޮށްދިނުން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް މިއަދުގެ ރިޔާސީ ބަޔާން އިއްވެވީ މަޖިލީހުގެ ތެރޭގައި އިހުތިޖާޖުކުރަމުން ދިޔަ އެމްޑީޕީގެ ބައެއް މެންބަރުން ބޭރުކުރުމަށްފަހުގަ އެވެ. ބޭރުކުރި މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިމް އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ހިމެނެ އެވެ.
Comment