ރައީސް ވިދާޅުވީ ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް ގެންނަން ފަށާފައިވާ ކަމަށް

6 ފެބުރުވަރީ 2025 - 06:09 0

ރައީސް މުއިއްޒު މިއަދު ވާހަކަ ދައްކަވަނީ: ވިދާޅުވީ އާސަންދަ ހަރުދަނާ ކުރަން މިއަހަރު ވެސް ފިޔަވަޅުތަކެއް އަޅުއްވާނެ ކަމަށް -- ފޮޓޯ: މަޖިލިސް


ރައީސް ވިދާޅުވީ ރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް ގެންނަން ފަށާފައިވާ ކަމަށް

6 ފެބުރުވަރީ 2025 - 06:09 0

ދިވެހިރާއްޖެއަށް ފެންވަރު ރަނގަޅު ބޭސް މިހާރު އެތެރެ ކުރަން ފަށާފައިވާ ކަމަށް ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ފެންވަރު ރަނގަޅު ބޭސް ރާއްޖެ އެތެރެ ކުރަން ފެށީ އާސަންދަ ރިފޯމް ކުރަން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ.

"އާސަންދައިގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި، ނިމިދިޔަ އަހަރު ވާނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައި. އެ ގޮތުން ފުރަތަމަ ކަމަކަށް ބޭހުގެ ބަލްކް ޕްރޮކިއުމަންޓްގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު ބޭސް ރާއްޖެއަށް ގެންނަން ފެށިން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އާސަންދަ ހަރުދަނާ ކުރަން ކުރަމުންދާ މަސައްކަތުގެ ތެރެއިން ބައެއް ބޭސްތަކުގެ އަގު ކޮންޓްރޯލްކޮށް، ގަނޑުކޮށް ބޭސް ގެންނަ ފެށުމުން ބައެއް ފަރާތްތަކުން އާންމުންނަށް އުނދަގޫވާ ގޮތަށް ކަންތައްތަކެއް ކުރަން ފެށި ކަމަށެވެ. ނަމަވެސް އެއީ ކޮން ކަމެއްކަން ރައީސް ވިދާޅެއް ނުވެ އެވެ.

"މި ބަދަލުތަކާއެކު، ބައެއް ފަރާތްތަކުން ކަންކުރަން ފެށި ގޮތުން، އާންމު ރައްޔިތުންނަށް ދަތިތަކެއް ކުރިމަތިވާން ފެށި. ނަމަވެސް އެންމެ ފިޔަވަޅެއް ވެސް ފަހަތަށް ނުޖެހި، އެކަމުގައި އަޅުގަނޑުމެން ކުރިއަށް ފިޔަވަޅުއެޅީމު،" ރައީސް ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާ ފަށައި ރައީސް މުއިއްޒުގެ ވާހަކަ ފެށުމާއެކު އެމްޑީޕީގެ މެންބަރުން ވަނީ އެކި ޝުއޫރުތައް ލިޔެފައި ހުރި ބޯޑުތަކާއެކު އިހުތިޖާޖު ކުރި އެވެ. މެންބަރުން ދިޔައީ މާލަމުގައި ވާހަކަ ދައްކައި، އަނގަބަހުން ޝުއޫރުތައް ފާޅު ކުރަމުންނެވެ.

އެއާއެކު ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މެންބަރުންގެ ނަން އިއްވައި މަޖިލިސް ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް އަމުރު ކުރައްވައިފަ އެވެ. އެމްޑީޕީ ތަމުސީލު ކުރާ 12 މެންބަރުންގެ ތެރެއިން ގިނަ މެންބަރުންގެ ނަން އިއްވި އެވެ.

ނަން އިއްވި ފަހުން ވެސް މެންބަރުން ގެންދިޔައީ ތަޅުމުގައި އިހުތިޖާޖު ކުރަމުންނެވެ. ދެން އަބްދުއްރަހީމް، ރައީސް މުއިއްޒަށް އިޝާރާތް ކުރެއްވީ ވާހަކަ މެދުކަނޑާލުމަށެވެ. އަދި ޖަލްސާ ވެސް މެދުކަނޑާލިކަން އިއުލާނު ކުރައްވައި ވިދާޅުވީ އަލުން ފަށާނީ ނަން އިއްވި މެންބަރުން މާލަމް ދޫކުރައްވައި ވަޑައިގަތުމުން ކަމަށެވެ.

ޖަލްސާ މެދުކަނޑާލި ފަހުން މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ގާޑުން ވަނީ ބައެއް މެންބަރުން ގަދަކަމުން ތަޅުމުން ބޭރަށް ނެރެފަ އެވެ. ގަދަކަމުން ނެރުނު މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިމް އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ހިމެނެ އެވެ.

ޖަލްސާ އަލުން ފެށީ މެންބަރުން ތަޅުމުން ބޭރު ކުރުމަށްފަހެވެ.