6 ފެބުރުވަރީ 2025 - 09:18 0
6 ފެބުރުވަރީ 2025 - 09:18 0
މެޑްރިޑް (ފެބްރުއަރީ 6) - ފަހު ވަގުތު ޖެހި ގޯލުން 3-2 އިން ލެގަނޭސް ބަލިކޮށް، ސްޕެނިޝް ކަޕްގެ ސެމީ ފައިނަލުން ރެއާލް މެޑްރިޑް ޖާގަ ހޯދައިފި އެވެ.
މި މެޗުގައި ފުރަތަމަ ރެއާލުން ދެ ގޯލުގެ ލީޑެއް ނެގި ނަމަވެސް ލެގަނޭސް އިން ވަނީ އެއްވަރުކޮށްފަ އެވެ. އެކަމަކު، ރެއާލުން ވަނީ ބަދަލުތަކެއް ގެނެސް އިތުރުު ވަގުތުގައި ޖެހި ގޯލާ އެކު މެޗުން މޮޅުވެފަ އެވެ.
ލެގަނޭސް ދަނޑުގައި ކުޅުނު ނަމަވެސް ރެއާލުން ވަނީ ފުރަތަމަ 25 މިނިޓް ތެރޭ ދެ ގޯލުގެ ލީޑެއް ނަގައިފަ އެވެ. އެ ގޮތުން، ރޮޑްރީގޯ ދިން ބޯޅައަކުން ރެއާލަށް ލީޑުނަގައިދިނީ ލޫކަ މޮޑްރިޗް އެެވެ. އުމުރުން 39 އަހަރުގެ މޮޑްރިޗަކީ ރަސްމީ މެޗެއްގައި ރެއާލަށް ގޯލު ޖަހައިދިން އެންމެ ދުވަސްވީ ކުޅުންތެރިޔާ އެވެ.
ރެއާލްގެ ދެ ވަނަ ގޯލު ޖެހީ، ބްރެޒިލްގެ ޒުވާން ތަރި، އެންޑްރިކް އެވެ.
ލެގަނޭސް އިން ދެ ގޯލު ޖަހައި، ފަހަތުން އަރައި އެއްވަރުކުރިއިރު، މި ދެ ގޯލު ވެސް ޖެހީ، ހުއާން ކްރޫޒް އެވެ. މީގެ ތެރެއިން ފުރަތަމަ ގޯލަކީ، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕެނަލްޓީ އަކުން ޖެހި ގޯލެކެވެ. އެއްވަރުކުރި ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ.
ރެއާލް މޮޅުވި ގޯލު އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ޖެހީ، 20 އަހަރުގެ ގޮންޒާލޯ ގާސިއާ އެވެ. ބްރަހިމް ޑިއާޒް ނެގި ހުރަހަކުން ގާސިއާ ބޮލުން މި ގޯލު ޖެހިއިރު، މިއީ އޭނާ މި ސީޒަނުގައި ސީނިއާ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. އޭނާ އަންނަނީ ތިން ވަނަ ޑިވިޝަނުގައި ރެއާލްގެ ބީ ޓީމަށް މޮޅު ކުޅުމެއް ދައްކަމުންނެވެ. އެއީ، 21 މެޗުން 19 ގޯލު ޖަހައިގެންނެވެ.
ރެއާލަކީ ސްޕެނިޝް ކަޕް ސެމީ އަށް ދަތުރުކުރި ދެ ވަަނަ ޓީމެވެ. އެތުލެޓިކޯ މެޑްރިޑުން ވަނީ ކުއާޓާ ފައިނަލުގައި ގެޓަފޭ އަތުން 5-0 އިން މޮޅުވެ، ސެމީން ޖާގަ ހޯދައިފަ އެެވެ.
Comment